ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ހަވީރު ކުލަބު ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓީސް) ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.
މީލާދީ އާ އަހަރުގެ ބުރޭކަށް ލީގް ހަފުތާއަކަށް މެދު ކަނޑާލުމުގެ ކުރިން، މި ދެ ޓީމު ކުރިން ކުޅުނު މެޗުތައްވެސް ނިމުނީ އެއްވަރުވެގެންނެވެ. ގްރީން ސްޓްރީޓްސް ޔުނައިޓެޑް ވިކްޓަރީ އަތުން އެއްވަރުވީ މެޗުގެ ފަހު ވަގުތުގައި ޔޫވީ ކާމިޔާބު ކުރި ލަނޑުންނެވެ. ޓީސީ އާ ދެކޮޅަށް ކުޅުނު މެޗު ސަސްޕަޓީސް އެއްވަރު ކުރީ ޓީސީން ލީޑް ނެގި ފަހުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ސަސްގެ ހަމަލާތައް ދިފާއު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރި ގުރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ.
ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ޓީމު ދެއްކި ކުޅުމާމެދު ސަސްގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ހުރީ ހިތްހަމަ ޖެހިފަ އެވެ. އޭނާ ބުނީ، ކުރިން ކުޅުނު ތިން މެޗަށް ވުރެ މިއަދުގެ މެޗުގައިި ސަސްގެ ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ކަމަށެވެ. ޕޯސްޓް މެޗު ޕްރެސް ފެށުމުގެ ކުރިން ރެފްރީންނާ ބެހޭގޮތުން ސުވާލު ނުކުރުމަށް ނޫސްވެރިންނަށް އަދި ރެފްރީ އާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށް ކޯޗަށް އެފްއޭއެމްގެ އޮފިޝަލު އެންގި އެވެ. އަދި ރެފްރީންނާ މެދު ކަންބޮޑުވުމެއް އޮތް ނަމަ އެކަމުގެ ޝަކުވާ ރަސްމީކޮށް ހުށަހެޅުމަށްވެސް އޮފިޝަލު އެދުނެވެ.
"ޓީމުގެ މިއަދުގެ ޕާފޯމަންސަށް ބަލާއިރު މީ މި މުބާރާތުގައި ކުޅެވުނު އެންމެ ރަނގަޅު މެޗު ސަބަބަކަށް ވަނީ ޓީމުގެ ހުރިހާ ކުުދިންގެ ޕާފޯމް ވަރަށް ރަނގަޅަށް ފެނިގެން ގޮސްފި އިންޑަވިޖުއަލް ގޮތެއްގައިވެސް" ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ނާދު ބުންޏެވެ.
"މެޗުން ޕޮއިންޓެއް ނަގަން ނުވަތަ މޮޅުވާން މަސައްކަތް ކުރިތަން ފެނިގެން ދިޔައީ. ތިން ޕޮއިންޓް ނުލިބުނުކަން އެހެންނަމަވެސް ވަރަށް ރަނގަޅު ޗާންސްތަކެއް ލިބިގެންވެސް ހިނގައްޖެ. އެހެންނަމަވެސް ރަނގަޅު ޕޮއިންޓެއް މި ލިބުނީ މިވަރު ޓީމެއްގެ އަތުން އެހެންވީމަ ވަރަށް ހިތްހަމަޖެހޭ. ހުންނާނެ މޮޅުވާން ކުޅުނު މެޗުތައް އެހެންނަމަވެސް މިއަދު އިދިކޮޅު ޓީމަށް ބަލާފަ ޕޮއިންޓަކަށް މަސައްކަތް ކުރީ. އެހެންވީމަ ބުނެވޭނީ ރަނގަޅު ޕޮއިންޓެކޭ ޓީމަށް ލިބިގެން މިދިޔައީ."
ގުރީންގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ބުނީ، އޭނާގެ ޓީމުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނިގެން ދިޔަ ކަމަށެވެ. އޭނާ ބުނީ ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުކުރެވި ދިއުމުން ގުރީންގެ ޓީމުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އެނގިގެން ދިޔަ ކަމަށެވެ.
އޭނާ ބުނީ، ލީގްގެ އެންމެ ފުލުގައި އޮތުމަކީ ޕްރެޝަރެއް ކަމަށެވެ. ނަމަވެސް އެހާލަތު ބަދަލު ކުރުމަކީ އޭނާ އާއި ޓީމުގެ މަސައްކަތެއް ކަމަށް ނިޝްތާރު ބުންޏެވެ.