އާ އަހަރެއްގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ވަނީ "އެނިމަލް" ކިޔާ ބޮޑު ޕްރޮޖެކްޓެއް އިއުލާންކޮށްފަ އެވެ. "ކަބީރް ސިންގް" ޑައިރެކްޓްކުރި ސަންދީޕްގެ އާ ފިލްމުގެ ތަރިންނަކީ ރަންބީރު ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އަދި އަނިލް ކަޕޫރެވެ.
ސަންދީޕްގެ ފިލްމުތަކަކީ ވަރަށް ވަރުގަދަ ސޯޝަލް މެސެޖްތަކެއް ދޭ ފިލްމުތަކަށް ވާތީ މި ފިލްމު އިއުލާން ކުރުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި ފިލްމަށް ވަނީ ލިބިފަ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "އެނިމަލް" އަކީ ދެ ބަތަލާއިންނަށް ވަރަށް މުހިއްމު ރޯލުތަކެއް ހިމެނޭ ފިލްމެކެވެ. އެހެންކަމުން ޕަރިނީތީގެ އިތުރުން އިތުރު ބަތަލާއަކު މި ފިލްމަށް ކާސްޓް ކުރަން ވަނީ ހަމަޖެހިފަ އެވެ. މި ބަތަލާއަކީ "ބުލްބުލް" ގެ ބަތަލާ ޓްރިޕްތީ ޑިމްރީކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މި ރޯލަށް ތްރިޕްތީ އޮޑީޝަން ދީފި ކަމަށާއި އޭނާގެ އޮޑިޝަން އެންމެންނަށް ވެސް ވަރަށް ކަމުގޮސްފައިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.
"ވަރަށް މަޝްހޫރު ގިނަ ބަތަލާއިން މި ރޯލަށް އޮޑީޝަން ދީފައިވޭ. އޮޑީޝަން ދިން ބަތަލާއިންގެ ތެރޭގައި ސާރާ އަލީ ޚާން ވެސް ހިމެނޭ. ނަމަވެސް ފިލްމު އުފައްދާ ފަރާތަށް އެންމެ ހިތްހަމަޖެހޭ އޮޑީޝަނެއް ދީފައި ވަނީ ޓްރިޕްތީ. އަދި ރަންބީރު އާއެކު ޓްރިޕްތީގެ ޖޯޑު މުޅިން އާ ވެފައި ތާޒާ ވާނެކަމަށް ފިލްމު އުފައްދާ ފަރާތުން ގަބޫލު ކުރެވޭ،" މި ޚަބަރަށް މައުލޫމާތު ދިން އިންޑަސްޓްރީގެ މީހާ ބުނެފައި ވެއެވެ.
ޕަރިނީތީ-ރަންބީރުގެ ޖޯޑުގެ ވެސް މިއީ ފުރަތަމަ ފިލްމެވެ. މި ދެ ތަރިން އެކުގައި މީގެ ކުރިން އެއްވެސް ފިލްމެއް ކުޅެފައެއް ނުވެ އެވެ. އެހެންކަމުން "އެނިމަލް" ވެގެން ދާނީ ރަންބީރު އާއެކު މުޅިން އާ ބަތަލާއިންތަކެއްގެ ކެމިސްޓްރީ ފެނިގެން ދާނެ ފިލްމަކަށެވެ.
ޓްރިޕްތީ މީގެ ކުރިން ފެނިފައި ވަނީ "ލައިލާ މަޖްނޫ" އާއި "ބުލްބުލް" އިން އެކަންޏެވެ. ނަމަވެސް އޭނާގެ ހުނަރުވެރިކަމުން ވަރަށް ކުރިއަރައިގެން ދާނެ އުންމީދީ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ޓްރިޕްތީ ސިފަ ކުރެ އެވެ.
ދަދިފަހުން ޓްރިޕްތީ އަށް ވަނީ ބެސްޓް އެކްޓާ އިން އަ ވެބް އޮރިޖިނަލް ފިލްމް (އަންހެން) ގެ ފިލްމްފެއާ އެވޯޑު ލިބިފަ އެވެ. އެއީ "ބުލްބުލް" ގައި އޭނާ ކުޅުނު މޮޅު ރޯލަށް ލިބުނު އެވޯޑެކެވެ. މިއީ އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރާ ފިލްމުތަކަށް ފިލްމްފެއާ އިން އެވޯޑު ދޭން ފެށި ފުރަތަމަ ފަހަރެވެ.