ފަންސާސް އަހަރުގެ މުއްދަތަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމަށްފަހު އެ އެއްބަސްވުން އުވާލައި އެ އެއާޕޯޓް އަތުލި މައްސަލާގައި ކޯޓަށް ވަޑައިގެންނެވީ ހައްގު ނޫން އެއްޗެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާ ވިލާއިން ކުރަނީ ހައްގު ދައުވާއެއް ކަމަށް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިހާރު ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރުކަންވެސް ކުރައްވާ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިއަދު ސުޕްރީމް ކޯޓްގައި އޮތް އަޑުއެހުމެއްގައެވެ.
ގދ.ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދުގައި 06 ނޮވެމްބަރ 2013 ގައި ވެފައިވާ އެއްބަސްވުމާ، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ހިލާފުވެފައިވާކަމަށްބުނެ 18 ނޮވެމްބަރ 2017 ގައި ވިލާ އެއަރ އަތުން ކާޑެއްދޫ އެއާޕޯޓް ދައުލަތުން އަތުލިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ވިލާއެއާއިން ހުށަހެޅުމުން އެކޯޓުން ނިންމީ އެ އެއްބަސްވުން ދައުލަތުން އުވާލީ ގާނޫނާއި ހިލާފަށް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ވިލާ އެއަރ އަށް ލިބިގެންވާ ހައްގުތަކާއި، މަންފާތަކާއި، އެއްބަސްވުން ދައުލަތުން ބާތިލުކޮށް އެއަރޕޯޓު އަތުލުމުގެ ސަބަބުން ވިލާ އެއަރ އަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމެއްގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ވިލާއެއާއަށް ލިބިގެންވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެކޯޓުން ނިންމީ ދަށުކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި، އެހުކުމަށް ބަދަލެއް ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ދެފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ 06 އަދި 07 ވަނަ މާއްދާގައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގދ.ކާޑެއްދޫ އެއަރޕޯރޓް ތަރައްގީކޮށް ހިންގައި އަދި އޮޕަރޭޓްކުރަންވާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތީރިޓީގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމާއި، ލައިސަންސް ނެގުމާއި، ހުއްދައާއި ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާއި، އެއޮތޯރިޓީގެ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމާއި، ދިވެހި ސަރުކާރުންވެސް އަދި އެނޫންވެސް އެހެން ފަރާތަކުންވެސް އެނިންމުމަށް ބަދަލު ނުގެނެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އެކަން އެހެން އޮތް ކަމުގައިވީނަމަވެސް، އައިލެންޑް އޭވިއޭޝަނުން ހެދި ސޭފްޓީ އެސެސްމަންޓް ރިޕޯޓާއި، އަދި އެރިޕޯޓާއި ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ނޮވެންބަރު 3، 2016 ގައި ހެދި ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓާއި، ނޮވެންބަރު 16، 2016 ގައި ހެދުނު ފޮލޯ އަޕް ރިޕޯޓުގައިވެސް ކާޑެއްދޫ އެއާޕޯރޓްގެ ފެންވަރު ދަށްވެގެން އެއާޕޯރޓްގެ އޮޕަރޭޝަންސްތައް ހުއްޓާލުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ އޮތޯރިޓީއިން އަންގާފައިވާކަން އެނގެން ނެތްކަމާއި، އެހެންނަމަވެސް އެރިޕޯޓުތަކަށްފަހު އިވެލުއޭޓްކުރުމަށްފަހު ޖަނަވަރީ 1، 2017 ގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިންވަނީ ސެޓިފިކެޓް އޮފް އޮތޯރިޒޭޝަންގެ ދަށުން ގދ.ކާޑެއްދޫ އެއަރޕޯރޓް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިކަމާއި، އެހެންކަމުން، ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގދ.ކާޑެއްދޫ އެއަރޕޯޓް އޮޕަރޭޓްކުރަމުން އައީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތަކަމަށް ބަލަންޖެހޭ ކަމަށެވެ.
ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމުން މިއަދު އޮތް އަޑުއެހުމުގައި ގާސިމް ވިދާޅުވީ ގދ.ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކުރުމުން އެތަން ތަރައްގީ ކުރުމަށް 114 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިދިޔަ ތިން އަހަރު އެތަން ނުހުއްޓި ހިނގަމުންދާއިރު މިހާރުވެސް އެއާޕޯޓްގައި ބޭނުން ކުރަމުންދަނީ ވިލާއިން ހޯދި ތަކެތި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކާޑެއްދޫގެ ހިންގުން ހަވާލުކުރުމަށްފަހު ގެއްލުން ފޫބައްދަން ވިލާއަށް ދޭނެ ކަމަށް ސަރުކާރުން ބުނި ބ. މެންދޫ ދީފައިނުވާ ކަމަށާ އެއީ އެގްރީމަންޓްގައި ހިމެނޭ މާއްދާއެއް ކަމަށެވެ. އަދި އެސްޓީއޯއިން ހިންގި ފިއުލްފާމްވެސް ހަވާލުކޮށް އެ ކުންފުނި އެތަނުން ބާލާދީފައިވެސް ނުވާ ކަމަށެވެ. ގާސިމް ވިދާޅުވީ ދައުވާ ކުރުމުގެ ހައްގު ވިލާއަށް އެބައޮތް ކަމަށެވެ. އަދި މިއަދު ދައުލަތާއި ދެކޮޅަށް އެ ކުންފުނިން ދައުވާ ކުރީ ސަރުކާރުން ބޭއިންސާފުން އެއްޗެއް ހޯދުމަށް ނޫން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މި ކުރަނީ ހައްގު ދައުވާއެކޭ. އެއްވެސް ހާލެއްގައި ބޭއިންސާފުން ސަރުކާރުން އެއްޗެއް ހޯދުމުގެ ބޭނުމުގައެއް ނޫނޭ. އެތަނަށް [ކާޑެއްދޫ އެއާޕޯޓް] 114 މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ހަރަދުކޮށް އެތަން އަޕްގްރޭޑްކޮށް އެތަން މިއަދުވެސް އެ ހިނގަނީ، އޭގެ ފަހުން ތިން އަހަރު ވެގެންދާއިރުވެސް އެއްވެސް ކަމެއް ސަރުކާރުން ކުރައްވާފަކައެއް ނެތް އެތާނކު،" އޮންލައިންކޮށް ކުރިއަށްދިޔަ ޝަރީއަތުގައި ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބ. މެންދޫ ދިނުމަށްފަހު އަލުން އަތުލާ މާދުރުގައި އޮތް ފަޅެއް ދައްކާ އޭގެ ފަހުން ދައުލަތުން ކަންކަން ކުރަމުން ދިޔައީ ޖެއްސުން ކުރުމުގެ އުސޫލެއްގެ ތެރެއިން ކަމަށެވެ. ދައުލަތަށް ނިސްބަތްކޮށް އެފަދަަ އެއްޗެއް ވިދާޅުވާން ލަދުވެތިވާ ކަމަށާ ނަމަވެސް ހަގީގަތަކީ އެއީ ކަމަަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު އަދި މަހާޒް އަލީ ޒާހިރުގެ އިތުރުން އައިޝާ ޝުޖޫން ބައްލަވާ މި މައްސަލާގައި ދައުލަތުންވެސް ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ.
ފަންސާސް އަހަރުގެ މުއްދަތަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމަށްފަހު އެ އެއްބަސްވުން އުވާލައި އެ އެއާޕޯޓް އަތުލި މައްސަލާގައި ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދައުވާ ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.