ބޮލީވުޑް

އޭއާރް ރަހްމާން އިސްލާމްވީ "ރޯޖާ"ރިލީޒްކުރުމުގެ ކުރިން

މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން އަށް މިހާރު ލިބިފައިވާ ކާމިޔާބީތަކަކީ ވަރަށް ގިނަ ދުވަހުކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާ އެވެ. ކާމިޔާބީގެ ހަރުފަތްތައް ގިރާކުރުމަށް އޭނާކުރި ދަތުރުގައި ވަރަށް ގިނަގުނަ ވޭނާއި ތަކުލީފު ވަނީ އުފުލާފަ އެވެ. އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރަކީ މިއުޒިކްގެ ދުނިޔޭގައި އިންޑިއާގެ ނަން ވިދުވާލި މަދު ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ނަމަވެސް އޭނާގެ މިއުޒިކްގެ މޮޅު ވާހަކައެކޭ އެއްވަރަށް ނުވަތަ އެއަށް ވުރެ ވެސް ގަދަޔަށް އޭނާއާ ބެހޭ ގޮތުން ގިނަ ބަޔަކު ދައްކާ ވާހަކައެއް އޮވެ އެވެ. އެއީ އޭނާ އިސްލާމް ދީން ޚިޔާރުކުރި ގޮތުގެ ވާހަކަ އެވެ. އޭނާ އިސްލާމްވީ ކީއްވެތޯ މިއަދު ވެސް ވަރަށް ގިނަ ބަޔަކު އޭނާ އާ ސުވާލު ކުރެ އެވެ.

އޭއާރް ރަހްމާން އުފަންވީ ހިންދޫ އާއިލާއަކަށެވެ. އިސްލާމްވުމުގެ ކުރިން އޭނާގެ ނަމަކީ ދިލީޕް ކުމާރެވެ. ރަހްމާންގެ ބައްޕައަކީ މިއުޒިކް ކޮމްޕޯޒާ އާރްކޭ ޝޭކަރް އެވެ. ބައްޕަ މަރުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ރަހްމާން އިސްލާމްވި އެވެ. އޭނާއާއެކު އޭނާގެ އާއިލާގައި އެވަގުތު ތިބި އެންމެން ވެސް އިސްލާމް ވިއެވެ. އެ ދުވަސްވަރަކީ އޭނާ މިއުޒިކް ތައްޔާރު ކޮށްދިން އަދި އޭނާއަށް ބޮޑު މަޝްހޫރު ކަމެއް ލިބިގެންދިޔަ ފިލްމު "ރޯޖާ" ރިލީޒް ކުރަން ވަރަށް ކައިރިވެފައި އޮތް ދުވަސްވަރެކެވެ.

އެ ފިލްމުގެ ކްރެޑިޓްގައި ވެސް މިއުޒިކް ޑައިރެކްޓަރުގެ ނަމަކަށް އޮތީ ދިލީޕް ކުމާރެވެ. ނަމަވެސް އިސްލާމް ވުމަށްފަހު ފިލްމުގެ ކްރެޑިޓުން ވެސް ނަން ބަދަލު ކުރަން ރަހްމާންގެ މަންމަ ފިލްމާ ގުޅުން ހުރި ފަރާތްތަކުގެ ކިބައިން އެދުނެވެ. އެކަން ވީ ތަންކޮޅެއް އުނދަގޫ ކަމަކަށް ނަމަވެސް އެ ނޫން ގޮތަކަށް ފިލްމު ރިލީޒް ކުރަން ރަހްމާންގެ މަންމަ އެއްބަސް ނުވީ އެވެ. އޭނާ އެދުނީ އޭއާރް ރަހްމާން އަށް ބަދަލު ނުކުރެވޭނަމަ ފިލްމުގެ ކްރެޑިޓުން ނަން ކަނޑާލަ ދިނުމަށެވެ. އެންމެ ފަހުން މަޖްބޫރު ވެގެން ނަން ވަނީ ބަދަލު ކޮށްދީފަ އެވެ.

އޭއާރް ރަހްމާން އިސްލާމްވީ އޭނާއަށް ހުރިހާ ގޮތަކުން އިސްލާމްދީނަކީ ފިތުރަތުގެ ސާފު ސީދާ ދީންކަން ގަބޫލު ކުރެވިގެން އިސްލާމް ދީނުގެ ކަންކަން ވަރަށް ފުރިހަމައަށް ދަސްކޮށްގެންނެވެ.

ވަރަށް ކުރިން ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ރަހްމާން ބުނެފައިވަނީ އޭނާ އިސްލާމް ދީން ޚިޔާރު ކުރިޔަސް އެހެން ބަޔަކު ގަދަކަމުން ދީނަށް ވައްދާކަށް އޭނާ މަސައްކަތެއް ނުކުރާނެ އެވެ.

"އެއްވެސް މީހަކު ލައްވާ ގަދަކަމަކުން އެއްވެސް ކަމެއް ނުކުރެވޭނެ. މިސާލަކަށް ދަރިން ކައިރީގައި މިވެނި މާއްދާއެއް ކިޔަވާށޭ ކިޔާ މަޖްބޫރެއް ނުކުރެވޭނެ. އެ ކުދިން ބޭނުން އެއްޗެއް ކިޔަވަން ފުރުސަތު ދޭން ޖެހޭނެ،" ރަހްމާން ބުންޏެވެ.

