ހުޅުމާލޭގައި ޕާކިން މައްސަލަ ބޮޑުވަމުންދާތީ މައްސަލަ ހައްލު ކުރަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފިޔަވަޅު ތަކެއް އަޅަން ނިންމައިފި އެވެ.
ދިރިއުޅުން ފަސޭހަ ވާނެ ގޮތަށް ޕްލޭން ކޮށްގެން ހިއްކައި މީހުން އާބާދުވެފައިވާ ހުޅުމާލެ ބަލަހައްޓާ، އެޗްޑީސީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލު ކުރަން ފިޔަވަޅު ތަކެއް އަޅަން ފަށާފައިވާ ކަމަށާ، އެކަމަށް ހައްލު ގެންނަން މިންގަނޑު ތަކެއް ކަނޑައަޅައި ކަރުދާހެއް ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
"ކޮންމެ ފްލެޓަކަށް ޕާކިން ސްޕޭސްއެއް ނުހެދޭނެ. އެހެންވެ އެ ބޭފުޅުންނަށް އެބަ ބޭނުންވޭ މަގުމަތި ނޫނީ ކޮންމެ ވެސް ޕާކިން ސަރަހަދެއް. ފްލެޓުތަކުގެ ސަރަހައްދުގެ ވަރަށް ބޮޑުބައި މިހާރު ވާނީ ޕާކިން އަށް ހާއްސަކޮށްފައި،" ސުހައިލް ވިދާޅުވި އެވެ.
ގަރާޖަށް ރަޖިސްޓްރީކޮށް ފަހުން އެހެން ކަމަކަށް
ސުހައިލް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ގޯތި ގަނެގެން އުޅޭ މީހުން ވެހިކަލް ޕާކު ކުރަން ގަރާޖެއް ދެއްކި ނަމަވެސް، ފަހުން އެތަން އެހެން ކަމަށް ބޭނުން ކުރާކަން ފާހަގަވެފައި ވެއެވެ.
"ގަރާޖަށް ހުއްދަ ނެގުމަށްފަހު ބައެއް ފަހަރު ފަހުން ގޭގެ ސިޓިން ރޫމަށް އެބަ ބަދަލުވޭ. އެހެންވެ މިއީ އިމްޕްލިމެންޓް ކުރަން ދަތި. އެހެންވީމަ، އަނެއްކާ ވެސް ކާރު އޮންނަނީ މަގުމަތީގައި." ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ރައީސް އޮފީހުގައި ބައްދަލުވުމެއް ވެސް ބާއްވާފައި ވެއެވެ.
"މިހާރު އެންމެ ގިނަ ޝަކުވާ އަންނަ އެއް ކަމަކީ ޕާކިން ހުއްދަ ނުދިނުން. ނަމަވެސް އެ ހުއްދަ ދޫކޮށްލައިފިނަމަ މާލެ ގޮތަށް ވެދާނެ. މިހާރު ވެސް މަގުމަތީގައި ނުދުއްވޭ ފަދަ ވެހިކަލްތައް އެބަހުރި،" ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ޕާކިން މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރާ ގުޅިގެން ޕާކިން ސްލޮޓް ހަޔާ ކުރެވޭނެ ނިޒާމެއް އެކުލަވާލަން މަސައްކަތް ކުރަމުންދެ އެވެ.
"މިހާރު އޮންނަނީ މީހަކަށް ރަޖިސްޓްރީ ކުރަން ދޭ ހުއްދައާއެކު އެއީ ލައިފްޓައިމަށް ލިބޭ ހުއްދައެއް. ނަމަވެސް މިހާރު އިންޓްރޮޑިއުސް މި ކުރަނީ ވަކި ޓާމަކަށް މުއްދަތު ދިނުން. މިހެން ހެދީމަ މުއްދަތު އިތުރު ކުރެވޭނެ. އޭރުން ކާރު ވިއްކާލާ ނޫނީ އެހެން ރަށަކަށް ކާރު ގެންގޮސްފިނަމަ ޕާކިން ސްލޮޓް ހުސް ވާނެ،" ސުހައިލް ވިދާޅުވި އެވެ.