ހަބަރު

ރާއްޖޭގެ ގޭމް ލީގުން "ފީފާ 21" ގޭމް މުބާރާތެއް

އީ ސްޕޯޓްސް އަށް ހާއްސަ ކޮށް އުފައްދާފައިވާ ރާއްޖޭގެ ގޭމް ލީގުން، ފުޓްބޯޅަ ގޭމްގެ "ފީފާ 21" މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.

މުބާރާތް އޮންނަނީ މިއަދާ މާދަމާ، ހުޅުމާލޭ މައި ކޮލެޖްގަ އެވެ. މޯލްޑިވިއަން ގޭމް ލީގުން ބާއްވާ ފުރަތަމަ ގޭމް މުބާރާތެވެ. މުބާރާތް ކުރިއަށް ދާނީ 32 ގޭމާސްގެ މެދުގައި އަށް ގުރޫޕަށް ބަހަލައިގެންނެވެ. ކޮންމެ ގުރޫޕްގެއްގައި ހަތަރު ގޭމާސް އެެވެ. ކޮންމެ ގުރޫޕެއްގެ ގޭމާސްގެ މެދުގައި ފީފާ 21 ގެ ގޭމްގެ މެޗުތައް ކުޅުމަށް ފަހު، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ގޭމާސް ދެ ވަނަ ބުރަށް ދާނެ އެވެ. ދެ ވަނަ ބުރގައި ވާދަ ކުރާނީ ޖުމުލަ 16 ގޭމާސް އެވެ. ދެ ވަނަ ބުރުން މޮޅުވާ އަށް ގޭމާސް ދަތުރު ކުރާނީ ކްއާޓާ ފައިނަލަށެވެ.

ކްއާޓާ ފައިނަލުގައި މޮޅުވާ ހަތަރު ގޭމާސް ދަތުރު ކުރާނީ ސެމީ އަށެވެ. ސެމީން މޮޅުވާ ދެ ގާމާސް ފައިނަލުގައި ވާދަކޮށް ގޭމް ލީގް މުބާރާތް ކާމިޔާބު ކުރާ ގޭމާސްއެއް އެނގިގެންދާނެ އެވެ.

މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި ކަނޑައަޅާފައި ވަނީ މުބާރާތުގައި ބައިވެރި ވުމަށް ގާމާސް ދެއްކި ފީ ގެ 100 ޕަސަންޓް އެއްކޮށެވެ. އެއް ވަނަ އާއި ދެ ވަނަ އަށް ދާ ގޭމާ އަށްވެސް އިނާމު ލިބިގެން ދާނެ އެވެ.

ގޭމް ލީގް މުބާރާތު ގޫރޫޕް ސްޓާޖާއި ނޮކައުންޓް ސްޓޭޖްގެ ބައެއް މެޗުތައް މިއަދު ކުޅޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.

ގޭމް ލީގްގެ ފަރާތުން ވާހަކަ ދެއްކި އަހްމަދު އަދުހަމް ބުނީ ގޭމް މުބާރާތް ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އެގޮތުން ގޭމް މުބާރާތް ކުރިއަށްދާ ވެނޫ އަށް ވަދެވޭނީ ފަހަރަކު އަށް ގޭމާސް އަށެވެ. އަދި ކޮންމެ ގޭމާސްއެއްގެ އެ ގޭމާސް އަކަށް ހާއްސަ ޖޮއިސްޓިކެއް ގެންނަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރި ވުމަށް ހެދިފައިވާ ގައިޑްލައިނާ އެއްގޮތަށް ސެނިޓައިޒް ކުރުމާ ޓެމްޕަރޭޗާ ބެލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.