ހަބަރު

ދިވެހިން ގައްޒާއަށް ފޮނުވި ފައިސާއިން 100 އާއިލާއަކަށް ގެ އަޅައިދެނީ

"ހެލްޕް ގައްޒާ ޓެލެތޯން" ފަންޑަށް ދިވެހިން އެއްކުރި ފައިސާއިން ގައްޒާގެ 100 އާއިލާއަކަށް ދާއިމީ ހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، އެ އެހީގެ ފައިސާ މެނޭޖް ކުރާ ގަތަރު ރެޑް ކްރެސެންޓުން ބުނެފި އެވެ.

ރާއްޖޭން ދިން އެހީ ބޭނުން ކުރަމުން އަންނަ ގޮތާ ގުޅޭ ގޮތުން ގަތަރު ރެޑް ކްރެސެންޓުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، ރާއްޖެއިން ގައްޒާއަށް އިން ދިން 1.9 މިލިއަން ޑޮލަރުގެ އެހީއިން ހިންގުމަށް ނިންމާފައިވާ މައިގަނޑު މަޝްރޫއު ކަމަށްވާ، ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން ގެދޮރު ގެއްލުނު 100 އާއިލާއަކަށް ނިސްބަތްވާ 700 ގައްޒާގެ ރައްޔިތަކަށް ގެދޮރު ހޯދައިދެވޭނެ ކަމަށެވެ. އެކަމަށްޓަކައި ގައްޒާގެ އުތުރުގެ ހިތްފަސޭހަ ސަރަހައްދެއްގައި މޯލްޑިވްސް ޝެލްޓަރިން ސެންޓާ (އެމްއެސްސީ)ގެ ނަމުގައި ގެތަކެއް ބިނާ ކުރުމުގެ މަސައްކަތް ފަށައި ނިމުމަކާ އައިސްފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އެ ގެތައް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ އާއި އެހެން ވެސް ހުރިހާ އަސާސީ ވަސީލަތްތަކެއް އެ ގެތަކުގައި ފުރިހަމަ ވާނެ އެވެ. އެގެތައް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ.

ރާއްޖޭން ދިން އެހީ ދެން ބޭނުން ކުރާ އަނެއް މުހިންމު ދާއިރާ އަކީ ގައްޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށް ދިނުމަށެވެ. އެގޮތުން އިޒްރޭލުން ހަލާކުކޮށްލި ފެން ވަޅުތަކާއި ޕަޕް ސްޓޭޝަންތައް އަދި ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި ބައެއް އާ ޕަޕްތައް ވެސް ރާއްޖޭން ދިން އެހީގައި ގަނެ މިހާރު ވަނީ ހަދިޔާކޮށްފަ އެވެ. އަދި މުޅިން އަލަށް އިތުރު ތިން ފެންވަޅެއް ގައްޒާގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް އެ އެހީގެ ދަށުން އަންނަނީ ކުރަމުން އަންނަ ކަމަށް ރިޕޯޓްގައިވެ އެވެ. އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅު އެވެ.

ގަތަރު ރެޑް ކްރޮސެންޓުން ބުނި ގޮތުގައި ގައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އަސާސީ ބޭހާއި ސިއްހީ ބައެއް ސާމާނު ހޯދުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އެފަދަ ބޭސްތައް ބޭނުންވާ އާންމު ހޮސްޕިޓަލްތައް ބަލައި އެ ތަންތަނަށް ބޭނުންވާ ބޭސް ގަތުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި އެ ބޭސްތައް ގައްޒާއަށް އެތެރެ ކުރުމަށް އިޒްރޭލުގެ ކިބައިން ހޯދަން ޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ރެޑްކްރޮސެންޓުން ބުންޏެވެ. އެ ޖަމާއަތުން ލަފާކުތަނީ އެ ހުރިހާ އެއްޗެއް ފޯރުކޮށްދީ ނިމޭނީ މި މަހުގެ މެދުތެރޭގައި ކަމަށެވެ.

އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި ދަތިތައް ހުރިކަން ފާހަގަ ކުރަމުން ރެޑް ކްރޮސެންޓުން ބުނީ އެންމެ ބޮޑު ދަށްޗަކީ އިޒްރޭލުން ގައްޒާގެ އެކި ބޯޑަރުތައް ބަންދުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ނިމުމަކަށް ގެނެސްފައި ނުވުމެވެ. އެކަމުގެ ސަބަބުން ގައްޒާގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ގެންދާ ތަކެތި އެ އަވަށަށް އެތެރެ ކުރުމަށް ބޮޑެތި ދަތިތައް ހުރި ކަމަށް ރެޑް ކްރޮސެންޓުން ފާހަގަ ކޮށްފައިވެ އެވެ.

"ހެލްޕް ގައްޒާ ޓެލެތޯން" ފަންޑަކީ އިޒްރޭލުން ކުރިއަށް ގެންދިޔަ އުދުވާންގެ ސަބަބުން ގައްޒާގައި ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި ދެ ދުވަހުގެ ހަރަކާތަކުން އެއްކުރި ފައިސާ އެވެ. އެ ފަންޑަށް ވިޔަފާރިވެރިންނާއި ސަރުކާރުގެ ފަރާތުން ވެސް ފައިސާ ހަދިޔާކޮށްފައިވެ އެވެ.