ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެންމެ ފުލުގައި ކުލަބު އީގަލްސް އަށް އޮންނަން ޖެހުމުން ޕްރެޝަރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
ލީގްގައި ކުޅުނު ހަތަރު މެޗުން އީގަލްސް އަށް ލިބުނީ އެއް ޕޮއިންޓެވެ. އަށް ޓީމު ވާދަ ކުރާ ލީގްގައި އެ ޓީމު އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ.
"މި ވަގުތަށް އެންމެ ދަށް ޓީމުގެ ގޮތުގައި މިއޮތީ އީގަލްސް،" މާދަމާ ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "އަޅުގަނޑަކަށް ހީނުވޭ އީގަލްސްގެ މި ފަހުގެ ތާރީހެއްގައި މިހާ ދަށް ހާލަތެއްގައި އީގަލްސް އިން ހެނެއް. މިހާލަތުން އަރައި ގަންނަން ކުރަން ޖެހޭ ކަންކަން ކުރަމުން މިދަނީ. އެހެންނަމަވެސް މިވަގުތު ހުރިހާ ކަމެއް މިހުރީ އަޅުގަނޑުމެންނާ ދެކޮޅަށޭ ބުންޏަސް ގޯހަކަށް ނުވާނެ."
އީގަލްސްގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓާ މެދު މޯހަން ހިތްހަމަ ޖެހެ އެވެ. އޭނާ ބުނީ ޕްރެކްޓިހުގައި ކުޅުންތެރިންގެ ކުރާ މަސައްކަތާ މެދު ސުވާލެއް ވެސް ނެތް ކަމަށެވެ. އެހެންނަމަވެސް އީގަލްސްގެ ގައުމީ ޓީމު ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި ލީޑާޝިޕް ފެންނަން ޖެހޭ ކަން އޭނާ ފާހަގަ ކުރި އެވެ.
ވެލެންސިއާގެ މެޗަށް ފަހު ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި ހުރި މޯހަން އިއްޔަ ބުނީ، ވެލެންސިއާ އަށް ނަތީޖާ ހައްގު ކަމަށާއި މެޗުގައި ހުރިހާ ގޮތަކުންވެސް ރަނގަޅަށް ކުޅުނީ ވެލެންސިއާ ކަމަށެވެ. އެ ދުވަހުގެ މެޗަށް ފަހު ރެފްރީންގެ ވާހަކަތަކާ މެދު ހިތްހަމަ ނުޖެހޭކަން ފާޅު ކުރި ނަމަވެސް ރެފްރީންގެ ވާހަކަ ނުދެއްކުމަށް އެފްއޭއެމުން ކޯޗުންނަށް އެންގުމުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.
"އޭގެ ކުރިން ކުޅުނު އަނެއް ތިން މެޗުގައި އަޅުގަނޑުމެން ކުޅެފަ ރިޒަލްޓް ނުނެރެވިގެން މިދިޔައީ،" މޯހަން ބުންޏެވެ. "މި ވަގުތު ހުރިހާ އެއްޗަކަށް ވުރެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުމަށް ވުރެ މި ވަގުތަށް މުހިންމީ ނަތީޖާ[މޮޅުވުން]. އެ ނަތީޖާ ނެރެވިއްޖެ ކަމަށްވާނަމަ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ. ދެން އަންނަ މެޗަކަށްވެސް ނޫނީ މިހާލަތުން އަރައި ގަތުމަށްވެސް."
ސީޒަން ފެށުނު އިރު ލީގް ޗެމްޕިއަނަށް ވާދަ ކުރަން އުންމީދު ކުރީ. ނަމަވެސް މިވަގުތަށް ބަލަން ޖެހިފަ ވަނީ ލީގްގެ ފުލުން އަރައި ގަނެ ރެލިގޭޝަން ޒޯނުން ސަލާމަތް ވެވޭތޯ." މޯހަން ބުންޏެވެ.
އެ ހާލަތުން އަރައި ގަނެވޭނެ ކަމުގެ އުންމީިދު އޭނާ އަށް އެބައޮތެވެ. މެޗަށް އީގަލްސް ނުކުންނަ އިރު އަނިޔާގެ ސީރިއަސް މައްސަލަތަކެއް ވަނީ ކުރިމަތި ވެފަ އެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަހްމަދު ރިޒްވާން (ރިޒޭ) ވާތު ކަކުލުގެ ލިގަމެންޓް އިރައިގެން ދިއުމުގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ވަނީ ޖެހިފަ އެވެ. އޭނާގެ އިތުރުން ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) އަދި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުނު ހިޝާމް ސަލީމް (ކޮކީ) ވެސް އަނިޔާގައި ހުރިކަން މޯހަން ފާހަގަ ކުރި އެވެ.
މާދަމާ ހަވީިރު އީގަލްސް އާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީއަށް ވެސް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. އެ ޓީމުގެ ކޯޗް މުހައްމަދު އާދަމް، ބުނީ މެޗަށް އެންމެ ފުރިހަމަ ޓީމެއް ނުނެރެވޭނެ ކަމަށެވެ. އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ، އާދިލް އަބްދު ރަހްމާން އަދި ޔާސީން ފިރްގްއަށް ވަނީ އަނިޔާ ވެފަ އެވެ. އެ ދެ ކުޅުންތެރިން އަލުން ކުޅުމުގެ ތެރެއަށް އަންނަން މަހެއް ހާ ދުވަސް ހޭދަ ވާނެ ކަމަށް މުހައްމަދު ބުންޏެވެ.
"ޖުމުލަ ހަތް ކުޅުންތެރިން ނުލާ ޓީމު ނެރެން ޖެހޭނީ ވަރަށް ދެރަ ކަމެއް ޔޫވީ ކަހަލަ ބެންޗުގައި މާބައިވަރު ކުޅުންތެރިން ނެތް ޓީމަކަށް ވަރަށް ބޮޑު ޗެލެންޖެއް މީ." މުހައްމަދު ބުންޏެވެ.