ބޮލީވުޑް

މަޝްހޫރު ހަތަރު ބަތަލާއަކާ ކިޝޯރު ކުމާރު ކައިވެނިކުރި

ބައެއް މީހުން އޭނާގެ އަޑަށް ފިދާވީ އެފަދަ ދެވަނަ އެއް ނެތް މިންވަރަކަށެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކިޝޯރު ކުމާރު ވަރުގެ ރީތި އަޑެއްގެ ވެރިއަކު ކުރިއަކުން ވެސް އަދި ފަހަކުން ވެސް ނުއިވޭނެ އެވެ. އޭނާގެ ލަވަކިޔުމުގެ ކުޅަދާނަކަމާ އެއްވަރަށް އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރުމުގައި ވެސް ކިޝޯރު ކާމިޔާބު ހޯދި އެވެ. އެ ޒަމާނުގެ އެންމެ މަޝްހޫރު ގިނަ ބަތަލާއިން ތަކަކާ ކިޝޯރު ބޭއްވި ލޯބީގެ ގުޅުންތަކާއި އެންމެ ނަން މަޝްހޫރު ހަތަރު ބަތަލާއަކާ ކުރި ކައިވެނިތައް ހެއްކަކަށް ފުދެ އެވެ.

އައްބާސް ކުމާރު ގަންގޫލީގެ ނަމުގައި އުފަންވި ކިޝޯރުގެ ލަވައިގެ ދުނިޔެ ކިތަންމެ ވިދާ ބެބުޅިޔަސް އޭނާގެ ޒާތީ ދިރިއުޅުން ވަރަށް އެކަނިވެރިވެފައި ހިތާމަވެރި އެވެ. ހަތަރު ކައިވެނި ކުރިއިރު އެއްވެސް ކައިވެންޏަކުން ހިތްހަމަޖެހުމެއް އޭނާއަށް ލިބުނު ކަމަކަށް ނުވި އެވެ.

ކިޝޯރު ފުރަތަމަ ކައިވެނިކުރީ 1950 ވަނަ އަހަރު ރުމާ ގުހާ ތަކުރާތާ އެވެ. މި ކައިވެނި ދެމި އޮތީ 1958 އާ ހަމައަށް އެންމެ އަހަރު އެވެ. ރުމާއަކީ އެ ޒަމާނުގައި މަޝްހޫރު ބަތަލާއެއް އަދި ލަވަކިޔުންތެރިއެކެވެ. އަދި ކުޅަދާނަ ޑައިރެކްޓަރު ސަތިޔަޖީތު ރޭއަށް ބޮޑުބޭބެ ކިޔާ މީހެކެވެ. ލަވަކިޔުންތެރިޔާ އަމިތު ކުމާރަކީ ރުމާ އާއި ކިޝޯރަށް ލިބުނު ދަރިއެކެވެ. ކައިވެންޏަށް ފަހު ދަރިފުޅު ބަލަން ގޭގައި ރުމާ ހުންނަން ކިޝޯރު ބޭނުންވި އެވެ. ނަމަވެސް ފިލްމީ ކެރިއަރު ދޫކޮށްލަން ރުމާ ބޭނުން ނުވެ ދެ މީހުންގެ މެދުގައި އަރާރުންތައް ވަމުން ގޮސް އަށް އަހަރު ފަހުން ވަކިވީ އެވެ. ރުމާ އެންމެ ފަހުން ކުޅެފައި ވަނީ 2006 ގައި ނުކުތް ހޮލީވުޑް ފިލްމު "ދަ ނޭމްސޭކް" އެވެ.

ކިޝޯރު ދެ ވަނަ އަށް ކައިވެނިކުރީ އެ ޒަމާނުގައި އެންމެ ގަދަޔަށް ފިޔަޖެހި އަދި އެންމެ ރީތި ބަތަލާ ކަމަށް ގިނަ ބަޔަކު ބުނާ މަދޫބާލާ އާއެވެ. މި ކައިވެނިކުރީ 1960 ވަނަ އަހަރު އެވެ. ހަގީގަތުގައި މަދޫބާލާ ލޯބިވީ އެ ޒަމާނުގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު ދެކެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ދެ މީހުން ވަކިވާން މަޖްބޫރުވީ އެވެ. މި ކައިވެނީގެ ވާހަކަ އެ ޒަމާނުގައި ވަރަށް މަޝްހޫރުވި އެވެ. ސަބަބަކީ މަދޫބާލާ އަކީ މުސްލިމަކަށް ވެފައި އޭނާއާ ކައިވެނިކުރުމަށް ކިޝޯރަށް އިސްލާމް ދީން ޚިޔާރު ކުރަން ޖެހުނީމަ އެވެ. އިސްލާމް ވުމަށްފަހު އޭނާއަށް ކިޔާފައިވަނީ ކަރީމް އަބްދުލް އެވެ. މި ކައިވެނި ކުރިޔަސް ދެ ފަރާތުގެ އާއިލާއިން މި ކައިވެންޏަކާ އެއްގޮތަކަށް ވެސް ގަބޫލެއް ނޫނެވެ.

