މާޒިޔާ

ކޯޗް ވަކިވިޔަސް ޓީމުގެ ރޫހަށް ބަދަލެއް ނާދޭ

މާޒިޔާގެ ކުރީގެ ކޯޗް، މުހައްމަދު ނިޒާމް މަގާމުން ކުއްލިއަކަށް އިސްތިއުފާ ދިން ނަމަވެސް، އެ ޓީމުގެ ކުޅުންތެރިންގެ ރޫހަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އެސިސްޓެންޓް ކޯޗް އަހްމަދު ސުޒައިރު (ކޮއްކޮ) ބުނެފި އެވެ.

މާޒިޔާއިން ލީގްގައި އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވި ފަހުން، މާޒިޔާގެ ކޯޗް ކަމުން ނިޒާމް ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދީފަ އެވެ. މިދިޔަ އާދީއްތަ ދުވަހު އެ ކުލަބުން އޭނާ އިސްތިއުފާ ދިނުމުން މާޒިޔާއިން ވަނީ އިސްތިއުފާ ގަބޫލު ކުރާކަން ހާމަ ކޮށް، ކުލަބުގެ ސީނިއާ ޓީމުގެ މަސްއޫލިއްޔަތު އެސިސްޓެންޓް ކޯޗް ސުޒައިރު އާ ވަގުތީ ގޮތުން ހަވާލު ކޮށްފަ އެވެ.

މިރޭ ދަ ގުރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން ބެންޗުގައި ހުންނާނީ ސުޒައިރު އެވެ. މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްއަށް ސުޒައިރު ހާޒިރު ވުމުން މާޒިޔާގެ މީޑިއާ އޮފިޝަލް ވަނީ މިރޭގެ މެޗާ ގުޅޭ ގޮތުން ނޫނީ ސުވާލު ނުކުރަން ނޫސްވެރިންގެ ކިބައިން އެދިފަ އެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ޝުޒައިރު ބުނީ، އޭނާގެ ބެލުމުގެ ދަށުން ޓީމުން ޕްރެކްޓިސް ކުރިއިރު ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ކުރީގެ ކޯޗް ނިޒާމް ހުރިއިރު އޮތް ޕްލޭނާ އެއްގޮތަށް މާބޮޑެތި ބަދަލުތަކެއް ނުގެނެސް ކަމަށެވެ.

"އެއްވެސް ބަދަލެއް ނާދޭ ކުޅުންތެރިންގެ ރޫހަކަށް،" ކޯޗް ބަދަލުވުމުން ކުޅުންތެރިންގެ ރޫހަށް އެއްވެސް ބަދަލެއް އައިސްފައި ވޭތޯ ސުވާލު ކުރުމުން ޝުޒައިރު ބުންޏެވެ. "ކުޅުންތެރިންގެ ރޫހް ވަރަށް ރަނގަޅަށް ފެންނަނީ ކުރިއަށް އޮތް މެޗު ނަގަން އެ ކުޅުންތެރިން ހީވަނީ އިތުރު ހިތްވަރެއް ލާފައި ތިބިހެން. އިތުރު މޯޓިވޭޝަންއެއް އެ ކުޅުުންތެރިންގެ ފަރާތުން ފެނޭ މިދިޔަ ޕްރެކްޓިސް ތަކުގައި. އެހެންވީމަ ހީވަނީ ކުރިއަށް ވުރެން މޯޓިވޭޝަން ރަނގަޅުހެން.

މީގެ ކުރިންވެސް، ޝުޒައިރު ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި ބައެއް މެޗުތަކުގައި މާޒިޔާގެ ޓީމަށް އިރުޝާދު ދީފަ އެވެ. އޭނާ ބުނީ ކުރިން މެޗުތަކުގައި ލައިނަށް ނުކުންނައިރު ޖެހިލުން ވިޔަސް މިހާރު އެފަދަ އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި ޕްރެޝަރެއްވެސް ނޯންނަ ކަމަށެވެ. މިރޭ މާޒިޔާ އާ ދެކޮޅަށް ނުކުންނާނީ ދެފަހަރެއްގެ މަތިން އެ ޓީމަށް އިރުޝާދު ދިން، އިސްމާއީލް މަހްފޫޒު (އިންމަ) ކޯޗް ކޮށްދޭ ދަ ގްރާންޑޭ އެވެ.

ޝުޒައިރު ބުނީ، މާޒިޔާގެ ޓީމު އެންމެ ރަނގަޅަށް އެނގޭނެ އެއް ކޯޗަކަށް އިންމަ ވެގެންދާނެ ކަމަށެވެ. އަދި އޭނާ ވެސް އިންމަގެ އެސިސްޓެންޓެއްގެ ގޮތުގައި މާޒިޔާގައި މަސައްކަތް ކޮށްފައި ވުމުން އިންމަގެ ވިސްނުންތަކަކީ ކޮބައިކަން އެނގޭ ކަމަށް ޝުޒައިރު ބުންޏެވެ. އެހެންވެ އެކަމުގައި ދެކޮޅަށްވެސް އެޑްވާންޓޭޖް އޮތްކަން އޭނާ ފާހާގަ ކުރި އެވެ.