އަބްދުﷲ ފައިރޫޝް

ފައިރޫޝް ރިޓަޔާ ކުރެއްވީ ކީއްވެގެން؟

އިއްޔެ އެންމެ ހޫނުކޮށް އޮތް އަދި ހިނގި އެއް ވާހަކައަކީ އިންޑިއާ މީހަކު ވީއައިއޭގައި "ބޮމެކޭ ބޮމެކޭ" ގޮވައި ހަޅޭއްލަވައިގެން ހައްޔަރުކޮށް އެކަން ސިއްރުކޮށްގެން އުޅެނިކޮށް ބޭރަށް ނުކުތް ވާހަކަ އެވެ. އެވާހަކައަށް ފުލުހުން އެއްޗެއް ބުނީ މުއާލަތް ކެނޑުނު ފަހުން ވަރަށް ވައި ގޮތަކަށެވެ. އެއީ އިންޑިއާ ގުޅޭ ކަންކަމުގަ އާއި ހަރުކަށިކަމާއެކު އިސްލާމް ދީނަށް ފުރައްސާރަ ކުރާ ހައްދުފަހަނައަޅާގައިވާ މީހުނާ ގުޅޭ ކަންކަމުގައި ފުލުސް އިދާރާއަށް މިހާރު ކަންކަން ކުރެވޭ ގޮތެވެ. އިއްޔެ ދެން އުދާސް އޮތް ވާހަކައަކަށްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ކުއްލި ގޮތަކަށް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި ވާހަކަ އެވެ.

ފައިރޫޝްގެ އެ ނިންމެވުން އެކި މީހުން އެކި ގޮތަށް ސިފަކުރި އެވެ. ބައެއް މީހުންގެ ވިސްނުމުގައި އެއީ "ޒާތަކު މަޖުބޫރެއް" ވެގެން އޭނާ ނިންމެވި ނިންމުމެކެވެ. ދާދި ފަހުން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ ފުލުހުންގެ ތެރޭގައި އިސްކޮށް ތިބި ބައެއް މީހުންނަށް އަމާޒުކޮށް "ބަދަލު ހިފުމުގެ" ރޫހެއްގައި ގެނައި އިސްލާހުތަކެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެމްޑީޕީން ބަދަލުހިފަން ބޭނުންވާ ފުލުހުންގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ފައިރޫޝްގެ ނަން ޖަހާފައި އޮންނަ ކަމަށްވެސް އެ ފަދަ މީހުން ބުނެ އެވެ. އެފަދަ މީހުން ބުނާ ގޮތުން ވަގުތު އޮއްވައި ދުރާލައި ރިޓަޔާ ކުރެއްވީ އެހެންވެގެނެވެ.

ފައިރޫޝަށް މަޖުބޫރެއް ވާންޖެހޭ ސަބަބަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓޭން ދާތީ، އަމިއްލަފުޅަށް މަގާމު ދޫކޮށްލެވި ދުވަހު ފުލުހުންގެ ހިންގުމާއި ވަގުތީ ގޮތުން ފައިރޫޝް ހަވާލުވެ ވަޑައިގަތުމެވެ. ނަޝީދުގެ ވެރިކަން ބަދަލުކުރީ "ބަޣާވާތަކުން" ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު އޭގެ އަޑީގައި ތިބީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ކަމަށްވެސް އެ ޕާޓީ ގަބޫލު ކުރެއެވެ. ހާއްސަކޮށް ފެބްރުއަރީ ހަވަނަ ދުވަހުގެ ރޭ އަދި ހަތްވަނަ ދުވަހު ހިނގައިދިޔަ ކަންކަމުގައި އެކްޓިވްކޮށް އުޅުނު ފުލުހުންނާއި ސިފައިންނަށް އެމްޑީޕީގެ ތުހުމަތު ބޮޑެވެ. ނަޝީދުގެ ފާޑު ވިދާޅުވުން ވެސް އިތުރެވެ.

ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ފައިރޫޝް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ އޭރުގެ ކޮމިޝަނަރު ފަސީހު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އެންމެ މަތީ ބޯޑުގައި ކުރެވުނު މަޝްވަރާތަކުގައި އެކްޓިން ސީޕީގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު އެ ދުވަހު ނުވެގެނެވެ. ނަމަވެސް އެމްޑީޕީން ދެކޭ ގޮތް ތަފާތެވެ. އެ ޕާޓީން ދެކޭ ގޮތުގައި ފައިރޫޝް "އަޑިނޭންގޭ" ކަންތައްތަކެއް ކުރެއްވީ އެވެ. ބަޣާވާތުގައި އޭނާގެ ދައުރެއް އެބައޮތެވެ.

އެހެންކަމުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ފަހުން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތައް އަމާޒުވެފައި ވަނީ ފައިރޫޝް ފަދަ ފުލުހުންގެ އިސް ސަފުގައި ތިއްބެވި ވަކިވަކި އޮފިސަރުންތަކަކަށް ކަމަށް ބެލުމުގެ ޖާގަ އޮތީ ހުޅުވިފައެވެ. ފައިރޫޝް އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ ޝަރަފުވެރިކަމާއެކު ހިދުމަތާއި ދުރަށްވަޑައިގެންނެވީ އެ "ދަންތުރަ" ކަރަށް ފެއްތުމުގެ ކުރިން އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާތީ އެވެ.

މީގެ ތިން މަސް ފަހުން އަމަލު ކުރަންޖެހޭ ފުލުހުންގެ ގާނޫނުގެ އާ އިސްލާހުތަކުގެ ތެރޭގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

އެކަންކަން އެހެން އޮތް ނަމަވެސް އިއްޔެއަކީ ފައިރޫޝްގެ ގައުމީ ހިދުމަތަށް 20 އަހަރު ފުރުނު ދުވަހެވެ. އަދި މީގެ ހަ މަސް ދުވަސް ކުރިން ވެސް އޭނާ ވަނީ 20 އަހަރު ފުރޭ ދުވަހު ރިޓަޔާ ކުރައްވަން ނިންމަވާފަ އެވެ. އަދި އެކަން ހަ މަސް ކުރިން ފުލުހުންގެ އިސްވެރިންނަށް ވެސް އޭނާ ވަނީ ދަންނަވާފަ އެވެ. އެކަން ފައިރޫޝްގެ ވަރަށް ގާތް ބޭފުޅަކު ވެސް އަވަސް އަށް ޔަގީން ކޮށްދެއްވި އެވެ.

ފުލުހުންގެ ހިދުމަތުން ފައިރޫޝް ވަކިވެވަޑައިގެންނެވުމާއި ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކާއި ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވެއެވެ.

"ފައިރޫޝްގެ ހުންނާނެ ތިޔަ ވިދާޅުވާ ގާނޫނުގައި ބުނާ ކަންކަމާއި ޗެނެލްޖް ކުރެއްވުމުގެ ހިތްވަރު ވެސް. ނަމަވެސް ތި ގާނޫނެއް އައުމުގެ މާ ކުރިން މީގެ ހަ މަސް ކުރިން ފައިރޫޝް އޮތީ ނިންމަވާފައި ރިޓަޔާ ކުރައްވަން. އޭނާއަކީ ނިންމަވާ ނިންމެވުންތަކުގައި ވަރަށް ސާބިތު، ހަރުދަނާ ބޭފުޅެއް. ފައިރޫޝްގެ ރިޓަޔާމަންޓާއި އެ ގާނޫނާއި އެއްވެސް ގުޅުމެއް ނެތް،" ފައިރޫޝްގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އެކި ފަަހަރު އެކި ތުހުމަތު

ފެބްރުއަރީ 7، 2012 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ނިމުމުގެ ކުރިން ހިނގައިދިޔަ ކަންކަމާއި ގުޅުވައި ފައިރޫޝްއަށް ތުހުމަތުގެ އިނގިލި އެމްޑީޕީން ދިއްކުރާ ސަބަބުތަކެއް އޮވެއެވެ. އެދުވަހު ޖުމްހޫރީ މައިދާނުގައި ސިޔާސީ ލީޑަރުން އެއްވެ ވާހަކަ ދެއްކެވިއެވެ. ޕިކަޕެއްގައި ތިބެ މައިކެއް ބޭނުން ކޮށްގެން ނަޝީދުގެ ވެރިކަމާއި ދެކޮޅު ހަދާ ފުލުހުންގެ ދިފާއުގައި ވާހަކަ ދެއްކެވިއެވެ.

