ހަބަރު

ފަސްކުރި ދޯނި: 26 މީހަކަށް ބިރު ދެއްކުމުގެ ދައުވާ

ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސްދޯންޏެއް ހައިޖެކް ކުރި މައްސަލާގައި 26 މީހެއްގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު، ލ. ވަޑިނޮޅި ކައިރީ އެން ދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް އެރި މީހުން ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ފަޅުވެރިންނަށް އަނިޔާކުރި ހާދިސާ އެއް ވަނީ ހިނގައިފަ އެވެ.

ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު އަވަސް އަށް ވިދާޅުވީ، ހަތިޔާރާއެކު "ފަސްކުރި" ދޯންޏަށް އަރައި، އެ ދޯނީގެ ފަޅުވެރިން ރަހީނުކުރި މައްސަލާގައި 26 މީހެއްގެ މައްޗަށް ދައުވާކުރުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ ހުރިހާ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ، ބިރު ދެއްކުމުގެ ކުށުގެ ދައުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް، ދޯނި ހައިޖެކް ނުކުރާ ކަމަށާއި އަދި އެއްވެސް މީހަކަށް ބިރު ނުދައްކާ ކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.