ރާއްޖޭގެ މައި އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ނުދިނުމަކީ ސަރުކާރު ލަދު ގަންނަންޖެހޭ ކަމެއް ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔައިފި އެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުން ދަތި އުނދަގޫ ހާލަތެއްގައި ތިބިއިރު، މިދިއަ އަހަރުގެ ބޯނަސް ނުދީ ހިފެހެއްޓިފައި ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސި ވިލާތުގެ ގޯޑަން އެންޑްރޫ ސްޓުވަޓް މިދިޔަ ޖޫން މަހު ހަމަޖައްސާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި، ޝުޖާއު ވިދާޅުވީ ކުންފުނި ހިންގުމަށް "ދޮން މީހުން" ލައިގެން ކުންފުނީގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝުޖާއު އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ ތާރިހުގައި އެންމެ ބޮޑު އަދަދަކަށް މުވައްޒަފުންނަށް ބޯނަސް ލިބިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށެވެ.
"ބޯނަސް ދެއްވީ ހުރިހާ މުވައްޒަފުންނަށް ހަމަ ހަމަކޮށް، އިންސާފުވެރިކަމާއެކު،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ މައި އެއާޕޯޓު ބަންދު ކުރުމަށް ފަހު، ޓޫރިސްޓުންނަށް އަލުން ހުޅުވާލުމާއެކު، އިގުތިސޯދަށް "ބޫމެ"އް އަންނާނެ ކަމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ޝުޖާއު ވިދާޅުވީ "ބޫމް" އާއެކު ފެންނަމުން ދަނީ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވަމުންދާ މަންޒަރު ކަމަށެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުލިބޭ ކަމުގެ ކަންބޮޑުވުމުގެ އަޑުތައް ގަދަވެފައިވާއިރު، އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ލިބޭގޮތް ނުވެ އެވެ.
ބޯޑަރު ބަންދު ކުރުމުގެ ސަބަބުން، އެމްއޭސީއެލްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލި ފަހުން، ހާއްސަކޮށް މިދިޔަ އަހަރުގެ ފަހުކޮޅު އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންސްތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 2018 ވަނަ އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ދިނެވެ. މިދިޔަ އަހަރު، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ކުންފުނި ތަކުން ބޯނަސް ދިނުމުގެ އުސޫލެއް އާންމުކޮށްފަ އެވެ. މި އުސޫލުގެ ދަށުން ބޯނަސް ދެވޭނީ ސަރުކާރަށް ޑިވިޑެންޑް ދެއްކުމަށްފަހު އެވެ.