ރައްޔިތުންގެ މަޖިލިސް

މަޖިލިސް ހުޅުވުން ފެބްރުއަރީ 4 ގައި، ސަރުކާރު ބަންދުކޮށްފި

ރައްޔިތުންގެ މަޖިލީސް މި ދައުރަށް ހުޅުވާ ދުވަސް ކަމަށްވާ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

މަޖިލީސް އާ ދައުރަށް ހުޅުވުމުގެ ޖަލްސާގައި އޮންނާނީ ގައުމުގެ ހާލަތާއި ކުރިއަށް ލަފާކުރާ ގޮތް އަދި ސަރުކާރުގެ ޕްލޭންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން ހުށައެޅުމެވެ. ރައީސް އޮފީހުން މިއަދު ބުނީ މަޖިލީސް ހުޅުވުން ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހަށް ހަމަޖައްސާފައިވާތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ކުރިން ވަނީ 2021 ގެ ކަލަންޑަރުގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން، އިތުރު ދެ ދުވަހެއް ބަންދު ކުރުމަށް ނިންމާފައެވެ. ސަރުކާރުން ބަންދު ކުރަން ރައީސް ނިންމަވާފައިވާ ދެ ދުވަހަކީ އަންނަ އަހަރުގެ އަލްހާ އީދު ދުވަހުގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގެ މެދަށް ވަންނަ ދެ ދުވަހެވެ.

މިގޮތުން، 16 ޖުލައި 2021 އަކީ ހުކުރު ދުވަހެއް ކަމަށްވާއިރު، އަންނަ އަހަރުގެ ހައްޖު ދުވަހަކީ 19 ޖުލައި ވާ ހޯމަ ދުވަހެވެ. އަދި ހައްޖު ދުވަހާއި ވިދިގެން އަންނަ އަލްހާ އީދު ދުވަހުގެ ބަންދު ދުވަސްތައް 24 ޖުލައި ވާ ހޮނިހިރު ދުވަހާ ހަމައަށް ދިގުދެމިގެންދާއިރު، ރައީސް ބަންދުކޮށްދެއްވައިފަނީ އެ ހަފްތާގެ އާދިއްތަ ދުވަހެވެ. އޭގެ ފަހުން، އަންނަ އަހަރުގެ ޖުލައި 26 އާއި މުނާސަބަތުގައި ފާހަގަކުރާ 27 ވަނަ ދުވަހުގެ ކުރިން، ވަންނަ 25 ވަނަ ދުވަސް ވެސް ރައީސް ވަނީ ބަންދުކޮށް ދެއްވައިފަ އެވެ. އެއާއެކު، 16 ޖުލައި އިން ފެށިގެން 27 ޖުލައި އާ ހަމައަށް ޖުމްލަ 12 ދުވަސް އަންނަ އަހަރުގެ ޖުލައި މަހު ސަރުކާރު ބަންދުވާނެ އެވެ.

އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ރައީސް އޮފީހުން މި އަހަރުވެސް ވަނީ އިތުރަށް ބަންދުކުރާ ދުވަސްތައް ދުރާލައި އިއުލާނުކޮށްފައި އެވެ.