ދުނިޔެ

ޔާސިރު އަރަފާތު އަވަހާރަ ކޮށްލީ ޒަހަރުދީގެން: ސުހާ

ސުހާ އަރަފާތު ވިދާޅުވާ ގޮތުގައި އެކަމަނާ ދެއްވި އިންޓަވިއުކާ ހަވާލާދީ ނޫހުގައި ލިޔެފައި ވަނީ ނުބައި މާނައެއް ދޭހަވާ ގޮތަށެވެ. ސުހާ އަކީ ފަލަސްތީންގެ އަވަހާރަވެފައިވާ ރައީސް، ޔާސިރު އަރަފާތުގެ ހުވަފަތް އަނބިކަނބަލުންނެވެ.

ސުހާ އަރަފާތު ވިދާޅުވި ކަމަށް އިޒްްރޭލުގެ ނޫހެއްގައި ބުނެފައި ވަނީ އަރަފާތު އަވަހާރަ ކޮށްލާފައި ވަނީ ޒަހަރު ދީގެން ކަަމަށެވެ. އެއީ އެކަމަކު އިޒްރޭލުން ނޫން ކަމަށާއި އެކަންކުރީ ފަލަސްތީން މީހުން ކަމަށެވެ.

"އަބޫ އަންމާރު – ޔާސިރު އަރަފާތުގެ މައްސަލަ އަދި ވެސް އޮތީ ކޯޓުގައި" ސުހާ ވިދާޅުވި އެވެ. "އަޅުގަނޑަކަށް ނެތް އަރަފާތު އަވަހާރަކޮށްލީ މިވެނި އެވެނި ބައެކޭ ދެންނެވޭކަށް"

ސުހާ ވިދާޅުވި ގޮތުގައި އެކަންކުރި ބަޔަކު ކަމަށް ބުނެ ދައްކާނެ ހެއްކެއް އެކަމަނާއަށް ލިބި ވަޑައިގެންފައެއް ނެތެވެ.

"އަބޫ އަންމާރު އަވަހާރަވީއްސުރެ އަޅުގަނޑު މި ދަންނަވަނީ ހަމަ އެއް ވާހަކައެއް. ސާބިތު ހެއްކެއް ނެތި އަޅުގަނޑު އެކަކު ވެސް ބަދުނާމު ނުކުރާނަން" ސުހާ ވިދާޅުވި ގޮތުގައި އިޒްރޭލު ނޫހަށް އެކަމަނާ ދެންނެވިހާ ވެސް އެއްޗަކީ އެއީ އެވެ.

ޔާސިރު އަރަފާތާއި ސުހާ ކައިވެނި ބައްލަވައިގަތީ 1990 ގައި ޓިއުނީޝިއާގަ އެވެ. ދެމަރިރިންނަށް ދަރިކަނބަލުން ޒަހްވާ ލިބިވަޑައިގަތީ ފަސްއަހަރު ފަހުންނެވެ.

ޔާސިރު އަރަފާތު އަވަހާރަވީ ޝައްކުން ފުރިގެންވާ ހާދިސާއެއްގައި އުމުރުފުޅުން 75 އަހަރުގަ އެވެ. އަވަހާރަވި ސަބަބު އަދި އަދަށްދާންދެން ވެސް ޑޮކްޓަރުންނަށް އެނގުނު ކަމަކަށް ނުވެ އެވެެ. ފަލަސްތީނުން ތުހުމަތުކުރާ ގޮތުގައި ޔާސިރު އަރަފާތު ވަނީ އިޒްރޭލުން އަވަހާރަކޮށްލާފަ އެވެ.