ވިޔަފާރި

ވައިގެ މަގުން އުފުލާ ކާގޯގެ އޮންލައިން ހިދުމަތް ރާއްޖޭގައި ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިގެ މަގުން ގެންނަ އަދި ބޭރުކުރާ މުދާގެ ކަންކަން ބެލެހެއްޓުން ޑިޖިޓަލްކޮށް އެކަމާ ގުޅޭ ހިދުމަތްތައް ހޯދޭނެ އޮންލައިން ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި "ކާގޯ އޮޓަމޭޓެޑް" ހިދުމަތް ދޭ ސިންގަޕޫރުގެ ސެޓްސް ކުންފުންޏާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ވީއައިއޭގައި މި ހިދުމަތް މިއަދު ތައާރަފުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޝަރީފު އެވެ.

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބޭއްވި ރަސްމިއްޔާތެއްގައި ސެޓްސްގެ ވައިސް ޕްރެޒިޑެންޓް ލިންގް ސައުސެންގް ވިދާޅުވީ މި ހިދުމަތް ތައާރަފު ކުރުމާއެކު ކާގޯގެ ހިދުމަތް ހޯދާ ފަރާތް ތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"ޕޭޕާލެސް [ކަރުދާސް ބޭނުން ނުކޮށް] އޮންލައިންކޮށް މި ހިދުމަތް ދޭން ފެށުމަކީ ވަރަށް ބޮޑު ލުޔެއް. މީގެ ސަބަބުން މީހުންނަށް ލިބިގެންދާ ފަސޭހަތަކުގެ އިތުރުން ތިމާވެށީގެ ރޮނގުން ވެސް ފައިދާ ތަކެއް ކުރާނެ،" ޗަންގީ އެއާޕޯޓުގެ ގްރައުންޑް ހޭޑްލިންގެ 80 ޕަސެންޓް މުދާ އުފުލުގެ ހިދުމަތް ދޭ ކުންފުނިން ވާހަކަ ދެއްކެވި ސައުސެންގް ވިދާޅުވި އެވެ.

ރިއަލް ޓައިމްކޮށް ކާގޯ ފެންނާނެ

ކާގޯ އޮޓަމޭޓެޑް ސިސްޓަމްސް (ކޮސިސް) ގެ ނަމުގައި ފެށި މި ހިދުމަތާ ބެހޭ ގޮތުން އެމްއޭސީއެލްގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް ހަލީމް ވިދާޅުވީ މިއީ ދުނިޔޭގެ 11 ގައުމެއްގެ 16 ތަނެއްގައި ދެމުން ގެންދާ ހިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގައި 17 ވަނަ ތަނެއްގެ ގޮތުގައި މި ހިދުމަތް ފެށިގެން ދިއުމާއެކު، ވައިގެ މަގުން މުދާ އެތެރެކޮށް އަދި ބޭރުކުރާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ހިދުމަތް ދެނީ ހުރިހާ އެއާލައިންތަކާ ގުޅިގެން ރިއަލްޓައިމްކޮށް ގުޅާލެވިފައިވާ ވިއުގައެއްގެ ތެރެއިން ކަމަށެވެ.

"ކުރިން މަތިންދާ ބޯޓް ރާއްޖެ އައުމުގެ ކުރިން [ފްލައިޓް] ގައި ހުރީ ކޮން މުދަލެއް ތޯ؟ މިއީ ކިހިނެއް އަންނަ އެއްޗެއްތޯ؟ އެނގޭނެ ގޮތެއް ނޯވެ. ނަމަވެސް ކޮސިސް ހިދުމަތް ފެށުމުން ބޯޓު މާލެ އަށް ޖެއްސުމުގެ ކުރިން ކަސްޓަމްސް އާއި ކަސްޓަމަރަށް ވެސް ޝިޕްމަންޓުގެ ފުރިހަމަ މައުލޫމާތު ލިބިގެން ދާނެ. މިހެންވުމުން ކަސްޓަމަރަށް ވެސް މުދާ ކްލައިއަރެންސަށް ތައްޔާރުވާން ފަސޭހަ ވެގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތް ފަރުމާކޮށްފައިވަނީ ކަސްޓަމްސްގެ އޮންލައިން ސިސްޓަމް "އައްސިކުޑަ" އާއި ސަރުކާރުން ތައާރަފުކުރަން ތައްޔާރުވާ ސިންގަލް ވިންޑޯ ވިއުގައާ ގުޅާލެވޭނެ ގޮތަށް ކަމަށެވެ.

