ދުނިޔެ

އީރާނުން ސައުތު ކޮރެއާގެ ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން ހިފަހައްޓައިފި

ސައުތު ކޮރެއާ ކެމިކަލް ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަނިކޮށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯއިން ހިފަހައްޓައިފި އެވެ. ސައުތު ކޮރެއާއިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.

ސައުތު ކޮރެއާއިން ބުނީ "ހޭންކުކް ކެމީ" ޓޭންކަރު ދަތުރު ކުރީ ސައޫދީ އަރަބިއްޔާގެ ޖުބައިލް ބަނދަރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޖައިރާއަށް ކަމަށެވެ.

ޓޭންކަރުގައި ތިބި ފަޅުވެރިންނާ ބެހޭ ގޮތުން ވެރިރަށް ސޯލްއިން ބުނީ ގޮތުގައި، އޭގައި ތިބީ މިއަންމާގެ 11 މީހުންނާއި، ސައުތު ކޮރެއާގެ ފަސް މީހުނާއި އިންޑޮނީޝިއާގެ ދެމީހުން، އަދި ވިއެޓްނާމް ދެމީހުނެވެ.

އީރާނުން ބުނީ ޓޭންކަރު ހިފެހެއްޓީ ހޮރްމޫޒް ކަނޑުއޮޅިއަށް ކެމިކަލް އޮއްސާތީ ކަމަށެވެ. އެކަމަކު ސައުތު ކޮރެއާއިން އެކަން ދޮގު ކުރެ އެވެ. އަދި ބުނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަން ޖެހުނު ސަބަބު ލިޔުމުން ހުށަހަޅައި ދޭނެ ކަމަށެވެ.

ސައުތު ކޮރެއާއާ އީރާނާ ދެމެދު ކުނިޖެހިފައި ވަނީ އެމެރިކާ ބުނާހާ ގޮތެއް ސައުތުން ހަދާތީ އެވެ. އެމެރިކާގެ ބުނުމަށް ސައުތު ކޮރެއާގެ ބޭންކްތަކުގައި ހުރި އީރާންގެ ފައިސާ ވެސް ސައުތު ކޮރެއާއިން ވަނީ ހިފަހައްޓާފަ އެވެ. މިއީ އީރާނުން ތެޔޮ ވިއްކައިގެން ހޯދާފައި ހުރި ފައިސާ އެވެ.

ސައުތު ކޮރެއާގެ ހޭންކުކު ކެމި ޓޭންކަރު އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑުން ހިފަހައްޓާ ވީޑިއޯ

އީރާން މީޑިއާއިން ބުނާ ގޮތުގައި ޓޭންކަރު ހިފަހައްޓައި ބަނދަރު ކުރުވާފައި ވަނީ އީރާންގެ ބަނދަރު އައްބާސްގަ އެވެ.

މެރިޓައިމް ސެކިޔުރިޓީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އީރާނުން އެ ދައްކަނީ ބޯ ހަމަނުޖެހޭ ވާހަކަތަކެވެ. ކެމިކަލުން ކަނޑުއޮޅި ތަޣައްރު ކުރާ ކަމަށް ބުނެ އެ ދައްކާ ކަހަލަ ވާހަކަތައް ހުންނަނީ ކުޑަކުދިންގެ ވާހަކަ ފޮތްތަކުގަ އެވެ. އެމީހުން ބުނީ އަސްލު މައްސަލަ އަކީ ސައުތު ކޮރެއާއިން ހިފަހައްޓާފައި ހުރި އީރާނުގެ ފައިސާ އެވެ.