ބޮލީވުޑް

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ލަވަކިޔުންތެރިން މިހާރު ކޮބާ؟

އިންޑިއަން އައިޑޮލް އަކީ އިންޑިޔާގައި މިހާތަނަށް ބޭއްވި ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޮދި އެއް ޝޯ އެވެ. މި ޝޯގެ ސީޒަންތަކުން އެއްވަނަ ހޯދި ލަވަކިޔުންތެރިންނަށް ޝޯގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ލޯތްބާއި މަގްބޫލުކަން ލިބުނެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ލަވަކިޔުންތެރިންގެ ޚަބަރެއް މިހާރު ވަރަށް ނުވެ އެވެ. ޝޯ ނިމިގެން ދުވަސްކޮޅެއް ވާއިރަށް ގިނަ ބަޔަކު މި މީހުންގެ މަތިން ހަނދާނެއް ވެސް ނުހުރެ އެވެ.

މި ޝޯގެ 12 ވަނަ ސީޒަން ފަށައިގެން މިހާރު ކުރިޔަށް ދާއިރު ކުރީ ސީޒަންތައް ކާމިޔާބުކުރި މީހުން ކޮބައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރީ އަބިޖީތު ސާވަންތެވެ. އޭނާގެ ޖާދޫއެއް ފަދަ ރީތި އަޑު ގިނަ ބަޔަކަށް އެ ދުވަސްވަރު ވަރަށް މަގްބޫލުވި އެވެ. ޝޯ ކާމިޔާބުކުރުމަށްފަހު ނެރުނު އޭނާގެ ފުރަތަމަ މިއުޒިކް އަލްބަމަށް ލިބުނު ކާމިޔާބުން އޭނާގެ މަގްބޫލުކަން ހުރި މިންވަރު ހާމަވެގެން ދިޔަ އެވެ. ފަހުން ބައެއް ބޮލީވުޑް ފިލްމުތަކަށް ވެސް އަބިޖީތު ލަވަ ކިޔައިދިނެވެ. އަދި އޭޝިއަން އައިޑޮލްގައި ބައިވެރިވެ ތިން ވަނަ ހޯދި އެވެ. ނަމަވެސް މި ފަހަކަށް އައިސް އޭނާގެ އަޑެއް ބަޑެއް ވަރަށް ނީވެ އެވެ.

އިންޑިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ކާމިޔާބުކުރީ ސަންދީޕް އަޗާރިޔާ އެވެ. އޭނާގެ މަޝްހޫރުކަން ބޮޑުވެ ރާޖަސްތާނުގެ ފިލްމުތަކަށާއި ބޮލީވުޑް ބައެއް ފިލްމުތަކަށް ލަވަ ކިޔައިދީފައި ވެއެވެ. ޑިސެމްބަރު 2013 ގައި ސަންދީޕް އަށް ޖޯންޑިސް ޖެހި އެ ބަލީގައި އޭނާ ވަނީ މަރުވެފަ އެވެ. ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އަކީ ސަންދީޕް އާއެކު އިންޑިއަން އައިޑޮލްގެ ދެ ވަނަ ސީޒަންގައި ބައިވެރިވި ލަވަކިޔުންތެރިއެކެވެ. ނަމަވެސް ނެހާއަށް ސެމީ ފައިނަލާ ހަމަޔަށް ވެސް ނުދެވުނެވެ.

ތިން ވަނަ ސީޒަންގެ އެއްވަނަ ހޯދީ ޕްރަޝާންތު ތަމަންގް އެވެ. ޕްރަޝާންތަކީ އޭނާގެ އުފަން ރަށް ދާރްޖީލިންގްގައި ވަރަށް ކާމިޔާބު ލަވަކިޔުންތެރިއެކެވެ. ބޮލީވުޑް ފިލްމުތަކަށާއި ނޭޕާލުގެ ބައެއް ފިލްމުތަކަށް ޕްރަޝާންތު ލަވަކިޔައިދީފައި ވެއެވެ. ޕްރަޝާންތަކީ ކަލްކަތާ ޕޮލިހުގައި ކޮންސްޓަބަލްއެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އެހެންކަމުން ފުލުހުންގެ ފަރާތުންނާއި އަމިއްލަ ރަށުގެ މީހުންގެ ފަރާތުން ޕްރަޝާންތަށް މިހާރުވެސް ލޯތްބާއި ތާއީދު ލިބެމުންދާތީ އޭނާއަކީ މިހާރުވެސް ވަރަށް ކާމިޔާބު ލަވަކިޔުންތެރިއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ސޯރަބީ ދޭބަރްމާ އަކީ އިންޑިއަން އައިޑަލްގެ ހަތަރުވަނަ ސީޒަން ކާމިޔާބުކުރި އަންހެން ލަވަކިޔުންތެރިޔާ އެވެ. ޓްރިޕޫރާގައި ދިރިއުޅޭ ސޯރަބީ މި ޝޯ ކާމިޔާބުކުރުމަށްފަހު އިންޑިއާ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޝޯތައް ދީ ވަރަށް ރަނގަޅު ކާމިޔާބުތަކެއް ހޯދަމުން އައިސްފައި ވެއެވެ. ސޯރަބީގެ އަމިއްލަ މިއުޒިކް އަލްބަމް "މެހެރްބާން" އަށް ވެސް ވަރަށް ރަނގަޅު ކާމިޔާބެއް ލިބިފައި ވެއެވެ. އަދި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑެއް ވެސް ސޯރަބީ ހަދާފައި ވެއެވެ. އެކޮޅުކޮޅުން އޮވެގެން 4.30 މިނިޓު ލަވަ ކިޔުމުގެ ރެކޯޑެވެ. ސޯރަބީ ކައިވެނިކުރީ އޭނާ ބައިވެރިވި އިންޑިއަން އައިޑޮލްގެ ހަތަރު ވަނަ ސީޒަންގެ ރަނަރަޕް ކަޕިލް ތާޕާ އާ އެވެ.

