އިދިކޮޅު އެއްވުމުގެ ތެރެއިން އިއްޔެ ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓްގައި ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ކުރިއަށްދިޔަ ވަގުތު އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ އެ ސަރަހައްދަށް އެއްވެ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުގެ ތެރެއިން ފުލުހުން ހަ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެކަކު ވަނީ ކުޑައިރުކޮޅެއްގެ ތެރޭ ދޫކޮށްލާފައެވެ. ފުލުހުންގެ ބަންދުގައި ބޭތިއްބީ ފަސް މީހުންނެވެ.
އެ މީހުންވެސް މިއަދު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. ފުލުހުން ބުނީ އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ކްރިމިނަލް ކޯޓްގައި އިއްޔެ ކުރިއަށް ދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.