ރާއްޖޭގައި ހިފުން މަނާކޮށްފައިވާ މިޔަރުގެ އުރަހަ ތަކެއް ވަގަށް އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް، މިޔަރު އުރަހަ ތަކަކީ އެންޒީއާ އެއްވެސް ގުޅުމެއް ހުރި އެއްޗިހި ތަކެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭން ބޮޑު ކަންނެލި ޔޫރަޕަށް އެކްސްޕޯޓް ކުރާ އެންމެ ބޮޑު ކުންފުނި ކަމަށް އެންސިސްގެ ލޯކަލް ބްރޭންޑް "އެންޒީ" ގެ ފޮށިތަކެއްގައި ހުރި މިޔަރު އުރަހަ ތަކެއް އިއްޔެ ވަނީ އޭވިޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގެންފަ އެވެ. އަދި ބައެއް ފަރާތް ތަކުން ދަނީ އެ އޮތޯރިޓީން އިން އާއްމު ކުރި ފޮޓޯތަކުގައި އެންޒީގެ ފޮށި ތަކެއް ފެންނަން ހުރުމުން އެ ކުންފުންޏަށް ތުހުމަތު ކުރަނުންނެވެ.
މި ކަމަާ ގުޅިގެން އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އަވަސް އަށް ވިދާޅުވީ އެންޒީ ބްރޭންޑުގެ ފޮށިތަކެއްގައި މިޔަރު އުރަހަ ތަކެއް އެކްސްޕޯޓް ކުރަން އުޅުނު މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާ، އެއީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށެވެ. އަދި އެ ތަކެތި އެކްސްޕޯޓް ކުރަން އެންޒީގެ ފޮށި ހޯދާފައިވަނީ އެ ކުންފުނިން އުކާލާ ފޮށި ހޮވައިގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އެކަން ކުރި ބަޔަކު [މިޔަރު އުރަހަ ބޭރު ކުރަން އުޅުނު] މީހުންނާ މެދު އަޅުގަނޑުމެން ގާނޫނީ ފިޔަވަޅު ވެސް އަޅާނަން. އެއީ ކުންފުނީގެ ނަން ބޭނުން ކޮށްފައިވާތީ،" ވަސީމް ވިދާޅުވި އެވެ.
އޭނާ ވަނީ މިކަން ހުއްޓުވައި އަތުލައި ގަތުމަށްޓަކައި ބޯޑަރު ބަލަހައްޓާ ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ރާއްޖޭން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ހިފަހައްޓާފައިވަނީ އިއްޔެ ބުނެފަ އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ބުނީ ރާއްޖޭ އިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް، އޭވިއޭޝަން ސެކިއުރިޓީގެ ކާގޯ ސްކްރީނިން ޔުނިޓުން ހިފަހައްޓާފައިވާ ކަމަށެވެ. އެ ތަކެތި ބޭރުކުރަން އުޅުނީ ލޮނު މަސްތަކެއްގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ. އެ ކޮމާންޑުން ބުނީ މިޔަރު އުރަހަތައް ހިފެހެއްޓުމަށްފަހު ކަމާބެހޭ އިދާރާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. ކަސްޓަމުން ބުނީ 21 ފޮށިގަނޑުގައި ބަންދުކޮށްގެން ބޭރަށް ގެންދަން އުޅުނު 429 ކިލޯގެ މިއަރު އުރަހަ ހިފަހައްޓާފައިވާ ކަމަށެވެ.