ޝްރީރާމް ޗަންދުރާ މައިނަމްޕަތީ އަކީ އިންޑިއަން އައިޑޮލްގެ ފަސް ވަނަ ސީޒަން ކާމިޔާބުކުރި ލަވަކިޔުންތެރިޔާ އެވެ. ޝޯ ކާމިޔާބުކުރުމަށްފަހު ސައުތު އިންޑިއާ އާއި ބޮލީވުޑްގެ ގިނަ ލަވަތަކެއް ޝްރީރާމް ވަނީ ކިޔައިދީފަ އެވެ. "ސުބްހާނައްﷲ" އަކީ ޝްރީރާމްގެ ލަވަތަކުގެ ތެރެއިން ބޮލީވުޑް ފިލްމަކަށް މިހާތަނަކަށް ކިޔައިދިން އެންމެ މަޝްހޫރު ލަވައެވެ. ހަތް ބަހަކުން ޝްރީރާމް މިހާތަނަށް ލަވަ ކިޔައިދީފައި ވެއެވެ. އަދި މިހާރު ތެލުގޫ ގިނަ ފިލްމުތަކެއްގެ ބަތަލުގެ ބައި ވެސް އޭނާ ވަނީ ކުޅެން ފަށާފަ އެވެ.

އިންޑީއަން އައިޑަލްގެ ހަ ވަނަ ސީޒަން ކާމިޔާބުކުރީ ވިޕުލް މެހެތާ އެވެ. ވިޕުލް ވަނީ އޭނާގެ އަމިއްލަ މިއުޒިކް އަލްބަމް "ހެލޯ ނަމަސްތޭ ސަތު ސިރީ" ނެރެފަ އެވެ. ނަމަވެސް މި ޝޯ ކާމިޔާބުކުރި އެހެން ލަވަކިޔުންތެރިންނާ ބަލައިރު ވިޕުލްގެ މަގްބޫލުކަން އެހާ ބޮޑެއް ނޫނެވެ.
މި ޝޯގެ ހަތް ވަނަ ސީޒަން ކާމިޔާބުކުރީ އަންޖަނާ ޕަދްމަނަބަން އެވެ. މި ޝޯ ގެންދިޔައީ ޖޫނިއާ އައިޑޮލްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އަންޖަނާގެ ޚަބަރެއް އެއްގޮތަކަށް ވެސް ނުވެ އެވެ.

އަށް ވަނަ ސީޒަންގެ އެއްވަނަ އަކީ އަނަންޔާ ސްރީތަމް ނަންދާ އެވެ. މިވެސް ޖޫނިއާ އިންޑީއަން އައިޑޮލްގެ ގޮތުގައި ގެންދިޔަ ޝޯއެކެވެ. މި ޝޯ ކާމިޔާބުކުރުމަށްފަހު ވަރަށް ގިނަ ފިލްމުތަކަށް އަނަންޔާ ލަވަކިޔައިދިނެވެ. "އެމް.އެސް.ދޯނީ" އާއި "ބޭބީ" އަށް އަނަންޔާ ކިޔައިދިން ލަވަތައް މީގެތެރެއިން ވެސް ވަރަށް ފާހަގަކޮށްލެވެ އެވެ. އަނަންޔާ އަކީ އަދި ވަރަށް ހަގު ލަވަކިޔުންތެރިއަކަށް ވާތީ ކުރިޔަށް އޮތް އަހަރުތަކުގައި އޭނާގެ ވިދުން މިއުޒިކް އިންޑަސްޓްރީގައި ގަދަވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

ނުވަ ވަނަ ސީޒަން އޮތީ 2017 ގައެވެ. މި ސީޒަން ކާމިޔާބުކުރީ އެލްވީ ރާވަންތު އެވެ. އޭގެ ފަހުން މިހާތަނަށް 200 އަށް ވުރެ ގިނަ ލަވަ ހިންދީ، ކަންނާޑާ، ތެލުގޫ ބަހުން ރާވަންތު ކިޔައިދީފައި ވެއެވެ. ޚާއްސަކޮށް ތެލުގޫ ފިލްމު އިންޑަސްޓްރީގައި ރާވަންތު ވަރަށް މަޝްހޫރެވެ. އިންޑިއަން އައިޑޮލްގެ އިތުރުން ވެސް ވަރަށް ގިނަ ސިގިން ރިއަލިޓީ ޝޯތައް ރާވަންތު ކާމިޔާބު ކޮށްފައި ވެއެވެ.

އިންޑިއަން އައިޑޮލްގެ 10 ވަނަ ސީޒަންގެ އެއްވަނައަކީ ސަލްމާން އަލީ އެވެ. މި ޝޯ ކާމިޔާބުކުރުމަށްފަހު ބައެއް ހިންދީ ފިލްމުތަކަށް ސަލްމާން ލަވަކިޔައިދީފައި ވެއެވެ.

އެންމެ ފަހުން ނިމުނު 11 ވަނަ ސީޒަން ކާމިޔާބުކުރީ ސަނީ ހިންދުސްތާނީ އެވެ. ޝޯ ކާމިޔާބުކުރުމަށްފަހު ސަނީ ވަނީ އަމިއްލަ ޔޫޓިއުބު ޗެނަލެއް ފަށައި މިއުޒިކް ވީޑިއޯތަކުން ފޭނުންގެ މުނިފޫހިފިލުވައިދޭން ފަށާފަ އެވެ.