ރިޕޯޓް

އަދީބުގެ ކެރިއަރު "ހަވާފަޓާސްބަރި"އެއްހެން ގޮވުން!

އަހުމަދު އަދީބް އަބްދުލް ޣަފޫރު އުފަންވެ ވަޑައިގަތީ 11 އެޕްރީލް، 1982ގަ އެވެ. އެ ބޭފުޅާ އަކީ ދިވެހި ރާއްޖޭގެ ފަސް ވަނަ ނައިބު ރައީސެވެ.

އަދި އުމުރުން އެންމެ 33 އަހަރުގައި އެ ބޭފުޅާ ވެވަޑައިގެންފައި ވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ހުންނެވި އެންމެ "ޒުވާން" ނައިބު ރައީސަށެވެ. އަދީބު ސިޔާސީ މައިދާނުގައި ނުފޫޒުގަދަކޮށް މަޝްހޫރުވެ ވަޑައިގެންފައި ވަނީ "ރާއްޖޭގެ ޒުވާނުންގެ" ލީޑަރެއްގެ ގޮތުގަ އެވެ.

މާލެ އަށް އުފަން އަދީބު އެ ބޭފުޅާގެ ތައުލީމީ ހަޔާތްޕުޅު ފެއްޓެވީ މަޖީދިއްޔާ ސްކޫލުންނެވެ. އެއަށް ފަހު އިންގްލެންޑްގެ ސްޓެފޯޑްޝައިން ޔުނިވާސިޓީ އިން 2007 ވަނަ އަހަރު ޑިގްރީ ހާސިލުކުރެއްވުމަށް ފަހު މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޑިގްރީ ހާސިލުކުރައްވާފައި ވަނީ 2008 ވަނަ އަހަރު އޮސްޓްރޭލިއާގެ އެޑިޓް ކޯވަން ޔުނިވާސިޓީ އިންނެވެ.

ސިޔާސީ މައިދާނަށް ނުކުމެ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިވަޑައިގަތުމުގެ ކުރިން އަދީބު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގަ އެވެ. އެތަނުގައި އުޅުއްވިއިރު އޮފީސް ޓެލެޑްރާމާ ވެސް ކުޅުއްވި އެވެ.

ގުރެޖުއޭޓްވެ ވަޑައިގަތުމަށް ފަހު ދެން ފެނިވަޑައިގަތީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ގެ ސީއޯއޯއެއްގެ މަގާމުންނެވެ. އަދި އޭރު ވިޔަފާރިވެރިންގެ ޖަމިއްޔާ ނެޝެނަލް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ޚަޒާންދާރެއްގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ކަމަށް އަދީބު ވަޑައިގަތީ 2011 ވަނަ އަހަރު އެވެ. މިއީ އެ ބޭފުޅާ އަށް ރާއްޖޭގެ އާންމުންގެ ސަމާލުކަން ލިބިވަޑައިގެންނެވި ހިސާބެވެ. އެއަށް ފަހު ދެން މަޝްހޫރުވެ ވަޑައިގަތީ އިގްތިސާދީ މާހިރެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ އުސް ސްޓޭޖަށް މި ބޭފުޅާ އަރާވަޑައިގަތީ 2008 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވި އެމްޑީޕީގެ މުހައްމަދު ނަޝީދުގެ "ކުއްލި އިސްތިއުފާ" އަށް ފަހު 2012 ވަނަ އަހަރު ގައުމަށް ވެރިވި ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިންނެވެ. އޭރު ހުންނެވި ނައިބު ރައީސް މުހައްމަދު ވަހީދު ހުސެއިން މަނިކު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކުލަވައިލެއްވި ސަރުކާރުން އަދީބަށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމެވެ.

މި މަގާމު ލިބިވަޑައިގެންނެވި ހިސާބުންފެށިގެން އަދީބު މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަދި އާންމުންނަށް ވެސް ފެނިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގަ އެވެ. ޔާމީން ނޮވެމްބަރު 17، 2013ގައި ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅިގެން އަދީބުގެ އާރާއިބާރު އިތުރަށް ވަރުގަދަވެގެންދިޔަ އެވެ. ޔާމީންގެ ކެބިނެޓުން ވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމުގެ އިތުރުން ނުފޫޒު ގަދަ އެތައް މަގާމެއް އަދީބު ގެންދެވީ ފުރުއްވަމުންނެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އަދީބު އެންމެފަހުން ޔާމީންގެ ނައިބަކަށް އައްޔަންކުރެވިގެން ދިޔައީ ނައިބު ރައީސަކަށް އޭރު ހުންނެވި މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނެގުމަށް ފަހު، މި އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ.

ނައިބު ރައީސް ކަމަށް އަދީބު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 70 މެމްބަރުންގެ ތާއީދާ އެކުގަ އެވެ.

ނައިބު ރައީސްކަމަށް ވަޑައިގެންނެވިތާ ތިން މަސް ފަހުން އަދީބު ހައްޔަރުކޮށްފައި ވަނީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ސިންގަޕޫރުގައި މަޑުކުރެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންނެވިތަނުންނެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް އަދީބު މިހާރު ބަންދުކޮށްފައި ހުންނެވީ ދޫނިދޫގަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އެ ބޭފުޅާ ގެންގޮސްފައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން ރިއާސީ ލޯންޗު "ފިނިފެންމާ" އަށް ދިން ހަމަލާއާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ވެރިއަކު އަވަހާރަކޮށް ސަރުކާރެއް ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތެވެ.

މި ތުހުމަތަށް އަދީބު ހައްޔަރުކޮށްފައިވާއިރު އެ ބޭފުޅާ މިފަހުން ދިން އިންޓަވިއުތަކުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރައީސަށް ދިން ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކަށް ހައްގު އަދަބު ލިބިގެންދާން ޖެހޭނެ ކަމަށާއި މިފަދަ ކޮންމެ ހަމަލާއެއްގެ ނުވަތަ ހާދިސާއެއްގެ ތުހުމަތު އެ ބޭފުޅާގެ ބޮލުގައި އެޅުވުމަކީ އާންމު ކަމެއް ކަމަށެވެ.