ރާއްޖެ ކުޅިވަރު

ވެލެންސިއާއިން ބީޖީ ފަހަތަށް އެއްލާލައިފި

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަވަނާގައޮ އޮތް ބީޖީ ސްޕޯޓްސް 5-2އިން މިއަދު ބަލިކޮށް ވެލެންސިއާ އެ މަގާމު އަތުލައިފި އެވެ.

ދޭތެރެ ދޭތެރެއިން ވެހެމުންދިޔަ ވާރޭގެ ތެރޭގައި ކުޅުނު މެޗުގައި ވެލެންސިއާގެ ބަލްގޭރިޔާ ފޯވަޑް ވަލްޑިސްލާވް މިރްޗޭވް ވަނީ ފަހު ފަސް މިނިޓްގައި ކުޅެން ނުކުމެ ދެ ގޯލު ޖަހައިފަ އެވެ.

މެޗުގައި ވެލެންސިއާއިން ފުރަތަމަ ދެ ލަނޑު ޖަހައި ލީޑް ހޯދި އެވެ. ކެމަރޫނުގެ ފޯވަޑް ހަންސްލީ އަވީލޯ އާއި އަހުމަދު ރިލްވާން ޖެހި ލަނޑުން ވެލެންސިއާ ކުރީގައި އޮއްވައި ބީޖީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެހީ ޑިފެންޑަރު ހަސަން ފައިރޫޒް (ލަކީ) އެވެ.

ފަހު ހާފު ފަށައިގެން ވެލެންސިއާ ލީޑު ފުޅާކުރީ އަހުމަދު ވިޝާމް (ޖެރާޑް) ހިލޭ ޖެހުމަކުން ޖެހި ލަނޑުންނެވެ. އޭގެ ފަހުން ބީޖީގެ ދެ ލަނޑު ޖަހައިދިނީ ޑެނިއަލް ފިލެމޮން އެވެ.

މި މެޗުން މޮޅުވުމުން ވެލެންސިއާ އަށް ހަ ވަނަ ލިބެނީ ފަސް ވަނާގައިވާ ވިކްޓަރީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ޖެހި ގޯލު މަދުވުމުންނެވެ. މި ދެ ޓީމަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބީޖީ އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

މެޗަށް ފަހު ބޭއްވި ޕްރެސްކޮންފަރެންސްގައި ބައިވެރިވީ ވެލެންސިއާއިން އެކަންޏެވެ. މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ވެލެންސިއާ މޮޅުވި ނަމަވެސް ބައިކޮޅަށް ވަން ލަނޑުތަކާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. މި މެޗުގައި ބީޖީ އަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު ހަސަން ރަޝީދެވެ. އެއީ ކޯޗު މުހައްމަދު ޝާޒްލީ ޕްރޯ ލައިސަންސް ހަދަން ރާއްޖޭން ބޭރުގައިވުމުންނެވެ.

ލީގުގައި މިރޭ ކުޅޭނީ ނިއު ރޭޑިއަންޓާއި އީގަލްސް އެވެ. މާދަމާ ހަވީރު ކުޅޭނީ ވިކްޓަރީ އާއި މަހިބަދޫ އެވެ. މާދަމާ ރޭ ކުޅެނީ މާޒިޔާ އާއި ޓީސީ އެވެ.