ކައިވެނީގެ ކުރިން މަދޫބާލާގެ ހިތުގައި ލޯވަޅެއް އިންކަން އެނގުނެވެ. އަދި ލަންޑަނަށް ފަރުވާއަށް ދާން މަދޫބާލާ ތައްޔާރު ވިއެވެ. ދެ މީހުން ކައިވެނީގެ ކުރީކޮޅު އުފަލުގައި އުޅުނަސް ކައިވެނި ކޮށްގެން ހޭދަކުރި އެންމެ ފަހު އަހަރުތަކުގައި ޑިޕްރެޝަންގެ މައްސަލަތަކާ ދެ މީހުންނަށް ވެސް ކުރިމަތިވި އެވެ. މަދޫބާލާ މަރުވީ 1969 ގައެވެ. އެހާތަނާ ޖެހެންދެން ވެސް އޭނާ އިނީ ކިޝޯރުގެ އަންބެއްގެ ގޮތުގަ އެވެ. ނަމަވެސް ދެ މީހުންގެ މެދުގައި އޮތް ގުޅުން އޭރު އޮތީ ވަރަށް ގޯސްވެފަ އެވެ.

މަދޫބާލާގެ ހިތުގައި އިން ލޯވަޅު ބައްދަން އެ ޒަމާނުގައި އޮޕަރޭޝަނެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އޭނާގެ ބަލި ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދަމުން ގޮސް އެންމެ ފަހުން އެނދުން ތެދުވެ ނޫޅެވޭވަރަށް އޭނާ ބަލިވި އެވެ.

ކިޝޯރު ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި މަދޫބާލާގެ ހާލަތު ކިޔައިދިނެވެ. އޭނާ ބުނެފައިވާ ގޮތުގައި މަދޫބާލާގެ ބަލި ހާލަތު އޭނާއަށް ކައިވެނީގެ މާ ކުރިން ވެސް އެނގެ އެވެ. ނަމަވެސް ކައިވެނި ކުރަން ވައުދުވެފައި ވާތީ ކައިވެނި ކުރީ އެވެ. ނުވަ އަހަރު ވަންދެން އޭނާ މަދޫބާލާ ބެލި ކަމަށް ކިޝޯރު ބުނެފައި ވެއެވެ.

"އޭނާއަކީ އަޖައިބެއްފަދަ ރީތި އަންހެނެއް ނަމަވެސް އޭނާ މަރުވީ ވޭން ހުރި މަރަކުން. އަޅާ ވޭނުން ކެތް ނުވެގެން އޭނާ އަޑުން އަޑުނަގާ ރޯނެ. އަދި ޑިޕްރެޝަން މައްސަލަ ބޮޑުވެ ނަފްސާނީ ގޮތުން ވެސް ވަރަށް އުނދަގޫތައް އޭނާއަށް ކުރިމަތިވި. އެހާ އެކްޓިވްކޮށް އުޅުނު ޒުވާން އަންހެނަކު ނުވަ އަހަރު ވަންދެން އެނދެއްގައި ނުތެދުވެވޭ ހާލަތެއްގައި އޮންނަން ޖެހުމުން އެމީހަކަށް ވާނެ ގޮތް ހީކޮށްލާ،" ކިޝޯރު ބުނެފައި ވެއެވެ.

ކިޝޯރު ބުނި ގޮތުގައި މަދޫބާލާ ހިތްހަމަޖައްސައިގެން ގެންގުޅެން ޑޮކްޓަރުން އޭނާއަށް ލަފާ ދިން ކަމަށެވެ. އެހެންވެ އޭނާ އަބަދުވެސް ބެލީ ހެއްވާ މަޖާ ވާހަކަ ދައްކައިގެން އޭނާ ހިތްހަމަޖައްސައި ދެވޭތޯ އެވެ. އެންމެ ފަހުން 1969 ގައި މަދޫބާލާ މި ދުނިޔެއަށް އަލްވަދާއު ކީއެވެ. އޭނާ މަރުވިއިރު އުމުރަކީ 36 އަހަރެވެ.

