ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ފާމަސިސްޓަކު ގަސްތުގައި ކޮވިޑް ވެކްސިންތަކެއް ހަލާކުކޮށްލައިފި

ކޮރޯނާވައިރަހުގެ ވަބާއިން ސަލާމަތްވުމަށްޓަކައި އެބަލީގެ ދިފާއަށް ޖަހާ ވެކްސިންގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބާ އެމެރިކާގެ ވިސްކޮންސިންގެ ފާމަސިސްޓަކު ގަސްތުގައި 500 ޑޯޒް މޮޑާނާ ކޮރޯނާވައިރަސް ވެކްސިން ހަލާކުކޮށްލައިފި އެވެ. އޭނާ ވެކްސިންތައް ހަލާކުކޮށްލީ އޭނާއަށް ހީވެފައިވާ ކުށް ހީއެއްގެ މައްޗަށް ބިނާކޮށްފަ އެވެ. އޭނާ ހީކުރީ ވެކްސިން ޖަހާ މީހުންގެ ޑީއެންއޭ އަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ.

ސްޓީވަން ބްރެންޑެންބާގް ނަމަކަށް ކިޔާ މި މީހާ އަކީ އަރޯރޯ މެޑިކަލް ސެންޓަރުގެ ފާމަސީގައި މަސައްކަތް ކުރާ މީހެކެވެ. އެންމެ ކުރިން އޮފިޝަލުން ހީކުރީ އޭނާ ހަލާކުކޮށްލީ 57 ފުޅި ވެކްސިން ކަމަށެވެ. ނަމަވެސް މައްސަލަ ބެލިއިރު 500 އަށް ވުރެ ގިނަ ޑޯޒް އައިސްއަލަމާރިން ބޭރުގައި ގަސްތުގައި ބަހައްޓައިގެން އެމީހާ ވަނީ ހަލާކުކޮށްލާފަ އެވެ.

ބްރެންޑެންބާގް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި އޭނާ ބުނީ އޭނާ އެކަން ކުރީ އެ ވެކްސިން އަކީ އިންސާނުންގެ ގަޔަށް ޖަހަން ރައްކާތެރިނޫން އެއްޗެއް ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

އެންމެ ދެރަކަމަކަށް ދިމާވި ކަމަކީ ބްރެންޑެންބާގް ހަލާކުކޮށްލުމުގެ ގޮތުން އައިސްއަލަމާރިއަށް ނުލާ ވެކްސިންތައް ބަހައްޓާފައި ހުރިކަން ކަމާ ބެހޭ އޮފިޝަލުންނަށް އެނގުނުއިރު އޭގެ ތެރެއިން 60 ޑޯޒް އެކި މީހުންގެ ގަޔަށް ޖަހާފައި ވާތީ އެވެ. އެކަން އެނގުމާއެކު އައިސްއަލަމާރިއަށް ނުލާހުރި އަނެއް 500 ޑޯޒް ވަގުތުން ވަނީ އުކާލާފަ އެވެ.

ކޯޓުގައި ބްރެންޑެންބާގްގެ ވަކީލު ބުނީ އޭނާގެ މުވައްކިލުގެ ވަރީގެ މައްސަލަ ކޯޓުގައި ހިނގާތީ އޭނާއަށް ކުޑަކޮށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ވެކްސިންތައް ހަލާކުކޮށްލެވުނީ އެކަމާ ވެސް ގުޅިގެން ކަމަށެވެ.