އިންފްލޭޝަން

މިއަހަރު ވެސް، އަގުތައް އުފުލިދާނެތަ؟

Jan 3, 2021
2

ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް އާމްދަނީ ދަށްވުމާއެކު އެންމެ އަވަހަށް ބަދަލު އައި އެއް ކަމަކީ ރާއްޖޭގެ އަގު ތަކެވެ. ޓޫރިޒަމްގެ ހީނަރު ކަމާއެކު ޑޮލަރުގެ މާކެޓަށް އައި ބަަދަލު ސީދާ ގޮސް ހުއްޓުނީ ރާއްޖޭގެ މުދަލުގެ އަގާ އެވެ. އެންމެ އަވަހަށް ބޮޑު ވެގެން ދިޔައީ މުދަލުގެ އަގެވެ. ޓޫރިޒަމްގެ ރަނގަޅުވުމާއެކު އަގުތައް ހެޔޮވެ ދާނެ ކަމުގެ އުންމީދެއް އެބައޮތެވެ. ނަމަވެސް ނޮވެމްބަރު މަހު ސަރުކާރުން އާއްމު ކުރި އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުގައި އަގުތައް އަދި ހުރީ މަތިވުމުގެ ޓްރެންޑެއްގަ އެވެ.

މި އާ އަހަރު ވެސް، އަގުތައް މަތިވެދާނެ ތަ؟

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނޮވެމްބަރު މަހު އާއްމުކުރި އިންފްލޭޝަން ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓްވަނީ 0.12 ޕަސެންޓް މަތިވެފަ އެވެ. މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ ނޮވެންބަރު މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.23 ޕަސެންޓް މަތީގަ އެވެ.

އެންމެ މަތީ ވައިގެ ދަތުރުފަތުރުގެ އަގުތައް

ނޮވެންބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ބައި ހިމެނެ އެވެ. ވައިގެ ދަތުރުފަތުރުގެ ބައިގެ އަގުތައް ވަނީ 9.82 ޕަސެންޓް މަތިވެފަ އެވެ. އަދި ތަރުކާރީގެ ބައިގެ އަގުތައް ވެސް ވަނީ 1.36 ޕަސެންޓް މަތިވެފަ އެވެ. އަދި ކިރާއި ކިރުގެ އެހެން ބާވަތްތަކާއި ބިހުގެ ބައިގެ އިންފްލޭޝަން ވެސް ވަނީ 0.60 ޕަސެންޓް މަތިވެފަ އެވެ. އަދި އެހެނިހެން ކާބޯތަކެތީގެ ބައިގެ އަގުތައް ވަނީ 1.41 ޕަސެންޓް މަތިވެފަ އެވެ.

އަގު މަތިވި އެހެން ބައިތަކުގެ ތެރޭގައި ގޭގެ ކުލި ވެސް ހިމެނެ އެވެ. ގޭގެ ކުލިތައް ވަނީ މި މުއްދަތުގައި 0.08 ޕަސެންޓް މަތިވެފަ އެވެ. އަދި ކެފޭ ރެސްޓޯރެންޓުގެ ބައިގެ އަގުތައް ވެސް ވަނީ 0.15 ޕަސެންޓް މަތީގަ އެވެ. މީގެ އިތުރުން އަންނައުނުގެ ބައިގެ އަގުތައް ވެސް ވަނީ 3.89 ޕަސެންޓް މަތީގަ އެވެ. އަދި ޕާނާއި ސީރިއަލްގެ ބައިގެ އަގުތައް ވެސް ވަނީ 0.14 ޕަސެންޓް މަތީގަ އެވެ.

އަގުތައް އުފުލުނު ބައިތައް

  • ވައިގެ ދަތުރުފަތުރުގެ ބައި: 9.82
  • ތަރުކާރީގެ ބައި: 1.36
  • ކިރާއި ކިރު ހިމެނޭ ބާވަތްތައް އަދި ބިހުގެ ބައި: 0.60
  • އެހެނިހެން ކާބޯތަކެތީގެ ބައި: 1.41
  • ގޭގެ ކުލި: 0.08
  • ކެފޭ ރެސްޓޯރެންޓް: 0.15
  • އެހެނިހެން އަންނައުނު: 3.89
  • ޕާނާއި ސީރިއަލް: 0.14

ފިކްސްޑް ލައިންގެ އަގުތައް ދަށަށް

އަގުތައް ދަށަށް ދިޔަ ބައިތަކުގެ ތެރޭގައި ހިމެނެނީ މަހުގެ އަގުތައް 2.39 ޕަސެންޓް ހިމެނެ އެވެ. އަދި މޮބައިލް ފޯނާއި މުއާސަލާތީ ހިދުމަތްތަކުގެ ބައިން 1.39 ޕަސެންޓް ދަށްވެފައިވެ އެވެ. މީގެ އިތުރުން އަގު ދަށްވި ބައިތަކުގެ ތެރޭގައި މޭވާގެ ބައިން 1.80 ޕަސެންޓް އަދި ފިކްސްޑްލައިންގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިން 18.58 ޕަސެންޓް ދަށްވުމެއް ހިމެނެ އެވެ.

ރަށްރަށާއި މާލޭގައި އަގުތައް ހުރި ގޮތަށް ބަލާއިރު، އަތޮޅުތަކުގައި ޖުމްލަކޮށް އިންފްލޭޝަން މައްޗެވެ. ނޮވެމްބަރު މަހު މާލޭގެ އިންފްލޭޝަން 0.02 ޕަސެންޓް ދަށުގައި ހުރި ނަމަވެސް އަތޮޅުތަކުގައި އިންފްލޭޝަން ވަނީ 0.31 ޕަސެންޓް މަތިވެފަ އެވެ. ޖުމްލަ އިންފްލޭޝަން އަތޮޅުތަކުގައި މަތިވި ނަމަވެސް ބައެއް މުހިންމު ބައިތަކުގެ އަގުތައް ދަަށް ކަމަށް ދައްކަ އެވެ. އަތޮޅުތަކުގައި ކާބޯ ތަކެތީގެ އިންފްލޭޝަން ހުރީ 0.76 ޕަސެންޓް ދަށުގަ އެވެ. ނަމަވެސް މާލޭގައި ވަނީ 0.24 ޕަސެންޓް މަތީގަ އެވެ.