ޓީސީ

ސައްޓު އެނބުރި އަންނާނެ ކަމުގެ އިޝާރާތް ޝާޒް ދީފި

ދިވެހި ޕްރިމިއާ ލީގްގައި މިދިޔަ ތިން އަހަރު މޮޅު ކުޅުމެއް ދެއްކި، އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ޓީސީގެ ޓީމާ ގުޅޭނެ ކަމުގެ އިޝާރާތެއް ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ދީފި އެވެ.

މިދިޔަ ދެ އަހަރު، ޓީސީ އަށް ސައްޓު ކުޅުނީ ބޭންކު އޮފް މޯލްޑިވްސްގައި އޭނާ އަދާ ކުރި ވަޒީފާ މާލެއަށް ބަދަލު ކުރުމުންނެވެ. އޭގެ ކުރިން، ށ. މިލަންދޫ ޓީމަށް އޭނާ ކުޅުނީ ރަށުގައި ހުރެފައި މެޗަށް އައިސް އެވެ.

މިދިޔަ ދެ އަހަރު މާލެގެ ވަޒީފާ އަދާކުރި ނަމަވެސް، މިހާރު އޭނާގެ ވަޒީފާ ވަނީ އަލުން އޭދަފުށީގައި ހުންނަ ބީއެމްއެލްގެ ގޮއްޕަށް ބަދަލު ކޮށްފަ އެވެ. އޭނާގެ ވަޒީފާ އޭދަފުށީ ގޮތްޕަށް ބަދަލު ކުރީ އެގޮފީގެ އިސް މާގަމެއްގެ މަސްއޫލިއްޔަތާ އެކު އެވެ.

މިދިޔަ އަހަރު އޭނާ ދެއްކި ކުޅުމާއެކު ގައުުމީ ޓީމަށް އޭނާ ނެގި އެވެ. އެހެންނަމަވެސް ގައުމީ ޓީމު މެޗެއް ނުކުޅެނީސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ގައުމީ ޓީމުގެ މެޗުތައް ފަސް ކުރި އެވެ.

ޕްރީ ސީޒަންގައި ޓީސީގެ ޓްރޭނިންތަކުން ސައްޓު ނެފުނުމުން ބެލެވުނީ ޓީމުން އޭނާއަށް ރިލީޒް ދިނީ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޝާޒް ވަނީ ޓީސީގެ ޓީމާ ސައްޓު ގުޅޭނެ ކަމަށް ބުނެފަ އެވެ.

"ޓީސީގެ ވަރަށް މުހިންމު ކުޅުންތެރިޔެއް އެބަހުރި ގިނަ މީހުންނަށް އަދި މާބޮޑަށް ފާހަގަ ނުކުރެވުނަސް އެއީ ސައްޓު އަކީވެސް ޓީސީގެ ޕްލޭޔަރެއް އެހެންވީމަ ސައްޓު ފެނިގެން ދިއުމުގެ އުންމިދުވެސް ވަރަށް ބޮޑަށް އެބައޮތް." ޝާޒް ވާހަކަ ދެއްކި އެވެ. "ބޮޑަށް މިދީމާވެފަ އޮތް ކަމަކީ ކޮވިޑްގެ ކަންތަކާ ގުޅިގެން އަސްލުގައި ސައްޓުއަށް މި ޓީމަށް ޖޮއިން ނުކުރެވިގެން މިއުޅެނީ."

މި ސީޒަނަށް ޓީސީ ނުކުތީ ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވި އިރު އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވީ އެވެ. ހޯމަ ދުވަހު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުގައި ބިދޭސީ ސްޓައިކަރުވެސް ފެނިގެންދާނެ ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.