ނަޝީދުގެ އިސްތިއުފާގެ ކުރިން ފައިރޫޝް ވެސް ވަނީ އެކްޓިން ސީޕީގެ ހައިސިއްޔަތުން ހުންނަވާ އެއްވެފައިވާ ފުލުހުންނާއި ވާހަކަ ދައްކަވާފަ އެވެ. އޭގެ ވީޑިއޯކޮޅެއް ވަރަށް ބޮޑަށް ވައިރަލްވެފައި ވެއެވެ. ފައިރޫޝް އެ ދުވަހު ވިދާޅުވީ "ރާއްޖޭގައި މިހާރު ހިނގަމުންދާ ހަލަބޮލި ކަމާއި ގުޅިގެން ރޭގައި ހިނގާދިޔަ ހާދިސާތަކަށް ފަހު، ފުލުހުންނާއި ސިފައިންނާއި ރައްޔިތުން، އެއްބައިވެގެން މި ކުރިއަށް ގެންދިޔަ މި ހާއްސަ މަސައްކަތުގެ ނަތީޖާއެއްގެ ފޮނިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ލިބިގެންދާނެ ކަަމަށް ޔަގީންކުރާ" ކަމަށެވެ.

މި ވާހަކަތަކަކީ ފައިރޫޝްއަށް ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރާ އެންމެ ބޮޑު އެއް ސަބަބެވެ. އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ފައިރޫޝް އައްޔަން ކުރި ދުވަހު އަދި އިއްޔެ ފުލުހުންގެ ހިދުމަތާއި ވަކިވުމުން ވެސް އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލް ކުރީ އެ ވީޑިއޯ ކޮޅެވެ.

އެ ތުހުމަތުތައް އެހެން އޮއްވާ ރައީސް ޔާމީންގެ ވެރިކަމުގައި ފަައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލަނަރީ ކޮމެޓީން ވަނީ ނިންމާފަ އެވެ. އެ ނިންމުން އައީ އޮކްޓޫބަރު 30، 2017 ގައެވެ. ޕީއެޗްޑީއަށް ތައުލީމް ހާސިލުކުރެއްވުމަށް އޮސްޓްރޭލިއާގައި އޭރު ހުންނެވި ފައިރޫޝްއަށް ފިޔަވަޅު އެޅީ ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ އެވެ. އޭރު ފައިރޫޝް ގެންދެވީ ރައީސް ޔާމީންގެ ސަރުކާރުގައި ހުރި ފުލުހުންގެ ދާއިރާއާ ގުޅުންހުރި ނުރަނގަޅު ކަންކަމުގެ ވާހަކަތައް ދައްކަވަމުންނެވެ.

މަގާމުން ވަކި ކުރެއްވުމުން ޓްވިޓާގައި ވަރަށް ބޮޑަށް އެކްޓިވްވި އެވެ. ފައިރޫޝްގެ ޓްވީޓްތަކާއި އާންމުންނަށް ތިލަކޮށްދެއްވާ ވާހަކަތަކުން އޭރުގެ އިދިކޮޅަށް އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމާއި އުފަލެއް ލިބިވަޑައިގަންނަވައެވެ. ޔާމީންގެ ސަރުކާރަށް ބަލިކަށިކަން ލިބި އިިދިކޮޅަށް ތާއީދު އިތުރުވެސްވެއެވެ. އެހެން ކަމުން ފެބްރުއަރީ 7، ގެ ވާހަކަ އެހިސާބުން ވަގުތީ ގޮތުން ހުއްޓުނެވެ. ޔާމީންގެ ސަރުކާރާ ދެކޮޅު ހައްދަވާތީ އެކުގައި ގެންގުޅުވުމަށް ރަނގަޅު ބޭފުޅަކަށް ފައިރޫސް ވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ޑިސެންބަރު 13، 2018 ގައި ފައިރޫޝް ވަޒީފާއިން ވަކިކުރެއްވީ ރަނގަޅަށް ނޫން ކަމަށާ އަލުން ވަޒީފާ ދެއްވުމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ. އެހެން ކަމުން އަލުން ވަޒީފާ ދެއްވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފައިރޫޝްއަށް ދެއްވިއެވެ. އިއްޔެ ވަކިވެވަޑައިގަތުމާއި ހަމައަށް އެ މަގާމުގައި ހުންނެވިއިރު ފުލުހުންގެ އިދާރާ ހިންގެވުމުގައި މުހިންމު ދައުރެއް އޭނާ އަދާ ކުރެއްވިއެވެ.

