ގައުމު ބިރުވެރި ކަމަކަށް އައިސް މިއަދުގެ ހާލަތަށް އައުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމިން ކަމަށް އެމަނިކުފާންގެ ކުރީގެ ނައިބު މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވެ ރައީސް ޔާމިނަށް ފާޑު ވިދާޅުވީ ޔޫކޭގައި ހުންނަވައިގެން މިރޭ ރާއްޖެ ޓީވީ 60 މިނެޓު ޕްރޮގްރާމަށް ދެއްވި އިންޓަވިޔުއެއް ގައި ވާހަކަދައްކަވަމުންނެވެ. މިއީ ޖަމީލް ޔޫކޭއަށް ވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ދިން މިފަދަ އިންޓަވިއު އެވެ.
ޖަމީލް ވިދާޅުވީ މިހާރު ގައުމު ވެއްޓިފައި މިއޮތީ ދަރަޖައަކީ ރައީސް ޔާމިން އަށް ރައްޔިތުން ހަވާލުކުރި ކަންތަށް އަދާ ނުކުރެވުމުގެ ނަތީޖާ ކަމަށާއި އަދި މަޖުލީހުގައި އުޅުއްވާ ބޭފުޅުން އަމިއްލަ އެދުމަށް ކުރެއްވި ކަންތައްތަކުގެ ހިތި ނަތީޖާ ކަމަށެވެ. އެހެން ކަމުން މިހާރު ގައުމު މި އޮތް ދަރަޖައަށް ވެއްޓުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމިން ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ގައުމު މިހާލަތަށް ވެއްޓުނު ފުރަތަމަ ސަބަބަކީ ރައްޔިތުން އިންތިހާބކުރި ޔައީސް ޔާމިން އަށް އެމަނިކްފާނުގެ ޒިންމާތަށް އަދާ ނުކުރުމުގެ ސަބަބުން ދެވަނަ ކަމަކަށް ރައްޔިތުން މަޖުލީހުގައި އުޅުއްވާ ބޭފުޅުން އަމިއްލަ ފައިދާއަށް ކުރި ކަންތަކުގެ ނަތީޖާ. އެހެންވެ މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމިން،" ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސްގެ ނައިބުގެ މަގާމުގައި ހުންނެވި އިރު ރައީސް ޔާމިން އަށާއި ފުލުހުންނަށާއި ސިފައިންނަށް އެކި ފަހަރު މަތިން ނަސޭހަތް ލާދީފާވާނެ ކަމަށާއި ނަމަވެސް ރައީސް ޔާމިންއާ ގާތް ކޮށް އުޅުއްވާ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެން ވަހީދު އަދި ސިފައިންގެ އިންޓެލިޖަންސް އިން ގެންދެވީ ރައީސް ޔާމިން އަށް ތެދުނޫން ސިޔާސީ ރިޕޯޓުތަށް އަރުވަމުން ކަމަށެވެ. އަދި ރައީސް ޔާމިން އަކީ އެހެން މީހުންގެ ލަފާޔާއި އިރުޝާދު އަޑުއަހާ ބޭފުޅެއް ނޫން ކަމަށް ޖަމީލު ވިދާޅުވި އެވެ.
ގައުމުގެ ހާލަތު މިހާރު ހުރި ހާލަތު ސިފަކޮށް ޖަމީލް ވިދާޅުވި ގޮތުގައި އޭނާ އެންބުރި ރާއްޖެ ވަޑައިނުގަންނަވަނީ ނަފްސުގެ ރައްކާތެރިކަމަށް ޝައްކު އުފެދޭތީ އެވެ. އަދި އޭނާގެ ފުރާނަ އަށް ގެއްލުމެއް ނެތްކަން ޔަގީން ވާދުވަހުން އެންބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.