އިސްލާމީ މަރުކަޒު

"އިސްލާމީ މަރުކަޒު ރަނގަޅަށް ބަލަހައްޓައިދީ"

ގައުމީ ބަތޮލު، ބޮޑުތަކުރުފާނަށް ނިސްބަތްވާ ހައިބަތު ބޮޑު، މިސްކިތް އިސްލާމީ މަރުކަޒު ރަނގަޅަށް ބަލަހައްޓައި ދޭން އެކަމާ ގުޅުންހުރި އިދާރާ ތަކަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓާ ޑރ. އަހުމަދު ޒާހިރަށް ޓެގްކޮށް ވައްޑޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ކުރީއްސުރެ ވެސް ވަރަށް ލޯބިން ފަރުވާތެރިޗކަމާއެކު ބަލަހައްޓަމުން އައި ރާއްޖޭގެ މުހިއްމު ރަމްޒީ ބިނާ އެއް ކަމަށެވެ.

އަރަބިއްޔާ އާއި މައުހަދުން ކިޔަވާ ވިދާޅުވި ވައްޑޭ ވިދާޅުވީ އިސްލާމީ މަރުކަޒު ވީރާނަވަމުން އަންނަ ތަން ފެނުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. މީގެ އިތުރުން ވައްޑޭ ވަނީ އިސްލާމީ މަރުކަޒު ރަނގަޅަށް ބަލަހައްޓައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

ދެ ބުރި އެ އިމާރާތާއި މިސްކިތުގެ ގުއްބާއި މުންނާރު ބަލަހައްޓާ ސާފު ކުރުމަށް 45 ފިރިހެނުންނާއި 15 އަންހެނުން ރައީސް މައުމޫގެ ވެރިކަމުގައި ހަމަޖައްސާފައި ތިބެ އެވެ. އެކަމަކު މިހާރު ތިބެނީ 17 މީހުން ކަމަށް ވެއެވެ.

މުހައްމަދު ވަހީދު (ވައްޑޭ) ގެ ޓްވީޓް

ދިވެހިންގެ ބަޔަކާއި ސްރީލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ އަރައި ސަރުކަރު ބަދަލު ކުރަން ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގައި ޓެރަރިސްޓް ހަނގުރާމަވެރިން ދިން ހަމަލާތަކުގަ އާއި ދިވެހި ސިފައިން ދިން ރައްދު ހަމަލާތަކުގައި އިސްލާމީ މަރުކަޒާއި މިސްކިތަށް ވަރަށް ގިނަ ބޮޑެތި ގެއްލުންތައް ވިއެވެ.

އޭގެ ފަހުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމަށް ފަހު މަރުކަޒު މަރާމަތު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް އާންމު ފަރާތަކާ ހަވާލު ކޮށް މަރުކަޒުގެ ބައި ބައި ބަންދުކޮށްގެން ކުރިޔަށް ގެންގޮސްފައި ވެއެވެ. އެ ޕްރޮޖެކްޓަށް ފަހު ވެސް ރަނގަޅަށް އިސްމީ މަރުކަޒު ބަލައްޓަމުން ގެންދިޔަ އެވެ.

އިސްމާމީ މަރުކަޒު މަރާމަތުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރިންސުރެ ކުރަމުން އައި ކަންކަން ހުއްޓާލީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުވި ފަހުންނެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރި ކަމުގައި އިސްލާމީ މަރުކަޒުގެ ބޭރުގައި ހިމެނޭ ސަރަހައްދަށް ބަދަލުތައް ގެނެސް އެ ސަރަހައްދު ދޮވެ ސާފު ކުރުން ފަދަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ ގޮތުގައި އެ ބިނާ ބަލަހައްޓާފައެއް ނުވެ އެވެ.

މި މަރުކަޒަކީ މީގެ 37 އަހަރު ކުރީން އިސްމީ ވަރަށް ގިނަ ގައުމުތަކުގެ އެހީއާއެކު 1984 ގައި "މަސްޖިދުލް ސުލްތޯން މުހައްމަދު ތަކުރުފާނު އަލް އައުޒަމް" ގެ ނަމުގައި ރައީސް މައުމޫން ބިނާ ކުރެއްވި މިސްކިތެއް އަދި އިސްލާމީ މަރުކަޒެކެވެ. ރާއްޖޭގެ އިސްލާމީ ދަންމަރާއި ޝަހުސިއްޔަތު އެންމެ ބޮޑަށް ފާޅުކޮށްދޭ އެ ބިނާއަކީ އެއީ އެއްފަހަރާ، 5،000 މީހުންގެ ޖާގައިގެ މިސްކިތާއި ކޮންފަރެންސް ހޯލެއްގެ އިތުރުން ލައިބްރަރީ އާއި ކްލާސް ރޫމްތައް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ފުރިހަމަ ބިނާއެކެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އިދާރާއަކީ ވެސް އިސްލާމީ މަރުކަޒެވެ.