ހަބަރު

2017: އައިޖީއެމްއެޗްގެ ފާހާނާބަރި ހަދަން އިތުރަށް ދެ މިލިއަން ހޭދަކުރި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި 2017 ވަނަ އަހަރު އާންމުން ބޭނުން ކުރުމަށް ފާހާނާ ބަރިއެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަކަށް ނުލައި، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްގެން ކަމަށް އެ އަހަރުގެ ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާއްމު ކޮށްފައިވާއިރު، އޭގައި ބުނެފައި ވަނީ، ދޮޅު މިލިއަނަށްވުރެ ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ، ޓެންޑާ ބޯޑަށް ހުށަހަޅައިގެންކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ފާހާނާ ބަރި އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ.

މިގޮތުން، ޖުމްލަ ހަތް ފާހާނާ ހިމެނޭގޮތަށް ދެ ފާހާނާ ބަރި އެޅުމަށް އެވަރެޖުކޮށް ހުށަހަޅާފައިވަނީ 2،549،901 ރުފިޔާ ނަމަވެސް، އެ އިއުލާނު ބާތިލުކުރުމަށްފަހު ހަތް ފާހާނާގެ އެއް ބަރި އެޅުމަށް ތިން ފަރާތަކުން ކޯޓޭޝަން ހޯދައިގެން މަސައްކަތް ހަވާލުކޮށްފައިވަނީ، 3،498،491 ރުފިޔާއަށް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.

އަދި މަސައްކަތުގެ ވޭރިއޭޝަންގެ ގޮތުގައި 35 ޕަސަންޓް އިތުރުކޮށް، ޖުމްލަ 4،801،599 ރުފިޔާ އެ މަޝްރޫއުއަށް ހަރަދުކޮށްފައިވާކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އިތުރަށް ބުނީ ޓެންޑާ ބޯޑަށް ހުށަހެޅުމެއްނެތި ކޯޓޭޝަން ހޯދައިގެން އެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ކޯޓޭޝަން ހޯދި ފަރާތްތަކުގެ ދެ ފަރާތަކީ ގުޅުންހުރި ދެ ފަރާތްކަމަށް ފާހަގަވެފައިވާ ކަމަށެވެ.

"އިއުލާނުކޮށްގެން ކުޑައަގުތަކެއް ލިބިފައިވަނިކޮށް އެ އަގުތަކަކީ އަންދާޒާ ކުރި އަގަށްވުރެ ބޮޑު އަގެއްކަމަށް ބަޔާންކޮށް އިއުލާނުތައް ބާތިލުކުރުމަށްފަހު ،ތިން ފަރާތުން އަގު ހޯދައިގެން މަސައްކަތް ހަވާލުކޮށްފައިވާއިރު، އިއުލާނުކޮށްގެން ލިބުނު އަގުތަކަށްވުރެ ބޮޑުކޮށް މި ކަމަށް ހަރަދުކޮށްފައިވޭ،" އޮޑިޓޫ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި އިއުލާނުކޮށްގެން ހޯދާފައިވާ އަގުތަކަކީ ދެ ފާހާނާ ބަރިއެޅުމަށް ހޯދާފައިވާ އަގުތަކަކަށްވާއިރު، ކޯޓޭޝަން ހޯދައިގެން މަސައްކަތް ހަވާލުކޮށްފައިވާ އަގަކީ އެއް ފާހާނާ ބަރި އެޅުމަށް ހޯދާފައިވާ އަގެއްކަމަށް އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، މާލިއްޔަތު ގަވައިދާ ހިލާފަށް އެ މަސައްކަތަށް އެޑްވާންސް ފައިސާގެ ގޮތުގައި 30 ޕަސަންޓަށްވާ މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާއިރު، ވޭރިއޭޝަންގެ ގޮތުގައި ޖުމްލަ އަގުގެ 35 ޕަސަންޓް ހަރަދުކޮށްފައިވަނީ، އިތުރު މަސައްކަތެއްގެ ގޮތުގައި ނުބެލެވޭކަންކަމަށް ކަމަށް ބުނެފައިވެ އެވެ.

ފާހާނާ ބަރި އެޅުމުގެ އިތުރުން، ހެލްތު މިނިސްޓްރީއިން ގަވާއިދާއި ހިލާފާށް ހަރަދުކޮށްފައިވާ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ޓެންޑާ ބޯޑަށް ހުށަހެޅުމެއްނެތި ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާއިރު، އެ މިނިސްޓްރީގެ މާލީ ބަޔާންތައް ދިމާނުވާ މައްސަލަތަކެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.