އީރާނުން ބަދަލު ހިފަން އެދޭ ނަމަ އެއްވެސް ބައެއްގެ އެހީތެރިކަށް އީރާނަށް ބޭނުން ނުވާނެ ކަމަށް އީރާނުން ވާގިވެރިވެދޭ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.
ނަސްރުﷲ ވިދާޅުވި ގޮތުގައި އެއީ ނިއުކްލިއާ ސައިންޓިސްޓް މުހުސިން ފަޚްރިޒާދޭގެ މަރަށް ބަދަލުހިފުން ކަމަށް ވި ނަމަވެސް އަދި ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރަށް ބަދަލު ހިފުން ކަމަށް ވި ނަމަވެސް، އީރާނަށް ޕްރޮކްސީއެއް ބޭނުމެއް ނުވާނެ އެވެ. -- ޕްރޮކްސީ ބޭނުން ކޮށްގެން ކަމެއް ކުރުވުމަކީ އެހެން ބަޔަކު މެދުވެރިކޮށް ކަމެއް ކުރުވުމެވެ. ބައެއް ހާލަތްތަކުގައި އަސްލު މީހުން ފިލާތިބެ މެދުވެރިންނަށް ފައިސާދީގެން ކަމެއް ކުރުވުމެވެ.
ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ނަސްރުﷲ ވިދާޅުވީ އީރާނަކީ ހީކުރާ ވަރަށް ވުރެ ގަދަފަދަ ގައުމެއް ކަމަށާއި ފިލާ ތިބެގެން ކަންތައްތައް ކުރުވުމަކީ ފިނޑިންގެ އަމަލެއް ކަމަށެވެ.
އިޒްރޭލުން ބުނާ ގޮތުގައި ގާސިމް ސުލައިމާނީގެ މަރަށް އިރާނުން ބަދަލު ހިފާނެ އެވެ. އަދި އެއީ އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަން ހަވާލުވެ ވަޑައިގަތުމަށް ފަހު ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުން ބުނީ އީރާނުން ޕްރޮކްސީ މެދުވެރިކޮށް އީރާގުގައި ނުވަތަ ޔަމަނުގައި ހަމަލާތަކެއް ދޭން ރާވާ ކަމަށް ޖާސޫސީ ހެކި ލިބިފައި ހުރި ކަމަށެވެ. އެކަމަށްޓަކައި އިޒްރޭލް ޑިފެންސް ފޯސް ތައްޔާރުވި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އީރާނުން އަދި އިޒްރޭލުން ވެސް އިނގިލި ދިއްކުރެ އެވެ. ހަމަލާދީފި ނަމަ އަންދާހުލިކޮށްލާނެ ކަމަށް ބުނެ އެވެ. ޒަމާން މިއޮށްދަނީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރުމުގަ އާއި ކަރުން ނާރުނަގައި ބަސްބުނުމުގަ އެވެ.