މަދޫބާލާ މަރުވުމުގެ ހިތާމައިގައި ހިތްދަތި ދުވަސްތަކެއް ހޭދަ ކުރަނިކޮށް އޭރުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޔޮގީތާ ބާލީ އާ ކިޝޯރަށް ބައްދަލުވި އެވެ. ޔޮގީތާ އަކީ އެކްޓަރު ޝަމްމީ ކަޕޫރުގެ ފުރަތަމަ އަނބިމީހާ އެވެ. ކިޝޯރު އާ ބައްދަލުވީއިރު ޔޮގީތާ ހުރީ ޝަމްމީ ކައިރިން ވަރިވެގެނެވެ. ނަމަވެސް ކިޝޯރު އާ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ ޔޮގީތާ އަށް އޭރު އަލަށް ފިލްމު ކުޅެން ފެށި ބަތަލު މިތުން ޗަކްރަބަތީ ދެކެ ލޯބި ވެވުނީ އެވެ. މިތުން އާއެކު ޔޮގީތާ ކުޅުނު "ޚުވާބު" ގެ ޝޫޓިންގް ހިނގަމުންދިޔަ ދުވަސްވަރު އެވެ. މިކަމާ ހެދި މިތުން އާއި ކިޝޯރުގެ މެދުގައި ވަރުގަދަ ރުޅިވެރި ކަމެއް އުފެދި މިތުންގެ ފިލްމުތަކަށް ލަވަކިޔައި ދޭން ވެސް ކިޝޯރު ދެކޮޅުހެދި އެވެ.

ބައްޕީ ލެހެރީ އަށް ބޮލީވުޑުން ޖާގަ ލިބުނީ މި ސަބަބާ ހެދި މިތުންގެ ފިލްމުތަކަށް ލަވަކިޔައި ދޭނެ ފުރުސަތު ލިބުނީމަ އެވެ. ކޮންމެއަކަސް މައްސަލަތައް ޖެހެމުން ގޮސް އެންމެ ދެ މަސް ތެރޭ ޔޮގީތާ ވަރިކުރަން ކިޝޯރަށް މަޖްބޫރުވި އެވެ. މިހާރު ޔޮގީތާ ކައިވެނި ކޮށްގެން އުޅެނީ މިތުން އާއެވެ.

ކިޝޯރުގެ އިންޓަވިއުގައި ބުނެފައިވާ ގޮތުގައި ޔޮގީތާ އެއް އިރެއްގައި ވެސް އޭނާއާ ދޭތެރޭ ސީރިއަސް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ޔޮގީތާ އަބަދުވެސް އުޅެނީ މަންމަ ހޯދަން ކަމަށާއި އޭނާގެ ގޭގައި ދިރިއުޅެން ވެސް ބޭނުން ނުވި ކަމަށް ކިޝޯރު ބުންޏެވެ.

ޔޮގީތާ ވަރިކުރިތާ ދެ އަހަރު ފަހުން ކިޝޯރު ހަތަރު ވަނަ ކައިވެންޏެއް ކުރި އެވެ. މި ފަހަރު ވެސް ހަމަ އެހާ މަޝްހޫރު ބަތަލާ އަކާ އެވެ. ލީނާ ޗަންދުރަވާކާ އެވެ. ލީނާ އާއި ކިޝޯރު ކައިވެނިކުރީ ލީނާގެ ފިލްމީ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި 1980 ވަނަ އަހަރު އެވެ. އަދި 1987 ގައި ކިޝޯރު މި ދުނިޔެ ދޫކުރަން ދެން ވެސް ކައިވެނި ކޮށްގެން އުޅުނީ ލީނާ އާއެވެ.

ކިޝޯރާ ކުރި ކައިވެންޏަކީ ލީނާގެ ފުރަތަމަ ކައިވެންޏެއް ނޫނެވެ. ވަރަށް ޅައިރު އޭނާ ފުރަތަމަ ކައިވެނި ކުރީ އޭރު ގޯއާގެ ޗީފް މިނިސްޓަރަކަށް ހުރި ސިދާރްތު ބަންޑޯކަރް އާއެވެ. ނަމަވެސް އުމުރުން އެންމެ 25 އަހަރުގައި ފިރިމީހާ މަރުވެ ލީނާ ހުވަފަތް ވީއެވެ.

ލީނާގެ ފިރިމީހާ މަރުވިތާ މާ ގިނަ ދުވަހެއް ނުވެ ކިޝޯރު އޭނާއަށް ގުޅަން ފެށި އެވެ. އަދި އެންމެ ފަހުން ލީނާގެ ހިތް ފަތަހަކޮށް އޭނާއާ ކައިވެނި ކުރި އެވެ.

ހަތަރު ބަތަލާއިންނާ ކައިވެނި ކުރިއަސް ކިޝޯރުގެ އެކަނިވެރިކަމާއި ހިތްދަތިކަމެއް ލުޔެއް ނުލިބުނީ އޭނާއަކީ އެކަނިވެރިކަމަށް ލޯބިކުރާ މީހަކަށް ވާތީ އެވެ. އަދި މަދޫބާލާގެ ހަނދާންތަކާ އޭނާއަށް މުޅި އުމުރަށް ވެސް ވަކި ނުވެވުނީމަ އެވެ.