ރައީސް ސޯލިހު ބައްދަލު ކުރެއްވުން

ފައިރޫޝް ރިޓަޔާ ކުރެއްވުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރުމުގެ ގޮތުން ފުލުހުންގެ އެެތެރޭގައި ބައެއް ހަފްލާތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމަކީ ފުލުހުންގެ އިދާރާއަށް ވަޑައިގެެން ރައީސް ސޯލިހް، ފައިރޫޝްއާ ބައްދަލު ކުރެއްވުމެވެ. މި ބައްދަލް ކުރެއްވުމުގައި ފައިރޫޝްގެ ހިދުމަތް ރައީސް ތައުރީފު ކުރައްވާ ޝުކުރު އަދާ ކުރެއްވިއެވެ.

"ރައީސް ވިދާޅުވި ފައިރޫޝް ރިޓަޔާ ކުރައްވަން އަދިި އަވަސް ކަމަށްވެސް. އޭނާ ހިދުމަތް ގައުމާއި ފުލުހަށް މުހިންމު ކަމަށްވެސް،" ބައްދަލްވުމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު އަވަސްއަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފައިރޫޝްގެ ހިދުމަތަށް ޝުކުރުއަދާކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ވެސް ފައިރޫޝްގެ ހިދުމަތަށް ތައުރީފު ކުރެއްވި އެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް ފައިރޫޝްގެ ހިދުމަތް ފާހަގަކޮށް ޝުކުރު އަަދާކޮށްފައި ވެއެވެ.

އެމްޑީޕީ ރަތަށް

ފައިރޫޝްއާމެދު އެމްޑީޕީގެ އޮތް ރުޅިވެރިކަން އިއްޔެ ވަރަށް ބޮޑަށް ހާމަވިއެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޭނާއަށް އަމާޒުވިއެވެ. އަދި އެމްޑީޕީގެ ތައުރީފު އަބަދުވެސް އޮންނަ މިހާރުގެ ސީޕީ މުހައްމަދު ހަމީދު، ފައިރޫޝްގެ ހިދުމަތަށް ޝުކުރު އަދާކޮށް ޓްވީޓް ކުރެއްވުން ވެގެން ދިޔައީ އެމްޑީޕީ ރުޅި ފަޅައިގެންދިޔަ ކަމަށެވެ.

ހަމީދުގެ އެ ޓްވީޓަށް ރައީސް ނަޝީދު އޮޕަރޭޓް ކުރާ ކަމަށް ތުހުމަތު އޮންނަ ޓްވިޓާ އެކައުންޓުން ވެސް ރައްދު ދިނެވެ. އަދި "ބަޣާވާތަށް ޝުކުރު އަދާ ނުކުރަންތޯ" ވެސް ސުވާލު ކޮށްފައި ވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ "ހަމީދު ލަދުގަންނަން ޖެހޭ" ކަމަށް ވިދާޅުވެ އެ ޓްވީޓަށް ރައްދު ދެއްވާފަ އެވެ.

އަދި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނާއި އާންމު މެންބަރުން ވަނީ ހަމީދުގެ ޓްވީޓަށް ރުޅިވެރިކަމާއެކު ރައްދު ދެއްވާފައެވެ.

