ބޭރު ކުޅިވަރު

މެންޗެސްޓާގެ ދެ ޓީމުގެ ތެރެއިން ފެވަރިޓުންނަކީ ސިޓީ: ވެންހާލް

އިނގިރޭސި ޕްރެމިއާ ލީގުގައި މާދަމާ މެންޗެސްޓާގެ ވާދަވެރި ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑް މެޗުގެ ފެވަރިޓުންނަކީ ސިޓީ ކަމަށް ޔުނައިޓެޑުން ބުނެފި އެވެ.

އެކުލޮބުގެ ކޯޗު ލުއިސް ވެންހާލް ބުނީ އޭނާ ޓީމަކީ ލީގުގެ ތިން ވަނަ ޓީމު ކަމަށެވެ.

"އެމީހުންނަކީ އެއްވަނަ ޓީމު. އަހަރުމެންނަކީ ތިން ވަނަ ޓީމު. ގޯލު ޑިފަރެންސާއި ޕޮއިންޓުގެ ތަފާތު ވެސް އެބަހުރި. އެމީހުންނަކީ ފެވަރިޓުންނަކީ،" ވެންހާލް ބުންޏެވެ.

އޭނާ މިހެން ބުނިއިރު މި ދެ ޓީމުގެ އެންމެ ފަހުގެ އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވީ ވެސް ސިޓީ އެވެ.

ކޯޗު ބުނީ އޭނާ މިހެން ބުނުމުން ޔުނައިޓެޑުގެ ސަޕޯޓަރުން ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް އޭނާ ވާހަކަ ދައްކަނީ ސަޕޯޓަރުން ނަފްސާނީގޮތުން އޮޅުވާލުމެއްގެ ތެރެއަށް ފޮނުވާލަންނޫން ކަމަށެވެ. އޭގެ ބަދަލުގައި ހަގީގަތަށް ވާހަކަ ދައްކަން ޖެހޭ ކަމަށާއި ދެ ޓީމުގެ މެދުގައި ތަފާތު ހުރިކަން ސަޕޯޓަރުން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

މި މެޗަށް ދެ ޓީމު ނުކުންނައިރު ޓޭބަލުގެ އެއްވަނާގައި ސިޓީ އޮތީ ނުވަ މެޗުން 21 ޕޮއިންޓާއެކުގަ އެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލުގެ ތަފާތުން ދެ ވަނާގައިވަނީ އާސެނަލް އެވެ.