މާޒިޔާ

ބެޓިސްގައި ކޯޗްކަން ކުރި ރިސްޓޯ މާޒިޔާއަށް

ލަލީގާގެ ކުލަބު ރެއާލް ބެޓިސްއަށް ކުޅެ، އެ ކުލަބުގެ ބީ ޓީމަށް ކޯޗް ކޮށްދިން ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް މާޒިޔާގެ ކޯޗް ކަމަށް ހަމަޖައްސައިފި އެވެ.

މާޒިޔާގެ ހެޑް ކޯޗް ކަމުގެ މަގާމު ހުސްވެފައި އޮންނަތާ، ހަފުތާއެއް ވެއްޖެ އެވެ. އެއީ އެ ޓީމުގެ ކޯޗްގެ މަގާމުގައި ކުރިން ހުރި، މުހައްމަދު ނިޒާމް އެ މަގާމުން މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދިނުމުންނެވެ.

މާޒިޔާގެ ކޯޗް ކަމަށް މިއަދު ހަމަޖެއްސި ރިސްޓޯ ވަނީ ލަލީގާގައި، ރެއާލް ބެޓިސްގެ އިތުރުން އޮސަސޫނާއަށްވެސް ކުޅެފަ އެވެ. ބެޓިސްގައި 100 އަށް ވުރެ ގިނަ މެޗު އޭނާ ކުޅުނެވެ. ކުޅުންތެރިންނާއި ކޯޗުންގެ މައުލޫމާތުތައް ގެނެސްދޭ، ޓްރާންސްފާ މާކެޓްގައި ވާގޮތުން ރިސްޓޯ ވަނީ ސްޕެއިންގެ ޓޮޕް ޑިވިޝަންގައި 137 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 124 މެޗު ކުޅުނީ ލަލީގާ ގަ އެވެ. ޑިފެންޑަރަކަށް ކުޅުނު ރިސްޓޯ ވަނީ ލަލީގާގައި ހަ ލަނޑު ޖަހާފަ އެވެ.

ކޯޗެއްގެ ގޮތުގައި، އޭނާގެ ކުރީގެ ކުލަބު ބެޓިސްގެ ބީ ޓީމަށް ކޯޗް ކޮށްދިނެވެ. އޭޝިއާގައި އޭނާ މަސައްކަތް ކުރީ ފިލިޕީންސްގެ ޕްރިމިއާ ލީގްގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ފިލިޕީންސްގެ ޔުނައިޓެޑް ސިޓީ ފުޓްބޯޅަ ކުލަބު ނުވަތަ ސެރޭސް ނެގްރޯސް ވަނީ އެގައުމުގެ އެންމެ ބޮޑު ލީގް 2017، 2018 އަދި 2019 ގައި ހޮދާފަ އެވެ. މިދިޔަ އަހަރު އެ ޓީމުގެ ކޯޗް ކަމުން އޭނާ ވަކިވީ އޯގަސްޓް މަހު އެވެ.

އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް އެ ޓީމުން ނެރުނެވެ. އޭއެފްސީ ކަޕްގައި 2018 ވަނަ އަހަރ އާސިއާން ޒޯންގެ ފައިނަލަށް ސެރޭސް ނެގްރޯސް ގެންގޮސްދިނެވެ.

ދިވެހި ޕްރިމިއާ ލީގްގައި މިރޭ މާޒިޔާއިން ނުކުންނާނީ، ދަ ގުރާންޑޭ އާ ދެކޮޅަށެވެ. އެ މެޗުގައި ޓީމަށް އިރުޝާދު ދޭނީ، އެސިސްޓެންޓް ކޯޗް އަހްމަދު ސުޒައިރު އެވެ.