ދުނިޔެ

ތުރުކީއާއެކު ގުޅުމަކަށް އުންމީދުކުރާ ކަމަށް ބުނެ އިޒްރޭލުން އިޝާރާތެއް ކޮށްލައިފި

އަންކާރާ އާއި ޓެލް އަވީވްއާ ދެމެދުން ގާތް ގުޅުމަކަށް އުންމީދު ކުރެވޭ ކަމަށް ވިދާޅުވެ، ތުރުކީގައި ހުންނަވާ އިޒްރޭލް އެމްބަސީގެ "ޝާޒޭ ޑެފެއާ"، މރ. ރޮއީ ގިލާޑް އިޝާރާތެއް ކުރައްވައިފި އެވެ. ޝާޒޭ ޑެފެއާ އަކީ އެމްބެސެޑަރަކަށް ވުރެ ކުޑައިކޮށް ދަރަޖަދަށް މަގާމެކެވެ. އެހެން ނަމަވެސް، އެމްބެސެޑަރަކަށް ޚާއްސް ހުރިޔާ އިނާޔަތެއް، ހިމާޔަތެއް އުނިއިތުރެއް ނެތި އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިލައްވަ އެވެ.

އަންކާރާގައި ހުންނަ އިޒްރޭލް އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުައި، މަގާމުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ޑިސެމްބަރު 31 ގައި މރ. ރޮއި ގިލާޑް އެނބުރި ގައުމަށް ވަޑައިގަންނަވާނެ އެވެ.

"އަޅުގަނޑުމެންގެ ޝާޒޭ ޑެރެއާ ފުރާވަޑާއިގަތުމުގެ ކުރިން ވަނީ ސިޓީއެއް ލިޔުއްވައި ތިޔަ ބޭފުޅުންނަށް ރައްދު ކޮށްދެއްވުމަށް އެދިވަޑައިގެންފައި" ޓްވީޓްގައި ވެ އެވެ. އަދި ގިލާޑްގެ ސިޓީ ވެސް ވަނީ ޓްރީޓްކޮށްފަ އެވެ.

"2020 ނިމެމުން އަންނައިރު ގާތް ގުޅުމަކަށް އުންމީދު ކުރެވޭތީ އެބަ ފެނޭ،" ގިލާޑް ލިޔުއްވާފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ނިމުމާ ހަމައިން ތުރުކީގައި އޭނާ ފެއްޓެވި މަސައްކަތްތައް ވެސް ނިމުމަކަށް އަންނާނެ އެވެ. އެހެންކަމުން 2020 ނިމޭ ދުވަސް، [ބުރާސްފަތި ދުވަސް] ވާނީ އަންކާރާގައި އޭނާ ހޭދަކުރެއްވި ދޮޅުއަހަރު ނިމޭ ދުވަހަށެވެ.

ތުރުކީއާއެކު އޮތް ގުޅުމާ ބެހޭ ގޮތުން މާޒީއަށް ވަޑައިގަންނަވަމުން ގިލާޑް ވިދާޅުވީ އަޑިގުޑަން އަހަރެމެން ތަޖުރިބާކުރައްވައިފިން ކަމަށެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ އިޒްރޭލް އެމްބަސީން ކުރި ޓްވީޓް

"ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު ވެސް ހާލަތު އޮތީ މިދެންނެވި ކަހަލަ ގޮތަކަށް،" ގިލާޑް ވިދާޅުވި އެވެ. "އެހެން ނަމަވެސް އެކުގައި މާޒީވެދިޔަ 70 އަހަރަކީ ވެސް އިގުތިސޯދީ ގޮތުންނާޢި ސަގާފީ ގޮތުން ހަރުދަނާ ދުވަސްތަކެއް"

ގިލާޑް ލިޔުއްވާފައިވާ ގޮތުގައި އިޒްރޭލާއެކު އެންމެ ފުރަތަމަ ގުޅުން ބަދަހިކުރި އިސްލާމީ ދައުލަތަކީ ވެސް ތުރުކީ އެވެ.

"އަޅުގަނޑާއި އަނބިކަނބަލުން ނިޓްޒާ މި ގައުމު ދޫކޮށް ދާއިރު، މިދަނީ ހުސްއަތަކާނޫން" ގިލާޑް ލިޔުއްވާފައި ވެއެވެ. "ތަރައްގީއަށް ޓަކައި ދާއޮހޮރުވާ މުރާލި ބައެއްގެ ފޮނިހަނދާންތަކާއެކު" ވެސް މެއެވެ.

އިޒްރޭލާއެކު ގާތް ގުޅުމަކަށް އުންމީދުކުރައްވާ ކަމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ވިދާޅުވެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.