ބޮލީވުޑް

މަގޭ ޝްރަވަން ދުނިޔެ ދޫކޮށްފި: ނަދީމް

ނަދީމް-ޝްރަވަން އަކީ 90 އިގެ އަހަރުތަކުގައި ބޮލީވުޑްގައި އުފެއްދި ގިނަ ފިލްމުތަކަކަށް ވަރަށް ރީތި މިއުޒިކް ތައްޔާރު ކޮށްދިން ކުޅަދާނަ ޑައިރެކްޓަރުންގެ ޓީމެކެވެ. ނަދީމް ސައިފީ އާއި ޝްރަވަން ރާތޯޑުގެ މިއުޒިކީ ޓީމް މީގެ އެތައް އަހަރެއް ކުރިން ވަކިވެފައިވީ ނަމަވެސް އެ ދެ މީހުންގެ މެދުގައި އޮތް އެކުވެރި ކަމަކަށް ބަދަލެއް ނާދެ އެވެ.

ޝްރަވަން އަށް ކޮވިޑް-19 ޖެހި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް އިންޑިޔާގެ ނޫސްތަކުން މީގެ ދެ ދުވަހެއް ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ 9.30 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ޝްރަވަންގެ އަންހެނުންނާއި ފިރިހެން ދަރިފުޅު ސަންޖީވް ވެސް އޮތީ އެހެން ހޮސްޕިޓަލެއްގައި ހަމަ ކޯވީޑް-19 ޖެހިގެން އެޑްމިޓްކޮށްފަ އެވެ. ޝްރަވަން މަރުވިއިރު އޭނާ އެޑްމިޓްކޮށްފައި އޮތީ އެހެން ހޮސްޕިޓަލެއްގަ އެވެ.

އެތައް ދުވަހެއް ވަންދެން އެކުގައި މަސައްކަތްކުރި ބައިވެރިޔާގެ ކުއްލި މަރާ ގުޅިގެން ނަދީމް ވަނީ ހިތް ހަލާކުވެފަ އެވެ. ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ނަދީމް ރޮމުން ރޮމުން ބުނި ގޮތުގައި އޭނާގެ ޝާނޫ (ޝްރަވަން) މި ދުނިޔެ ދޫކޮށްފި އެވެ.

"އަހަރެމެން ދެ މީހުން މުޅި އުމުރު ހޭދަކުރީ އެކުގައި. އަހަރެމެންގެ ހަޔާތުގައި ދިމާވި ހުރީ އުފަލަކާއި ހިތާމައެއްގައި ދެ މީހުން ހިއްސާ ކުރިން. އަހަރެމެން ފަހުން މުޅިން ދެ ގައުމެއްގައި ދިރިއުޅެން ޖެހުމުން ބައްދަލުކޮށްލާނެ ފުރުސަތު ނުލިބުނަސް އަބަދުވެސް ގުޅުން ބޭއްވިން. އެހެންވެ އެތައް ޒަމާނެއްގެ ބައިވެރިޔާ ވަކިވުމުން އަހަރެން ވަރަށް ދެރަވެއްޖެ،" ނަދީމް ބުންޏެވެ.

ނަދީމް ބުނި ގޮތުގައި ޝްރަވަންގެ އަންހެނުންނާއި ދަރިފުޅު ވެސް ބައްޔެވެ. އެހެންވެ އޭނާގެ ޖަނާޒާގައި ވެސް އޭގެން އެއްވެސް މީހަކަށް ވެސް ބައިވެރިއެއް ނުވެވޭނެ އެވެ. އެއީ ވެސް މިފަދަ ދަނޑިވަޅެއްގައި އެ އާއިލާއަށް ލިބުނު އިތުރު ހިތާމައެއް ކަމަށް ނަދީމް ބުންޏެވެ.

"އާޝިގީ" އާއި "ސާޖަން" އާއި "ރާޖާ ހިންދުސްތާނީ" އާއި "ޕަރްދޭސް" ފަދަ ފިލްމުތަކުގެ ރީތި ލަވަ ތަކަކީ ނަދީމް-ޝްރަވަން ގުޅިގެން މިއުޒިކް ތައްޔާރުކުރި ލަވަ ތަކެވެ.

ދެ މީހުން ވަކިވާން މަޖްބޫރުވީ އަދި އެ މީހުންގެ ކުރިއަރަމުންދިޔަ މިއުޒިކީ ހަޔާތަށް ނިމުމެއް ގެންނަން މަޖްބޫރުވީ ޓީ-ސީރީޒްގެ ފައުންޑާ ގުލްޝަން ކުމާރު މަރާލުމުން އެކަމުގައި ނަދީމްގެ އަތެއްވާކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ނަދީމް އިންޑިއާ އިން ފިލައިގެން އިނގިރޭސި ވިލާތަށް ދިއުމުންނެވެ. ނަމަވެސް 2001 ގައި އިންޑިޔާ އިން ލަންޑަން ހައިކޯޓުގައި ނަދީމްގެ މައްޗަށް ކުރި ދައުވާ ސާބިތު ކުރެވޭ ގޮތެއް ނުވި އެވެ. ފަހުން އިނގިރޭސި ވިލާތުގެ ސިޓިޒަންޝިޕް ހޯދައިގެން ނަދީމް އެ ގައުމުގައި ގިނަ ދުވަސް ތަކަކު ދިރިއުޅުމަށްފަހު މިހާރު ދިރިއުޅެނީ ޔޫއޭއީގަ އެވެ. ޑުބާއީގައި ސެންޓުގެ ވިޔަފާރިއެއް ފަށައި އޭނާ ވަނީ ވަރަށް ބޮޑަށް އެ ވިޔަފާރި ކާމިޔާބު އެއްޗަކަށް ވެސް ހަދާފަ އެވެ.

ނަދީމްގެ މައްޗަށް ތުހުމަތުތައް ކުރެވެން ފެށި ހިސާބުން ނަދީމް-ޝްރަވަންގެ މިއުޒިކީ ހަޔާތަށް ވަނީ ނިމުން އައިސްފަ އެވެ. ފަހުން ޝްރަވަން އެކަނި ބައެއް ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދިނެވެ. ނަމަވެސް ނަދީމް އާއެކު އޭނާ އުފެއްދި ކަހަލަ މިއުޒިކެއް ފަހުން އެކަނި ތައްޔާރެއް ނުކުރެވުނެވެ.