ކުލަބު އީގަލްސްގެ ވައިސް ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ) ގެ ވާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އީގަލްސްއިން ލަފާ ކޮށްފައި ވަނީ، އޮޕަރޭޝަނަށް ފަހު ރިކަވަރީއަށް ހޭދަވާ މުއްދަތާ އެކު ގާތް ގަނޑަކަށް ހަ މަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އީގަލްސްއިން ސޯޝަލަ މީޑިއާގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ ރިޒޭގެ ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު، ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރިޒޭ އަށް އަނިޔާވެ އޭނާ ބަދަލު ކުރަން ޖެހުނެވެ. އެ މެޗަށް އޭނާ ނެރުނު އިރުވެސް ހުރީ އަނިޔާގަ އެވެ. ސީޒަން ފެށުނު އިރުވެސް އޭނާ ހުރީ އަނިޔާގަ އެވެ. ދޭތެރެއަކުން ރިޒޭ އަނިޔާ މަޑު މަޑުން ރިކަވާ ވަމުން އައިކަން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ކުރިން ފާހަގަ ކުރި އެވެ.
ރިޒޭއަށް އަނިޔާ ވުމަކީ، އީގަލްސް އަށް ކުރިމަތި ވާނެ ސީރިއަސް މައްސަލަ އެކެވެ. ވެލެންސިއާ މެޗަށް ފަހު މޯހަން ބުނީ ރިޒޭ މެޗަށް ނެރުނީ ޑޮކްޓަރުގެ ހުއްދަ އާއެކު ރިޒޭވެސް އެކަމަށް ބޭނުން ވުމުން ކަމަށެވެ.
"ޑޮކްޓަަރުންގެ ހުއްދަ އާ އެކީގައި ކުޅުވާފައި ހުންނާނީ އެއްގޮތަކަށްވެސް އަޅުގަނޑު ފޯސް ކޮށްގެންނެއް ނޫން،" ރިޒޭގެ އަނިޔާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. " ޑޮކްޓަރުންގެ ހުއްދަޔާ އެކީގައި ރިޒޭވެސް ހަމަ ބޭނުން ވެގެން ކުޅުވާފަ ހުންނާނީ. މިކަހަލަ ކަންކަމަކީ ނަސީބޭ ދަންނަވަން ޖެހޭނީ. ވަރަށް ބަދު ނަސީބުކޮށް މިދިޔައީ."
ރިޒޭގެ އިތުރުން، އެ ޓީމުގެ ހަސަން ރާއީފް އަހްމަދު (ހަންނަ) ވެސް ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ އެވެ. އެހެންނަމަވެސް އޭނާ އަންނަނީ އަނިޔާއިން ރަނގަޅު ވަމުންނެވެ. މިދިޔަ ސީޒަންގައި އީގަލްސްގެ މުހައްމަދު ނާއިމް އާއި ހައިޝަމް ހަސަން ވެސް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނެވެ. ޑިސެމްބަރު މަހު ސީޒަން ފެށިއރު އެ ދެ ކުޅުންތެރިން ތިބީ އެއްކޮށް ރިކަވާ ވެފަ އެވެ.