އިލެކްޝަންސް ކޮމިޝަން

"ނައިބު ރަައީސް ހޮވާނީ ފަސް މެންބަރުން ހަމަވުމުން"

އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް ފަސް މެންބަރުން ހަމަ ވަންދެން އެ ކޮމިޝަނުގެ ނާއިބު ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުން މަޑުޖައްސާލައިިފި އެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވު އަހުމަދު އަކްރަމް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮމިޝަންގެ ނާއިބު ރައީސް ކަމަށް ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެ އެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް އަވަސްއަށް ވިދާޅުވީ އެ ކޮމިޝަންގެ ނާއިބު ރައީސް ކަމަަށް ބޭފުޅަކު އިންތިހާބު ކުރުން އެ ކޮމިޝަނަށް ފަސް މެންބަރުން ހަމަވަން ދެން މަޑުޖައްސާލާފައިވާ ކަމަށާއި މިވަގުތު ނާއިބު ރައީސްގެ މަގާމުގައި ބޭފުޅަކު ނެތް ނަމަވެސް އެއީ ގާނޫނީ ގޮތުން މައްސަލަތަކެއް ދިމާވާނެ ކަމެއް ނޫން ކަމަށެވެ.

"ގާނޫނީ ގޮތުން ދިމާވާނެ އެއްވެސް އިޝޫއެއް ނެތް އިނގޭތޯ. އަޅުގަނޑުމެން ކޮމިޝަންގެ ވިސްނުމަކީ ފަސް މެންބަރުން ހަމަވުމުން ކޮމިޝަންގެ ނާއިބު ރައީސަކު ކަނޑައެޅުން،" ޝަރީފް ވިދާޅުވި އެވެ.

އާ ދައުރަކަށް އައްޔަން ކޮށްފައި ވަނިކޮށް ފެންމަތިވި މައްސަލަތަކަކާއި ގުޅިގެން އަކްރަމް މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބެލުމަށް ފަހު އަކްރަމް މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. ކޮމެޓީން ބެލީ އަކްރަމްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތަކާއި ގުޅޭ މައްސަލައެއް ކަމަަށް އަޑު ފެތުރުނު ނަމަވެސް ކޮމެޓީގެ ނިންމުން އައީ އެ ފަދަ މައްސަލައަކާއި ގުޅިގެން ނޫން ކަމަށް މުގައްރިރު ވަނީ ވިދާޅުވެފަ އެވެ. އަކްރަމްގެ މައްސަލަ އެ ކޮމެޓީން ބެލީ ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކެއްގަ އެވެ.

އަކްރަމްގެ އިސްތިއުފާއާ ގުޅިގެން އީސީގެ މެންބަރު ކަމަށް ވަނީ ހުޅުވާލާފަ އެވެ. މަޖިލީހުގެ އާ ދައުރު ފެބްރުއަރީ ހަތަރެއްގައި ފަށަން ނިންމާފައިވާއިރު ދައުރު ފެށުމާއެކު އީސީއަށް މެންބަރަކު އައްޔަން ކުރަން ފޮނުވާނެ ކަމަށް ބެލެވެއެވެ. ފަސްކުރަމުންދާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވޭތޯ އެ ކޮމިޝަނުން ދަނީ މަަސައްކަތް ކުރަމުންނެވެ.