ޓޫރިސްޓް އެރައިވަލް

ހޮނިހިރު ދުވަހު 4،100 ފަތުރުވެރިން

މިއަހަރުގެ ފުރަތަމަ ދުވަހު 1916 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު ދެވަނަ ދުވަހު އެ އަދަދު 4،100 އަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 1916 ޓޫރިސްޓުންނެވެ. އަދި އިއްޔެ 4،100 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. އަހަރު ފެށި އިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު ހުކުރު ދުވަހު އެ މިނިސްޓްރީން ވަނީ އަހަރުގެ ފުރަތަަމަ ޓޫރިސްޓަށް މަރުހަބާ ކިޔާފައެވެ. އަދި އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭތީ އެ އިހުތިފާލާ ގުޅޭ ހަރަކާތްތައް ވެސް ވަނީ ފަށާފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 555،213 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިދިއަ ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން އައިސްފައިވަނީ 174،282 މީހުންނެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 62،905 މީހުން އައިސްފައިވެއެވެ. ރަޝިޔާއިން 61،388 މީހުން އައިއިރު ޔޫކޭއިން 52،716 މީހުން އައިސްފައިވެއެވެ. އަދި އިޓަލީއިން 46،690 މީހުން އައިިއިރު ޖަރުމަނުން އައިސްފައިވަނީ 36،435 މީހުންނެވެ. ކުރިން އެންމެ ބޮޑު މާކެޓެއް އޮތް ޗައިނާއިން އައިސްފައިވަނީ 34،435 މީހުންނެވެ. ހަތްވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ފްރާސްއިން 28،031 މީހުން އައިސްފައިވާއިރު އެމެރިކާއިން 19،759 މީހުން އަދި ސްވިޓްޒަލޭންޑުން 12،516 މީހުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވެއެވެ.