ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން ފަށައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ. އެހެން ކަމުން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރަން ނިންމާ މިއަދު ވަނީ ކައުންޑްޓައުން ފަށާފައެވެ. ކައުންޓްޑައުން ފަށާފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ހިދުމަތެއް ކުރެއްވި އިޓަލީގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު ފެށި ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ވީޑިއޯ މެސެޖްތައް އާންމު ކުރަމުން ގެންދާނެ ކަމަަށެވެ.
މިއަދު ރާއްޖެއަށް އައި މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.
އްޖޭގެ ޓޫރިޒަމް ފަށައި ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ހުޅުވީ ކ. ވިހަމަނާފުށީގައި ހިންގި ކުރުނބާ ވިލެޖެވެ. އަދި މިހާރުގެ ގޮތުން ނަމަ ކުރުނބާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އެވެ. އެންމެ ފުރަތަމަ ޓޫރިސްޓުންގެ ގޮތުގައި އައިސްފައިވަނީ ސްރީލަންކާ މަގުން ރާއްޖެ އަށް އައި އިޓަލީވިލާތުގެ ޓޫރިސްޓުންގެ ގްރޫޕް އެކެވެ. މި ޓޫރިސްޓުން ގެނައުމުގައި އުޅުއްވީ ހުސެއިން އަފީފު (ޗަމްޕާ އަފީފު) އާއި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ އިތުރުން މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް (މަސްއޮޑި ނަސީމް) އެވެ،
ކުރުނބާ މޯލްޑިވްސް އަށް ޓޫރިސްޓުން އައިއިރު ހިދުމަތް ދިނުމުގައި އުޅުއްވީ މިހާރު ކުނބާ ހިންގާ ޔުނިވާސަލް ކުންފުނީގެ ވެރިޔާ، މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އާއި ޗަމްޕާ ކްރައުން ކުންފުނީގެ ވެރިޔާ، ހުސެއިން އަފީފު (ޗަމްޕާ އަފީފު) އެވެ. އަފީފުގެ އޭރު އަދާކުރެއްވީ އެ ރިސޯޓުގެ މެނޭޖަރުގެ މަގާމެވެ. ފުރަތަމަ މި ރިސޯޓު ހުޅުވާފައިވަނީ 30 ކޮޓަރިއާއެކުގަ އެވެ. އޭރު މި ކޮޓަރިތައް ހަދާފައި ހުރީ ފަހުން ހިޔާކޮށްފަ އެވެ. އަދި އެނދުގެ ގޮތުގައި ބޭނުން ކުރީ އޮށިން ހަދާފައިވާ އަށި ތަކެކެވެ. ފާހާނާ ކުރަމުން ދިޔައީ އަތުރި މަތީގައި ވަޅު ޖަހައިގެން ހެދި ފާހާނާ އަށެވެ. އަދި ޓޫރިޒަމް ތަރައްގީ ކުރަން ޔޫއެންޑީޕީ އިން ގެނައި އެކްސްޕާޓުން ބުނަމުން ދިޔައީ ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭރު ރާއްޖެ އޮތް ހާތެވެ. ނަމަވެސް ދިވެހިންގެ މަސައްކަތުން ޓޫރިޒަމް ތަަރައްގީކޮށް ދުނިޔޭގެ ބްރޭންޑަކަށް ވަނީ ހަދާފަ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 48 އަހަރު ފުރިފައިވާއިރު ރާއްޖޭގެ ޓޫރިޒަމްއަކީ މިހާރު ދުނިޔޭގެ ބްރޭންޑެކެވެ. ފުރަތަމަ ފަނުން ކޮޓަރި އެޅިނަމަވެސް ދުނިޔޭގެ ފެންވަރުގެ ފާހަގަކޮށްލެވޭ ކޮޓަރިތައް ރާއްޖޭގައި އެބަހުއްޓެވެ. ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓާއި މޫދު އަޑީގެ ކޮޓަރި ވެސް ހެދީ ރާއްޖޭގަ އެވެ. ދާދި ފަހުން ވަނީ ރާއްޖޭގައި ދުނިޔޭގެ އެންމެ ބޮޑު މޫދު ވިލާ ވެސް ހުޅުވާފަ އެވެ.