ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ކުރާ ދައުވާތައް އިއްވައި، މުދާތައް ދައުލަތަށް ނަގައިދޭން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދެ ދައުވާ މިއަދު އިއްވައި، އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.

އެ ދައުވާތަކުގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ކުރިއަށް ދިއަ އިބްތިދާއީ އަޑުއެހުމުގައިވެސް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ފާހަގަކުރީ، ދައުވާތަކާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ލިއުންތައް ނުލިބޭ މައްސަލަ އެވެ.

މިގޮތުން، ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ މީގެ ކުރިން ބޭއްވި އަޑުއެހުމަށްފަހު ބައެއް ލިޔުންތައް ހޯދުމަށް ރައީސް އޮފީހުގެ އިތުރުން މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން، އެ ލިޔުންތަކަކީ ޝަރީއަތް މެދުވެރިކޮށް ލިބެންޖެހޭ މައުލޫމާތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދެއްވުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލްގެ އަރިހުން ދިފާއުން އެދުނެވެ.

އެކަމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންވެސް ވިދާޅުވީ، މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކުރެވި، ހުކުމް އިއްވުމާ ހަމައަށްވެސް އެ ޝަރީއަތާގުޅޭ ލިޔުންތައް ލިބިފައިނުވާ ކަމަށެވެ. ޝަރީއަތުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލިޔުންތައް ހޯދައި ދޭނެކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި ނަމަވެސް، ޝަރީއަތް ނިމުނުއިރުވެސް އެ ލިޔުންތައް ނުލިބޭކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.

"ދައުވާއަށް އެއްޗެއް ދަންނަވާނީ ކިހިނެއްތޯ ލިޔުންތައް ނުލިބި؟ ކިހިނެއްތޯ ތުހުމަތުތަކަށް ޖަވާބުދާރީވާނީ އެ ލިޔުންތައް ނުލިބި؟" އެމަނިކުފާނު ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

އަދި އެ ލިޔުންތަކަކީ ޝަރީއަތް މެދުވެރިކޮށް ހޯދައިދެވޭނެ ލިޔުންތަކެއް ނޫން ނަމަ، ނިންމަވައިފިނަމަ، އިސްތިއުނާފު ކުރުމަށްޓަކައި އެ ނިންމެވުން ލިޔުމުން ދެއްވުމަށް ދިފާއުން ވަނީ ގާޒީ ޝަކީލްގެ އަރިހުން އެކި ފަހަރު މަތިން އެދިފަ އެވެ.

ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިޔުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، ކުރީގެ އަޑުއެހުމުގައިވެސް ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާ ހެއްކާއި ގަރީނާ ދިފާއުއަށް ސާފުވެގެން ގޮސްފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ލިޔެކިޔުންތައް ނުލިބޭ ވާހަކަތައް ތަކުރާރުކުރަން ފެށުމުން، ގާޒީ ޝަކީލް ވަނީ އެކަން ހުއްޓުވައިފަ އެވެ. ގާޒީ ވިދާޅުވީ، މިހާރު ދައުލަތުން ހުށަހަޅާފައިވާ ލިޔުންތައް ދިފާއުއަށް ފޯރުކޮށްދެވިފައިވާއިރު، އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ދައުވާއަށް ޖަވާބުދާރީވެވޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަދި ދިފާއުވާން ބޭނުންވާ ލިޔުންތައް ނުލިބިއްޖެނަމަ ދެން އެލިޔުންތައް ހޯދަން ދަތުކުރާނެ މަގު ގާނޫނުތަކުގައި ތަރުތީބުވެފައި އޮންނައިރު، ޝަރީއަތުން ނިންމާ ނިންމުމެއް އިސްތިއުނާފް ކުރުމުގެ ހައްގުވެސް އޮންނާނެކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މިހާރު ދައުވާ ހުށަހަޅާ، ދައުވާއަށް ޖަވާބު ދާރިވާން ހުރަހެއް އޮތްކަމަކަށް ގަބޫލު ނުކުރައްވާތީ، ދައުލަތުގެ ކިބައިން ގާޒީ ވަނީ ދައުވާތައް އިއްވުމަށް އެދިވަޑައިގެންފަ އެވެ.

އެއާއެކު ދައުލަތުން ފުރަތަމަ އިއްވީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.

ދައުވާ އިއްވުމަށްފަހު ދައުލަތުން އެދުނީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި އެއް މިލިއަން ޑޮލަރާއި، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ.

އެ ދައުވާ ސާފުވެއްޖެތޯ ޝަރީއަތުން ސުވާލުކުރުމުން، ދިފާއުން އަނެއްކާވެސް ވަނީ ހުރިހާ ލިޔެކިޔުންތައް ނުލިބޭތީ ދައުވާ ސާފުނުވާކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އެކި ފަހަރުމަތިން ދައުލަތުން ވަނީ ދައުވާގައިވާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ދިފާއުން ލިޔެކިޔުންތަކުގެ ވާހަކަ ތަކުރާރުކުރަން ފެށުމުން، ގާޒީ ވަނީ ދައުވާ ސާފުވެއްޖެތޯ ނުވަތަ ނޫންތޯ ދިފާއުން ބުނުމަށް އެދިފަ އެވެ.

އެއާއެކު، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އިއްވުމުން، ރައީސް ޔާމީން ވިދާޅުވީ، ދައުވާތަކުގައި ދައުލަތުން ކޮށްފައިވާ ތުހުމަތުތައް ސާފުވެއްޖެކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އެ ދައުވާތައް ކުރެވޭ އަސާސާއި، އެ ދައުވާ އެމަނިކުފާނާ ސީދާ ގުޅޭގޮތެއް ދައުވާތަކުން ސާފުނުވާކަމަށް ވިދާޅުވި އެވެ.

ދައުވާތައް އިއްވުމުން، ގާޒީ ޝަކީލް ވިދާޅުވީ ދައުވާތަކަށް ޖަވާބުދާރީވުމުގެ މަރުހަލާ އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށާއި، އެ އަޑުއެހުން މި މަހުގެ 13 ވަނަ ދުވަހަށް ތާވަލްކުރައްވާ ކަމަށެވެ.

ނަމަވެސް، ރައީސް ޔާމީން ވަނީ މި ދުވަސްވަރު މޫސުން ހުރި ގޮތުން، ވަކީލުންގެ ބައްދަލުވުންތަކަށް އެކަށީގެންވާ ވަގުތު ނުލިބޭތީ، ދެން އޮންނަ އަޑުއެހުމަށް ދެ ހަފްތާގެ މުއްދަތެއް ދެއްވުމަށް ގާޒީގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އެއާއެކު، ގާޒީ ޝަކީލް ވަނީ ދެން އޮންނަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހަށް ތާވަލްކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.