ރައީސް އަބްދުﷲ ޔާމީން އިހަކަށް ދުވަހު އެ ސަލާމަތްވެ ވަޑައިގަތީ މަރުގެ އެތިފަހަރަކުންނެވެ. އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި "ރައީސްގެ ގޮނޑިކޮޅު" ގައި ބޮން ހަރުކޮށް ގޮއްވާލި ނަމަވެސް ސަލާމަތްވެ ވަޑައިގަތީ އެ ވަގުތު ރައީސަށް އެހެން ތަނެއްގައި އިންނެވުމުންނެވެ.
ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފާ ބޭބެ، މައުމޫން އަބްދުލް ގައްޔޫމް ވެސް އެ ބޭފުޅާގެ ވެރިކަމުގެ ދުވަސްވަރު މަރުގެ އެތިފަހަރަކުން ސަލާމަތްވެ ވަޑައިގަތެވެ. ހއ. ހޯރަފުއްޓަށް 2008 ވަނަ އަހަރު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެ މަނިކުފާނަށް އަމާޒުކޮށް އާންމުންގެ މީހަކު ދިން ވަޅީގެ އެ ހަމަލާ އެރީ ހިތްވަރުގަދަ ސްކައުޓެއްގެެ އަތްތިލައަށެވެ.
ކުރީގެ ރައީސް އަދި ޓެރަރިޒަމްގެ ކުށުގައި މިހާރު ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދަކީ ވެސް އެ ބޭފުޅާގެ ވެރިކަމުގައި މަރުގެ އެތިފަހަރަކުން ސަލާމަތްވެ ވަޑައިގެންފައިވާ ލީޑަރެކެވެ. އެ މަނިކުފާނުގެ ބަދުނަސީބު ވެރިކަން ނިމުމަކަށް އައިގޮތަށް އެކަން ވެގެން ނުދިޔަ ނަމަ އެ ދުވަހުގެ ހަމަނުޖެހުންތަކުގެ ތެރެއިން ނަޝީދު "ހަވަރަށް" ދޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުންޏެވެ.
އެ މަނިކުފާނުގެ ފުރާނަފުޅަށް ފެންބޮވައިގެންފައި އޮތް ބައިގަނޑެއްގެ އަތުން އެ ދުވަހު ސަލާމަތްވެ ވަޑައިގަތީ ސުލްހައިގެ މަގު ހިޔާރުކުރެއްވުމުންނެވެ.
އެހެންވީމަ މިފަދަ ހާލަތްތަކުގައި މަރުގެ އެތިފަހަރުތަކުން ސަލާމަތްވެ ވަޑައިގަތުމަކީ ނުވަތަ ސަލާމަތްވުމަކީ މީހެއްގެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެދާނެ ކަމެއް ހެއްޔެވެ؟ މަރުގެ އެތިފަހަރަކުން ސަލާމަތްވާ މީހާގެ ދިރިއުޅުން ބަދަލުވެގެން ދަނީ ކިހާ ވަރަކަށްތޯ އެވެ؟
މަރުގެ ރަހަ ތަޖުރިބާކޮށްފައިވާ މީހުން ބުނާ ގޮތުން ނަމަ މަރުގެ އެތިފަހަރެއް ތަޖުރިބާކުރެވި އެފަދަ ހަމަލާއަކުން ސަލާމަތްވުމަކީ ހަގީގަތުގައި ވެސް ނިކަން ގަދަފަދަ ޖަޒުބާތުތަކެއްގެ ތެރެއަށް މީހާ ދައިގެން ގެންދާ ތަޖުރިބާއެކެވެ. ފަހަރެއްގައި ބައެއް މީހުން އެމީހުންގެ ހޮބީއަކަށް "އެކްސްޓްރީމް-ސްޕޯޓްސް" ނުވަތަ މަރާ ކުޅެލެވޭ ފަދަ ތަޖުރިބާތަކަށް ޝައުގުވެރިވަނީ ވެސް މި ޖަޒުބާތުތަކެއްގައި ޖެހިގަތުމަށެވެ.
މަރުގެ ރަހަ އަރުތެރޭގައި ލުމަކީ މީހާގެ ލޭ ކައްކުވާލަދޭ ކަމެކެވެ. ނަމަވެސް ގިނަ މީހުން ބުނަނީ އެއީ ބިރުން ކުރެވޭ އިހްސާސްތަކެއް ނޫން ކަމަށެވެ.
އަދި ދިރިއުޅުން ބަދަލުކޮށްލާ ވަރުގެ ފިލާވަޅުތަކެއް ވެސް ލިބޭ ކަމެއް ނޫން ކަމަށެވެ. މިހެން ބުނެފައިވާ އެކަކަކީ "ދަ ނިއު ޔޯކް ޓައިމްސް" ފަދަ ނޫސްތަކުން މަޝްހޫރުކަން ހޯދާފައިވާ ލިޔުންތެރިޔާ އަދި ކާޓޫނިސްޓް، ޓިމް ކްރެއިޑާ އެވެ. އޭނާ އަކީ ވެސް މަރުގެ އެތިފަހަރަކުން ނިކަން ހަނިގޮތަކަށް ސަލާމަތްވެފައިވާ ފަރާތެކެވެ.
