ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ގެ ފުރަތަމަ އެޕިސޯޑް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރި ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑް ރޭ ބާރަ ޖެހުމާއެކު ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ އާ އަހަރުގެ ހާއްސަ ހަދިޔާއެއްގެ ގޮތުންނެވެ. މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ގެނެސްދޭ މި ވެބް ސީރީޒްގެ ފުރަަތަމަ އެޕިސޯޑް ހިލޭ ބަލާލެވޭނެ އެވެ. މި އެޕް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ އިން ޑައުންލޯންޑް ކުރެވޭނެ އެވެ.
ގިނަ ތަރިންތަކެއް ފެނިގެންދާ މި ވެބްސީރީޒްގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެންދާނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކުވެސް ފެނިގެންދާނެ އެވެ. އަދި މުހައްމަަދު ފައިސަލް އާއި އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.
ފުރަތަމަ އެޕިސޯޑް ގިނަ ބަޔަކު ބަލާފައިވާއިރު އެތަށް ބަޔަކު ގެންދަނީ ކުރިއަށް ހުރި އެޕިސޯޑްތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. ހެވާ، މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދާ މި ވެބްސީރީޒްގެ ފުރަތަމަ އެޕިސޯޑް ބެލި ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
"ރޫމީ އާ ޖަންނަތު" ގެ މައިގަނޑު ކާސްޓުގެ އިތުރުން ކުދިކުދި ރޯލްތަކުން އަދިވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. "ރޫމީ އާ ޖަންނަތު" ގެ ތަރިންގެ ޕޯސްޓަރުތަކުން ފެންނަ ގޮތުގައި ނުޒޫއަކީ ސިފައިންގެ މީހެކެވެ. އަދި ފުބޫއަކީ ޝެފެކެވެ.
"ރޫމީ އާ ޖަންނަތު" ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އަދި މުހައްމަދު ފައިސަލްއެވެ. ޕްރޮޑިއުސް ކުރަނީ މޮގާގެ އިތުރުން އައިޝަތު ފުއާދެވެ. މި ވެބްސީރީޒްގެ ފުރަތަމަ ސީޒަންގައި 15 އެޕިސޯޑް ގެނެސްދޭނެ އެވެ.