"އެހެންވީމަ 7 ފެބްރުއަރީގައި ކުރީ ބަޣާވާތެއް ނޫން ދޯ؟ ދިވެހިންނަށް ބަލައިގަންނަން އުނދަގޫވާ ޒާތުގެ ވާހަކައެއް ތިޔަ ވިދާޅުވީ. ވަރަށް ލަދުވެތި،" މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ ރައްދުގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ މެންބަރުން ވަނީ ކުރިން ހަމީދު، ފަައިރޫޝްއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް ހަނދާން ނެތުނީތޯ ސުވާލުކުރައްވާ އެކަންކަން ހަނދާން އާ ކޮށްދީފަ އެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވީ ހާދިސާއާ ގުޅިގެން އެކަން ބެލި މިނިވަން ކޮމިޝަން "ކޯނީ" ން ތައްޔާރުކުރި ރިޕޯޓް މަޖިލީހުގަައި ދިރާސާ ކުރިއިރު ހަމީދު ދެއްކެވި ވާހަކަތަކާއި ފައިރޫޝްއަށް ފާޑުވިދާޅުވެ އެ ދުވަސްވަރު ކުރެއްވި ޓްވީޓްތަކުގެ ސްކްރީންޝޮޓްތައް ވަނީ އާންމު ކޮށްފަ އެވެ.

ކޯނީ ރިޕޯޓް ދިރާސާކުރި ކޮމެޓީގައި ހަމީދު ވަނީ ފަައިރޫޝް މަގާމާއި ހަވާލުވީ ގަދަބާރުން ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އަދި އޭރުގެ ކޮމިޝަނަރު ފަސީހު ކޮޓަރި ކޮޅުގައި އިންނަވަނިކޮށް ފައިރޫޝްއާ އިތުރު އޮފިސަރުންތަކެއް އައިސް ދެއްކެވި ވާހަކަތަކުގެ ތަފްސީލަށްވެސް ވަޑައިގަންނަވައެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވުމާއެކު އެމްޑީޕީން ކުރީގެ ހަނދާންތައް އާކޮށް އޭނާއަށް ފާޑުކިޔުން އަމާޒުވީއިރު ފައިރޫޝް ވަޒީފާއިން ވަކިކުރި ސަރުކާރު ހިންގެވި ރައީސް ޔާމީންގެ ސަޕޯޓަރުން މިއަދު ތިބީ ފައިރޫޝްއާއެކުގައެވެ. އަދި ފައިރޫޝް އެނބުރި ފުލުހުންގެ ހިދުމަތަށް ވަޑައިގަންނަވާ މަންޒަރު ޕީޕީއެމްގެ ސަރުކާރެއްގައި ފެނިގެންދާނެ ކަަމަށް ބުނެ ބައެއް އެކްޓިވިސްޓުންނާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން ޓްވީޓް ކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ގާނޫނަށް ގެނައި ބަދަލާއި ގުޅުވައި ވަކިކުރާ ހުރިހާ އޮފިސަރުންނަށް އަލުން އެ މަގާމުތައް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ސިޔާސީ ޖަޒުބާތުގައި އެކި ގޮތްގޮތަށް ފައިރޫޝްގެ ރިޓަޔާމަންޓްގެ ވާހަކަ ދެއްކެވިނަމަވެސް ފައިރޫޝް ފުލުހުންގެ ހިދުމަތާއި ވަކިވުމަކީ މީގެ ހަ މަސް ދުވަސް ކުރިން އޭނާ ނިންމެވި ނިންމެވުމެކެވެ. އޭނާގެ އާއިލާ މިވަގުތު އޮސްޓްރޭލިއާގައި ދިރިއުޅެމުންދާއިރު އެއީ އެ ގައުމުގެ ރައްޔިތުކަންވެސް އޮތް ބައެކެވެ. އެހެން ކަމުން ފައިރޫޝްގެ ދިރިއުޅުއްވުން ދާއިމީ ގޮތެއްގައި އޮސްޓްރޭލިއާއަށް ބަދަލު ކުރެއްވުމަކީ ވަރަށް ގާތް ކަމެކެވެ.