މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނުގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނާ، އަބްދުﷲ ނަވާޒް ހަމަޖައްސައިފި އެވެ.
މީގެ ކުރިން ފުލުހުންގެ ރަސްމީ ތަރުޖަމާނަކު ނުހުރެ އެވެ. ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސްގެ ތަރުޖަމާނުގެ މަގާމުގައި މިހާތަނަށް ހުންނެވީ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނެވެ. ހުސައިން ވަހީދު ކޮމިޝަނާ ކަމުގެ މަގާމުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވުމުން އޭނާގެ މަގާމު ވަނީ ގެއްލިފައެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމަކީ ފުުހުންގެ އެގްޒެކެޓިވް ބޯޑުން ހަމަޖައްސާ މަގާމެކެވެ. ނަވާޒު އެ މަގާމަށްލީ ރޭ އިރާކޮޅު ކުއްލި ގޮތަކަށް ފުލުހުންގެ އިސް މަގާމުތަކަށް ރައީސް އަބްދުﷲ ޔާމީން ބަދަލު ގެންނަވައި ބައެއް ބޭފުޅުން އެހެން މުއައްސަސާތަކަށް ލެއްވުމަށްފަހު އެސިސްޓެންޓް ކޮމިޝަނާ އަހުމަދު އަރީފު ޑެޕިއުޓީ ކޮމިޝަނާ ކަމަށް ބަދަލު ކުރައްވާ ކޮމިޝަނާގެ ޒިންމާތައް މިވަގުތަށް އޭނާއާ ހަވާލު ކުރެއްވުމަށްފަހު އެވެ.
ރާއްޖޭގައި ފަހަކަށް އައި ބޮޑެތި މައްސަލަތަކުގެ އިންވެސްޓިގޭޝަންގައި އިސްކޮ އުޅުއްވެވި އަދި ބޮޑެތި މައްސަލަތަކުގައި ނޫސްވެރިންނާ ކުރިމަތި ލެއްވި ނަވާޒަކީ މިދިއަ މަހުގެ 28 ވަނަ ދުވަހު "ފިނިފެންމާ" ލޯންޗުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ ކޮމިޝަންގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.
ޕޮލިސް ތަރުޖަމާނަކަށް ނަވާޒު ވަޑައިގެންނެވި ނަމަވެސް އިންފޮމޭޝަން އޮފިސަރު މިހާރުވެސް މައުލޫމާތު ދެއްވާ ގޮތަށް ދެއްވާނެ އެވެ.