ދިވެހި ޕްރިމިއާ ލީގްގައި މެޗަކުން މޮޅު ނުވެވި އަދި އަނިޔާގެ މައްސަލަ ކުރިމަތި ވެ، ކުލަބު އީގަލްސްގެ ރިހޭ ފައި މައްޗަށް ފޮއި ވެއްްޓިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗަކީ، އީގަލްސްގެ ޓީމަށް ބަދު ނަސީބު ދުވަހެކެވެ. ޓީމު އެންމެ މުހިންމު ކުޅުންތެރިޔާ އަހްމަދު ރިޒްވާން (ރިޒޭ) އަނިޔާއިން މުޅިން ރަނގަޅު ނުވަނީސް ކުޅުވުމުގެ ސަބަބުން އެ މެޗުގައި އޭނާ އަށް އިތުރަށް އަނިޔާވެ މިހާރު ވަނީ ސީރިއަސް ހާލަތެއް ކުރިމަތި ވެފަ އެވެ. މެޗުގައި ތިން ބަަދަލުވެސް ކުރަން ޖެހުނީ ފުރަތަމަ ހާފުގައި ކުރިމަތިވި އަނިޔާ އާ ގުޅިގެންނެވެ. އަދި ޓީމުގެ ފޯވަޑް މުހައްމަދު ނާއިމްވެސް ދަނޑުން ފައިބަން ޖެހުނީ ރަތް ކާޑަކާ އެކު އެވެ.
އެ މެޗުގައި ޓީމު ބަލިވީ ވެލެންސިއާ އަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ލީގްގައި ކުޅުނު ހަތަރު މެޗުން މިހާތަނަށް އީގަލްސްއަށް ލިބުނީ އެއް ޕޮއިންޓެވެ. މެޗުން ބަލި ވުމަށް ވުރެ، ކުރިމަތިވި އެންމެ ބޮޑު ބަދު ނަސީބަކީ އަނިޔާގެ ސަބަބުން ބަލި އެނދަށް ކުޅުންތެރިން ވެއްޓެން ޖެހުމެވެ.
"ނަސީބު ވަރަށް ދެރަކޮށް ދިޔައީ ވަރަށް ބޮޑެތި އަނިޔާތައް އެބަހުރި އިތުރަކަށް މެޗާ ބެހޭގޮތުން އެއްޗެއް ބުނާކަށް ނެތިން," ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވެލެންސިއާ މެޗަށް ފަހު ބުންޏެވެ. "ބޭނުންވާ ބަދަލުތަކެއް ނޫން ކުރަން ޖެހުނީކީ ވެސް. ދެން ފުރަތަމަ ހާފުގައި އެދިޔަ ކަންތައްތަކާ އެކު މެޗު ގެއްލިގެން ދިޔައީވެސް."
ސީޒަން ފެށުނު އިރުވެސް ރިޒޭ ހުރީ އަނިޔާގަ އެވެ. ސީޒަން ހުޅުވި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަނިޔާ އިން ރަނގަޅު ނުވިނަމަވެސް އޭގެ ފަހުން ލީގްގައި މެޗު ތަކުގައި ވެސް ރިޒޭ ކުޅުވި އެވެ. މޯހަން ބުނީ ރިޒޭ މެޗަށް ނެރުނީ ޑޮކްޓަރުގެ ހުއްދަ އާއެކު ރިޒޭވެސް އެކަމަށް ބޭނުން ވުމުން ކަމަށެވެ.
"ޑޮކްޓަަރުންގެ ހުއްދަ އާ އެކީގައި ކުޅުވާފައި ހުންނާނީ އެއްގޮތަކަށްވެސް އަޅުގަނޑު ފޯސް ކޮށްގެންނެއް ނޫން،" ރިޒޭގެ އަނިޔާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. " ޑޮކްޓަރުންގެ ހުއްދަޔާ އެކީގައި ރިޒޭވެސް ހަމަ ބޭނުން ވެގެން ކުޅުވާފަ ހުންނާނީ. މިކަހަލަ ކަންކަމަކީ ނަސީބޭ ދަންނަވަން ޖެހޭނީ. ވަރަށް ބަދު ނަސީބުކޮށް މިދިޔައީ."
ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި މާޒިޔާ ބަލިކޮށް ޝީލްޑް ހޯދި ނަމަވެސް ލީގްގައި އީގަލްސްގެ ނަތީޖާތައް އަދި ފެންނަނީ ދަށް ކޮށެވެ. ދިވެހި ޕްރިމިއާ ލީގަށް ވާދަ ކުރާނެ ޓީމެއްގެ ގޮތުގައި، އީގަލްސް ކުރިން ބެލެވުނަސް މިހާރު އެ ޓީމުން ވަނީ ލީގް ހޯދުމުގެ ވާހަކަ ހުއްޓާލާފަ އެވެ. މޯހަން ބުނީ މިހާރު އޭނާގެ ޓާގެޓަކީ މެޗަކަށް މެޗަކުން ޓީމު ކުރިއެރުން ހޯދުން ކަމަށެވެ. އަދި މުބާރާތެއް ކާމިޔާބު ކުރުމުގެ ވިސްނުމުގައި އީގަލްސްއިން ދެން ވިސްނާނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕަށް ކަމަށްވެސް މޯހަން ބުންޏެވެ.
ލީގްގައި މާޒިޔާގެ ޓީމުން ނެރުނު ނަތީޖާތައް ރަނގަޅު ނުވުމުން އުފެދުނު އުދާސްގަނޑުގެ ތެރޭގައި އެ ޓީމުގެ ކޯޗް ކަމުން މުހައްމަދު ނިޒާމް މިދިޔަ ހަފުތާގައި އިސްތިއުފާ ދިނެވެ. އީގަލްސް މިހާރު އޮތް ހާލަތުން މޯހަން އަށް މަގާމުގައި ހުރެވިދާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ، އީގަލްސްގެ މެނޭޖުމެންޓަކީ އިތުބާރު ކުރެވޭ އަދި މަސައްކަތް ކުރަން ފަސޭހަ މެނޭޖުމެންޓެއް ކަމަށެވެ.
"މިހާރުވެސް އަޅުގަނޑު ކައިރީގައި ބުނެފައި ވަނީ މި ސީޒަން ނިމެންދެން ހުންނަން ޖެހޭނެޔޭ," މޯހަން ބުންޏެވެ. "އީގަލްސްގެ މެނޭޖުމެންޓަކީ ވަރަށް އަންޑަސްޓޭބަލް އަދި މަސައްކަތް ކޮށްލަން ފަސޭހަ މެނޭޖުމެންޓެއް އޮތް ކުލަބެއް."
މެނޭޖުމެންޓުން އޭނާގެ މަގާމާ މެދު ޔަގީންކަން ދިން ނަމަވެސް މުބާރާތުގައި ނަތީޖާ ނުނެރެވި ދާނަމަ އޭނާވެސް އެހެން ގޮތަކަށް ވިސްނުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް މޯހަން ބުންޏެވެ.