އެތުލެޓިކޯ މެޑްރިޑް

ޓްރިޕިއާގެ ސަސްޕެންޝަން ފީފާއިން މަޑުޖައްސާލައިފި

އެތުލެޓިކޯ މެޑްރިޑްގެ އިނގިރޭސި ޑިފެންޑަރު ކިރަން ޓްރިޕިއާ އާ ދެކޮޅަށް އިނގިރޭސި އެފްއޭ އިން ކުރިމަތި ކުރި 10 ހަފުތާގެ ސަސްޕެންޝަން ފީފާއިން މަޑު ޖައްސާލައިފި އެވެ.

ބެޓިންގެ އުސޫލުތަކާ ހިލާފު ވުމުން، ޓްރިޕިއާ އާ ދެކޮޅަށް އިނގިރޭސި އެފްއޭއިން އެޅި 10 ހަފުތާގެ ސަސްޕެންޝަންގައި ވާގޮތުން، ސަސްޕެންޝަންގެ މުއްދަތުގައި އެތުލެޓިކޯގެ އެއްވެސް ކަމެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ. އެ ސަސްޕެންޝަނާ ގުޅިގެން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ވަނީ އިނގިރޭސި އެފްއޭގެ ނިންމުމަށް މީގެ ކުރިން ފާޑު ކިޔާަފަ އެވެ.

އޭނާ ބުނެފައި ވަނީ، އެތުލެޓިކޯ މެޑްރިޑް އެކަމެއްގައި ޝާމިލުވުން ނެތް ކަމެއްގައި އެ ކުލަބަށް އެކަނި ގެއްލުންވާ ގޮތަށް އަދަބު ލިބުމަކީ އިންސާފެއް ނޫން ކަމަށެވެ. ސިމިއޯނޭ އިތުރަށް ބުނެފައި ވަނީ އެ އަދަބުގެ ސަބަބުން އެތުލެޓިކޯއަށް އެކަނި ގެއްލުން ވެފައި އިނގިރޭސި އެފްއޭގެ ޓީމަށް ގެއްލުން ނުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އަދި އެތުލެޓިކޯއަށް ގެއްލުންވާ މައްސަލަ އަލުން މުރާޖާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ސިމިއޯނޭ ބުންޏެވެ.

އާދިއްތަ ދުވަހުގެ ރޭ، ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންވެސް، ޓްރިޕިއާގެ ސަސްޕެންޝަންގެ އަދަބު ފީފާއިން އޮތީ މަޑުޖައްސާލާފަ އެވެ. އެހެން ނަމަވެސް އެ މެޗުގައި އޭނާ ބޭނުން ކޮށްފައެއް ނުވެ އެވެ. ފީފާއިން އަދަބު މަޑު ޖައްސާލީ މައްސަލަ އިތުރަށް ތަހްގީގު ކުރުމުގެ ގޮތުންނެވެ.

އެތުލެޓިކޯއިން ވަނީ އިނގިރޭސި އެފްއޭގެ ނިންމުމާ ގުޅިގެން އޭގެ އިތުރު ތަފްސީލު ދިނުމަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެތުލެޓިކޯ އެދުނު ތަފްސީލުތަކެއް އިނގިރޭސި އެފްއޭއިން ފޯރު ކޮށްދީފައެއް ނުވެ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޖުލައި 2019 ގައި ޓޮޓެންހަމް ހޮޓްސްޕާސްއިން އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފާއަށް ބެޓް ކުރި ފަރާތްތަކަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ބައެއް ގައުމުތަކުގައި ބެޓިން ކުރުން މަނާ ކޮށްފައިވީ ނަމަވެސް މެޓީރިއަލިސްޓިކް މަުޖުތަމައުތަކެއް އޮންނަ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ބެޓިން ކުރުން ވަނީ ހުއްދަ ކޮށްފަ އެވެ.

ޓްރިޕިއާގެ ޓްރާންސްފާ އަށް ބެޓް ކުރި ފަރާތަކުން ބެޓް ކޮށްފައި ވަނީ 20 މިލިއަން ޕައުންޑަށް އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވާނެ ކަމަށެވެ. އެ ބެޓާ އެއްގޮތަށް އޭނާގެ ޓްރާންސްފާ ހަމަޖެހިގެން ދިއުމުން އިނގިރޭސި އެފްއޭއިން ތުހުމަތު ކުރަނީ ބެޓް ކުރި ފަރާތްތަކަށް ޓްރްޕިއާ އެހީވެ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގު ކުރެ އެވެ. އޭނާ ބުނީ އޭނާގެ ޓްރާންސްފާއަށް އެހެން ފަރާތަކުން ކުރި ބެޓަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށް ދީފައި ނުވާނެ ކަމަށެވެ.

ޓްރާންސްފާ ބެޓިން އަށް އެހީތެރި ވުމަކީ ދޭތެރެ ދޭތެރެއިން ކުޅުންތެރިން ކުރާ ކަމެކެވެ. އެކަން ކުރަނީ ބެޓް ދިމާވާ ފަރާތަށް ލިބޭ ފައިސާގެ ތެރެއިން ބައެއް ކުޅުންތެރިޔާއަށް ދޭން ހުށަހަޅާތީ އެވެ.

މިފަދަ މައްސަލައެއްގައި މީގެ ކުރިން އަދަބު ލިބިފައިވާ ކުޅުންތެރިޔަކީ ލިވަޕޫލްގެ ކުރީގެ ފޯވަޑް ޑެނިއަލް ސްޓަރިޖް އެވެ. ލިވަޕޫލް ދޫކޮށް، 2018 ވަނަ އަހަރު އޭނާ ސެވިއްޔާ އަށް ބަދަލުވިއިރު އެ ޓްރާންސްފާ އަށް ބެޓް ކުރި އޭނާގެ ބޭބެއަށް އެތެރޭގެ މައުލޫމާތު ފޯރުކޮށްދިކަން އޭނާ މައްޗަށް ސާބިތު ވި އެވެ. އެކަމާ ގުޅިގެން ހަތަރު މަހަށް އޭނާ ސަސްޕެންޑް ކުރި އެވެ.