ވަޅި ޖެހީ އޭނާގެ ކަރަށެވެ. ހަތަރު މިނެޓަށް ވުރެ ލަހުން އޭނާ އަށް ފަރުވާ ދެވުނު ނަމަ ފުރާނަ ސަލާމަތެއް ނުކުރެވޭނެ އެވެ.
އޭނާގެ މަޝްހޫރު މަޒުމޫނު ފޮތް "ވީ ލާން ނަތިން" ގައި ބުނެފައި ވަނީ މަރުގެ އެތިފަހަރަކުން ސަލާމަތްވެގެން ހާސިލުވާ އިބްރަތަކަށް ނުވަތަ އިބްރަތްތަކަށް ވުރެ ގިނަ ފިލާވަޅުތަކެއް ލޯބިވެރިޔާއާ ރުޅިވެގެން ނުވަތަ އަނބިމީހާއާ ވަރިވެގެން ކުރެވޭ ކަމަށެވެ. އަދި އޭނާ ބުނަނީ މަރުނުވެ ދިރިހުރިކަމުގެ އިހްސާސް އަހަރެމެން އިންސާނުންނަށް ކުރެވެނީ މަރު މަތިން ހަނދާންކޮށްދިނުމުން ކަމަށާއި އެކުގައި އުޅޭ ލޯބިވެރިޔާ ވެސް ދޫކޮށްލާފައި ނުދަނީސް އޭނާގެ އަސްލު އަގު ވަޒަންނުކުރެވޭ ކަމަށެވެ.
އެހެންވީމަ މަރުގެ އެތިފަހަރަކުން ސަލާމަތްވުމަކީ މީހެއްގެ ދިރިއުޅުން ތާއަބަދަށް ބަދަލުކޮށްލަފާނެ ކަމެއް ކަމަކަށް ބައެއް މީހުންނަށް ހީވިޔަސް އެކަން އޮތީ އެހެނެއް ނޫނެވެ. ނަމަވެސް ތަޖުރިބާކާރުން އަދި މަރުގެ އެތިފަހަރުތަކުން ސަލާމަތްވެފައިވާ މީހުން ވެސް ބުނަނީ އެފަދަ ކަމެއް ތަޖުރިބާކުރެވުމަކީ ކަމަކަށް ތައްޔާރުވާއިރު ނުވަތަ ކަމަކާ މެދު ވިސްނާ ފިކުރުކުރާއިރު ވިސްނަން ޖެހޭ އިތުރު ކަމެއް ނުވަތަ އިތުރު ގޮތެއް އުފަންކުރުވާ ކަމެއް ކަމަށެވެ.
މިސާލަކަށް ރައީސް ޔާމީނަށް ދިމާވި ހާދިސާއިން ފިލާވަޅެއް ނެގިދާނެ އެވެ. އެ ބޭފުޅާ އަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް އެ ބޭފުޅާގެ ނައިބު އަދި އެންމެ އިތުބާރުކުރެއްވި އަރިސް ބޭފުޅާ، ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައިވާއިރު، އާ ނައިބަކު ހޮއްވަވާއިރު ލިބިވަޑައިގެންނެތި މި ތަޖުރިބާގެ ބޭނުން ރައީސް ހިއްޕަވާނެއެއް ނޫން ހެއްޔެވެ؟
އެކަމަކު މަރުގެ އެތިފަހަރެއް އަމާޒުވެ ވަޑައިގެން ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގަތަސް ބައެއް މީހުންނަކީ ބަދަލުވުމެއް ނެތް މީހުންކަން ކުރީގެ ރައީސް ނަޝީދު އެ ގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. އެ ބޭފުޅާ އަދިވެސް ވިދާޅުވަމުން އެ ގެންދަވަނީ ދެން ވެސް އަމަލުކުރައްވާނީ ކުރިން ވެސް އަމަލުކުރެއްވި ގޮތަށް ކަމަށެވެ. އެ ބޭފުޅާ އަށް މަރުގެ އެތިފަހަރެއް އޭރު އަމާޒުވެ ވަޑައިގަތީ އެގޮތަށް އަމަލުކުރައްވައިގެން ނޫން ހެއްޔެވެ؟
އެހެންވީމަ ދެރަކަމެއް ނުވަތަ މަރުގެ އެތިފަހަރެއް ތަޖުރިބާކުރެވި ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގެ ދެ ވަނަ ފުރުސަތެއް ލިބުމަކީ މީހެއްގެ ދިރިއުޅުމަށް ހަގީގަތުގައި ވެސް ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް ގަބޫލުކުރުމަކީ ކުށްހީއެކެވެ.