ރަހްމާން ބުނި ގޮތުގައި އޭނާ އިސްލާމްވީ ސަބަބު ވަރަށް ގިނަ ބަޔަކަށް އޮންނަނީ އޮޅިފަ އެވެ.

"ބަޔެއް މީހުން އަހަރެން ކައިރީ އަހާ އެމީހުން ވެސް ކާމިޔާބު ހޯދަން ބޭނުމިއްޔާ އިސްލާމް ދީނަށް ވަންނަން ވީހޭ. އެ ކަހަލަ ވާހަކަތަކަށް އަހަރެން އެއްޗެކޭ ނުބުނެ ހަނު ހުންނަނީ،" ރަހްމާން ބުންޏެވެ.

ރަހްމާން ބުނި ގޮތުގައި ކާމިޔާބީއަކީ ކޮންމެހެން އިސްލާމް ވެގެން ލިބޭނެ އެއްޗެއް ނޫނެވެ. އެކަމެއްގެ ވަގުތު ޖެހުނީމަ އެކަމެއް ވާގޮތަށް އޭނާއަށް ވެސް ކާމިޔާބު ލިބެން އިރާދަ ކުރެއްވީމަ ކާމިޔާބު ލިބުނީ އެވެ. އިއްތިފާގުން އޭނާ އިސްލާމްވީ "ރޯޖާ" ރިލީޒް ކުރަން ކައިރިވެފައި އޮއްވާކަމުން "ރޯޖާ" އަށް ލިބުނު ބޮޑު ކާމިޔާބުން މީހުންނަށް ކުށް ހީތައް ކުރެވެން މެދުވެރިވީ އެވެ.

ރަހްމާން ބުނި ގޮތުގައި އިސްލާމްދީން ޚިޔާރު ކުރުމަށް ފަހު ދީން ދަންނަ މީހުންގެ ފަރާތުން އޭނާ އާއި އޭނާގެ މަންމަ ވަނީ ދީނާ ގުޅޭ ވަރަށް ޚާއްސަ ގިނަ ކަންތައްތައް ދަސްކޮށްފަ އެވެ. އަދި އެ ދަސްވި ކަންކަން ކުރުމުގައި އިސްލާމް ދީނުގެ މަތީގައި އެމީހުން ސާބިތުވެ ތިބޭނެ އެވެ.

"ނަމާދުން އަހަންނަށް އިންތިހާއަށް ފައިދާ ކުރޭ. ވަރަށް ގިނަ ފަހަރު ވެއްޓެން ދަނިކޮށް އެކަމުން ސަލާމަތްކޮށް ދިނީ ނަމާދު. ކޮންމެ ދެ ނަމާދެއްގެ ދޭތެރޭގައި ވެސް އަހަރެންގެ ހިތުގައި އޮވޭ އަނެއް ނަމާދަށް ތައްޔާރުވާން. އެހެންވެ ފާފަތަކާ ދުރުވެވޭ،" ރަހްމާން ބުންޏެވެ.

ރަހްމާންގެ ދަރިފުޅު ޚަދީޖާ އަށް ވެސް އިންޑިޔާ މީހުންގެ މަލާމާތާއި ފުރައްސާރައާ ވަރަށް ގިނައިން ކުރިމަތިވެ އެވެ. ރަހްމާނާއެކު އިވެންޓެއްގައި ބައިވެރިވިއިރު ބުރުގާ އަޅައިގެން ހުރީމަ އެވެ.

ދަރިފުޅަށް ކުރިމަތިވާ މަލާމާތާ ބެހޭ ގޮތުން ވެސް ރަހްމާން ވާހަކަ ދެއްކި އެވެ. އޭނާ ބުނީ އެއީ ކުރެވޭނެ ކަމެއް ނަމަ ޚުދް އޭނާވެސް އުޅުނީހީ ބުރުގާ އަޅައިގެންނެވެ.

"ފިރިހެނުން ބުރުގާ އަޅަން ހުއްދައެއް ނޫން. އެހެން ނޫންނަމަ އަހަރެން ވެސް ބުރުގާ އެޅީމުސް. އޭރުން ފިހާރަތަކަށް ގޮސް ވިޔަފާރިކޮށް ހަދަން ވެސް ފަސޭހަ ވާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި ދަރިފުޅަށް ބުރުގާ އަޅައިގެން މާ ބޮޑަށް މިނިވަންކަން އިހްސާސްވޭ. ސަބަބަކީ އެ ދަރިފުޅަކީ ވަރަށް ތަފާތު ހިތްތިރި ކުއްޖެއް. ގޭގައި ގެންގުޅޭ ނޯކަރެއްގެ މަންމަޔަކު މަރުވިޔަސް އެ މީހެއްގެ ޖަނާޒާއަށް އޭނާ ދާނެ. އޭނާ އުޅޭލެއް ސިމްޕަލްކަމުން އަހަރެން ހުންނަނީ އާސޯޚު ވެފަ،" އަންހެންދަރިފުޅު ޚަދީޖާ އާ ބެހޭ ގޮތުން ރަހްމާން ބުނެފައި ވެއެވެ.