ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީ އެކްސިޑެންޓް: އެކެއްގެ ހާލު ސީރިއަސް

ރޭ ސީ އެމްބިލެންސަކާއި ލޯންޗެއް ޖެހުނު ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން އަންނަ އިރު އެކެއްގެ ހާލު ސީރިއަސްވެ އައިސީޔޫ ގައި ބާއްވާފައިވާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތަ އާއި އިންވެގެން ހުންނަ ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުންފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭގެ ކަނޑުމަތީ އެކްސިޑެންޓުގައި އަނިޔާވެގެން ތިން މީހަކު އެ ހޮސްޕިޓަކަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއި ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދެމުން ދަނީ އުމުރުން 43 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އަނެއް ދެމީހުންނަށް ފަރުވާ ދެމުން އަންނަނީ އެމެޖަންސީ ބަގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައިސީޔޫގައި ފަރުވާ ދެމުން ދަނީ އެކްސިޑެންޓްވި ލޯންޗްގެ ކެޕްޓަނަށެވެ.

ރޭގެ ދަންވަރުގެ ހިނގި އެކްސިޑެންޓް އައީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބުއުލާންސް ލޯންޗަކާއި މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހިގެނެވެ. މާލެއިން ދަތުރު ކުރި ލޯންޗަކީ މާލެ އާއި ފ. ފީއައްޔާ ދެމެދު ދަތުރުކުރާ "ޑްރީމް" ލޯންޗެވެ. އެ އެކްސިޑެންޓް ހިނގައިފައި ވަނީ އިތާފުށި ރިސޯޓް ކައިރިންނެވެ.

މި އެކްސިޑެންޓް ހިނގި އިރު ސީ އެމްބިއުލާންސްގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން އަނިޔާވީ ދެ މީހަކަށެވެ. ލޯންޗުން އަނިޔާވީ އެކަކަށެވެ. މި ތިން މީހުނަށް ލިބުނު އަނިޔާގެ ތަފުސީލުތައް އެމްއެންޑީއެފާއި ހޮސްޕިޓަލުން ވެސް ސާފުކޮށްދީފައެއް ނުވެއެވެ.