ހަބަރު

ގަތަރާއެކު ހާރިޖީ ގުޅުން ގާއިމުކުރަން ނިންމައިފި

Jan 6, 2021
8

ރާއްޖޭން ގަތަރާއެކު ހާރިޖީ ގުޅުން ގާއިމުކުރުމަށް ނިންމައި، އެކަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން 5، 2017 ގައި ގަތަރާއެކު ހާރިޖީ ގުޅުން ކަނޑާލީ، ޓެރަރިޒަމްއަށް ވާގިވެރިޔާ ގައުމެއްގެ ގޮތުގައި ސިފަ ކުރުމަށްފަހު އެވެ.

ނަމަވެސް، އެ ނިންމުން ނިންމާފައިވަނީ އޭރުގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮތް ސައުދީ އަރަބިއްޔާ އިން ގަތަރާއެކު ގުޅުން ކަނޑާލުމާއެކު އެވެ.

ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމިކަން އިއުލާން ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ގަލްފު ސަމިޓަށް ފަހު، ގައުމުތަކުން އެއްބަސްވި އެއްބަސްވުންތަކަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ގަތަރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި، އެ ގައުމާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމާފައިވާ ކަމަށެވެ.

ގަތަރާއި އީރާނާ އެކު ހާރިޖީ ގުޅުން އަލުން ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް، ގަތަރާއެކު ގުޅުން ގާއިމުކުރުމަށް ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު ސައުދީގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓަށް ފަހު އެވެ.

ހަ ގައުމު ހިމެނޭ ޖީސީސީގެ ސަމިޓަށް ފަހު ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ނިންމީ ގަތަރާ އެކު ފުރިހަމަ ސިޔާސީ ގުޅުން އަލުން ގާއިމްކުރުން ކަމަށެވެ. ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގައި ސައޫދީގެ އިތުރުން މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭން ހިމެނެ އެވެ.