"އެހެންވެ ކަސްޓަމްސްގެ މަސައްކަތް ވެސް ވަރަށް ބޮޑުތަން ހަލުވި ވެގެން ދާނެ. މީގެ އިތުރުން ޝިޕްމަންޓްތައް ހެންޑްލް ކުރަމުން ދާ ވަރަކަށް އެއާލައިން ތަކަށް ވެސް ރިއަލްޓައިމްކޮށް އަޕްޑޭޓް ލިބިގެން ދާނެ. ކުރިން މިފަދަ އެއްވެސް އަޕްޑޭޓެއް އެއާލައިންތަކާ ހިއްސާ ކުރެވޭނެ ގޮތެއް ނޯވެ،" ހަލީމް ވިދާޅުވި އެވެ.

އޮންލައިން ޕޭމަންޓް ހިދުމަތް ތައާރަފު ކުރަނީ

އެމްއޭސީއެލް އިން ވަނީ މި ހިދުމަތް ދޭން "އެމްއޭސީއެލް ކާގޯ" ގެ ނަމުގައި ހާއްސަ މޮބައިލް އެޕެއް ތައާރަފުކޮށްފަ އެވެ. މި ހިދުމަތް ލިބެނީ އެޕަލް އާއި އެންޑްރޮއިޑު ސަޕޯޓު ކުރާ މި އެޕްލިކޭޝަން މެދުވެރިކޮށެވެ.

ހަލީމް ވިދާޅުވީ މި އެޕް މެދުވެރިކޮށް ފްލައިޓް ޝެޑިއުލްތަކާއި ޝިޕްމަންޓް ޓްރެކިން އަދި ޝިޕްމަންޓުގެ އެންމެ ފަހުގެ މައުލޫމާތު ބަލައިލެވޭނެ ކަމަށެވެ.

"ކުރީގައި ޝިޕްމަންޓުގެ އަޕްޑޭޓް ބަލަން ޖެހެނީ ގުޅަން. ގުޅާފަ ޝިޕްމަންޓް އައިސްފި ތޯ؟ ނޫނީ އެ އަށް އަރަނީ ކިހާވަރެއް ތޯ؟ މި ފަދަ މައުލޫމާތު ބަލަން ޖެހެނީ. މީގެ އިތުރުން 'ވެބް ޓްރެކް' ގެ ހިދުމަތް މެދުވެރިކޮށް ގޭގައި ނޫނީ އޮފީހުގައި ތިބެގެން އެނގޭނެ. އެހެންވީމަ އެއާޕޯޓަށް ގޮސް ކުރިން ކުރާ ގިނަ ކަންތައްތަކެއް ދުރާލާ ކޮށްލައިގެން ދިއުމުގެ ފުރުސަތު މިފަހިވީ،" ހަލީމް ވިދާޅުވި އެވެ.

"ހަމަ އެއާއެކު އޮންލައިން ޕޭމަންޓް ސިސްޓަމްސް ވެސް ތައާރަފުކުރާ ނަން. އޭރުން ސިޕްމަންޓް ކްލިއަކުރަން ދިއުމުގެ ކުރިން ބޭނުންވާ ހުރިހާ ޑޮއިއުމެންޓެއް ހިފައިގެން ޕޭމަންޓުވެސް ނިންމާލާފައި ދާންވީ،"