ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މުއިއްޒު ނިސްބަތްވާ ޕީޕީއެމުންވެސް ވަނީ ޔަގީންކޮށްދީފައެވެ. މުއިއްޒުއަކީ ޕީޕީއެމްގެ ނާއިބް ރައީސެކެވެ.
ޕީޕީއެމްގެ އިސްތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މުއިއްޒުގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަައިވާ ކަމަށެވެ. ނަމަވެސް މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗްގައި މުއިއްޒު އެޑްމިޓް ކުރީ އިއްޔެ އެވެ.
މުއިއްޒުއަށް ފަރުވާ ދެނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އަޑުފެތުރުނު ނަމަވެސް އެއީ ދޮގެއް ކަމަށް ހީނާ ވިދާޅުވިއެވެ. ނަމަވެސް މުއިއްޒު ފަރުވާ ހޯއްދަވަނީ ކޮން ބައްޔަކާއި ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.
މުއިއްޒުއަށް އަވަސް ޝިފާއަކަށް އެދި ގިނަ ބަޔަކު ދަނީ ހެޔޮއެދުމުގެ ޝުއޫރުތައް ފޮނުވަމުންނެވެ.