ހަބަރު

ބިދޭސީންގެ ސައްހަ ނޫން ނޮޓޮރައިޒް ލިޔުންތައް ހުށަހަޅާތީ އިންޒާރު

Jan 5, 2021
5

ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެންނަން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ކޯޓުގައި ރަޖިސްޓްރީކޮށް ނުވަތަ ނޮޓަރައިޒް ކުރުމަށް ފަހު ހުށަހަޅަންޖެހޭ ލިޔުންތަކެއް ހިމެނޭއިރު، އެކަމުގެ ބޭނުމާއި މަގުސަދު ގެއްލޭގޮތަށް ހުށަހަޅަމުން ދާތީ، ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ބިދޭސީން ގެންނަން ދޫކުރާ ހުއްދަ އާގުޅޭ ލިޔުންތައް ނޮޓޮރައިޒްކޮށް ހުށަހަޅާއިރު، މައުލޫމާތު ފުރިހަމަ ނުކޮށް ހުންނަ ލިޔުން، ނޮޓަރައިޒް ކޮށްފަ ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"... މީގެ އިތުރަށް، ނޮޓަރައިޒް ކޮށްފައިވާ ލިޔުމުގައި ހިމެނޭ މައުލޫމާތު ބަދަލު ކުރުމަށް ފަހު ހުށަހަޅަމުން ދާކަން ވެސް މި މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައި،" އެ އިއުލާނުގައި ބުންޏެވެ.

އެހެންކަމުން، އެފަދަ ލިޔުން ހުށަހަޅާ ފަރާތްތަކާމެދު ގަވައިދުން ފިޔަވަޅު އެޅުމާއެކު، އެފަދަ ލިޔުން ނޮޓަރައިޒް ކޮށްދޭ ފަރާތްތަކުން ނޮޓަރައިޒް ކޮށްދީފައި ހުންނަ ލިޔުން، އިތުރަށް ބަލައި ނުގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި ސައްހަނޫން މައުލޫމާތު ހިމެނޭ ލިޔުމާއި، މައުލޫމާތު ފުރިހަމަ ނުވެ އޮއްވާ ނޮޓަރައިޒް ކޮށްފައިހުންނަ ލިޔެކިޔުން، އަދި ނޮޓަރައިޒް ކުރުމަށް ފަހު ބަދަލު ގެނެއްސަ ހުންނަ ލިޔުން، ދެން ބަލައި ނުގަންނާނެ ކަމުގައި ވެސް ބުންޏެވެ.