ލައިފްސްޓައިލް

އަންހެނަކު 100 ދުވަސް ވަންދެން އެއް ހެދުމުގައި އުޅުނީ ކީއްވެ؟

ނިއު އިންގްލެންޑްގެ ބޮސްޓަންގައި ދިރިއުޅޭ ސާރާ ރޮބިންސް-ކޯލްގެ ވާހަކަ އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައި ވަނީ 100 ދުވަސް ވަންދެން އެއް ހެދުމެއް ލައިގެން އުޅެގެނެވެ. އޭނާ އެއް ހެދުމެއް ލައިގެން އެހާ ގިނަ ދުވަހު އުޅުނީ "އެކަމުން އޭނާގެ ދިރިއުޅުމުން އެއްވެސް ކަމެއް އުނި ނުވާތީ" އެވެ. އެއް ހެދުން ލިޔަސް ސާރާ އޭނާ ހެދުން އެޅުމުގެ ސްޓައިލް ކޮންމެ ފަހަރަކު ވެސް ހުންނަނީ ބަދަލު ކޮށްފަ އެވެ.

ސާރާ މިކަން ކުރީ "100 ޑޭޒް ޑްރެސް ޗެލެންޖް" ގެ ބައިވެރިއަކަށް ވާތީ އެވެ. މިއީ ހަލުއި ކަމާއެކު ބަދަލުވާ ފެޝަނަށް ތަބާ ނުވެ ދުނިޔެ ސަލާމަތް ކުރުމަށް އެހީތެރިވުމަށް ބަޔަކު އިންތިޒާމް ކޮށްގެން އުޅޭ ކަމެކެވެ. އެގޮތުން 2020 ސެޕްޓެމްބަރު 16 ވަނަ ދުވަހުން ފެށިގެން އޭނާ ލައިގެން އުޅެނީ އެއް ހެދުމެކެވެ.

އިނގިރޭސި ވިލާތުގެ "ދަ މިރާ" އިން ބުނި ގޮތުގައި އޮފީހަށް ދާއިރު ވެސް، އެކި އިވެންޓުތަކަށް ދާއިރު ވެސް އަދި އާއްމުކޮށް މަގުމަތީގައި އުޅޭއިރު ވެސް ސާރާ ލައިގެން ހުންނަނީ މި ހެދުމެވެ. އެވެސް އެއްވެސް ޖެހިލުމެއް ނެތި އެވެ.

އޭނާ ބުނި ގޮތުގައި އަބަދު އެއް ހެދުމެއް ލައިގެން އުޅުމަކީ އޭނާ އެއްވެސް ވަރަކަށް ލަދުގަންނަ އަދި ޖެހިލުންވާ ކަމެއް ނޫނެވެ. މިގޮތަށް އުޅެން ފެށުމުން ކުރިމަގުގައި ވެސް މި ގޮތަށް އުޅުމުގެ ހިތްވަރު ލިބިއްޖެ ކަމަށާއި މިހާރު ގަސްތު ކުރަނީ މި ފެށުނު 2021 ނިމެންދެން ވެސް އާ ހެދުމެއް އަދި ގަހަނާއެއް ނުގަތުމަށް ކަމަށް ސާރާ ބުންޏެވެ.

"އަހަރެންނަށް މިހާރު ގަބޫލު ކުރެވޭ ގޮތުގައި އަހަރެންގެ އުމުރުގެ މީހަކަށް އެކަށީގެންވާ ވަރަށް އަދި ކޮންމެ މުނާސަބަތަކާ ގުޅޭ ގޮތަށް އަހަރެންގެ އަތުގައި ހެދުން އެބަހުރިކަން. އަދި ބޯލްގައުން އެއް ބޭނުން ވިޔަސް އަހަރެން ދެން އަލަމާރީގައި ހުރި ހެދުންތަކުން ހެދުމެއް ދޮވެލައިގެން ލާނީ. އެއީ 1992 އިން ފެށިގެން އަލަމާރީގައި ހުރި ހެދުންތަކެއް. ހެދުން އަލަމާރި ސާފުކޮށްލައި ބޭނުން ނުކުރާ ހެދުންތައް ދޫކޮށްލަން ވެސް އެބަ ވިސްނަން. އެކަމަކު އަދި މިއަހަރު މަޑުކޮށްލާފަ އެކަން ކުރާނީ،" ސާރާ ބުންޏެވެ.

ފާއިތުވީ 100 ދުވަހު ސާރާ ލައިގެން އުޅެނި ރޯވާނާ ޑްރެސް އެކެވެ. މިއީ ގިނަ ދުވަހު ލެވޭ ކަހަލަ މެރިނޮ ވޫލް އިން ފަހާފައިވާ ހެދުމެކެވެ.

ސާރާ ބައިވެރި ވެގެން އުޅޭ "100 ޑޭ ޑްރެސް ޗެލެންޖް" އަކީ ކްލޯތިން ބްރޭންޑް "ވޫލްއެންޑް" އިން އިސް ނަގައިގެން ކުރާ ކަމެކެވެ. މި ޗެލެންޖްގައި ބައިވެރިވާ މީހުން ހޭލާ ތިބޭ ހުރިހާ ވަގުތެއްގައި ވެސް ލާން ޖެހެނީ އެއް ހެދުމެކެވެ. އެމީހުން ނިދަން އޮށޯންނަމުން އެ ހެދުން ބާލައި ދޮވެ ހިއްކިދާނެ އެވެ. ނަމަވެސް އަނެއް ދުވަހު ހެނދުނު ވެސް ހޭލާފައި ލާން ޖެހެނީ އެ ހެދުމެވެ. މި ޗެލެންޖް ފުރިހަމަ ކުރާ ފަރާތަކަށް ލިބެނީ 100 ޑޮލަރުގެ ވައުޗަރެކެވެ. އެއީ ވޫލްއެންޑް ބްރޭންޑްގެ އާ ހެދުމެއް ގަންނަން ދޭ ވައުޗަރެކެވެ.

މި ޗެލެންޖްގެ މަގްސަދަކީ ކޮންމެ ދުވަހަކު އެއް ހެދުމެއް ލުމުން އަންނައުނު ގަތުމަށް ކުރަން ޖެހޭ ހަރަދު ކުޑަވެފައި އެއްޗެތި ދޮންނަން ދާ ހަރަދު ވެސް ކުޑަވާނެ ކަމަށާއި މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކަލުން ދުނިޔެ ސަލާމަތް ކުރަން ކުރާ މަސައްކަތެއް ކަމަށް މި ޗެލެންޖް އިންތިޒާމްކުރި ފަރާތުން ބުނެ އެވެ.

"އަހަންނަށް މި ޗެލެންޖްގެ ހަބަރު ފުރަތަމަ ލިބުނީ ސޯޝަލް މީޑިއާ އިން. އަހަރެން ހިތަށް އެރި އަހަރެން ވެސް މި ޗެލެންޖްގައި ބައިވެރިވާން ވެއްޖޭ. އަހަންނަކީ ހަގީގަތުގައި ވަރަށް ހެދުމުގެ މީހެއް،" ސާރާ ބުންޏެވެ.

މި ހެދުމުގައި ސާރާ އުޅޭތާ 98 ދުވަސް މިހާރު ވެފައިވާއިރު އޭނާ ވަނީ އެކި ދުވަހު މި ހެދުން އަޅައިގެން ނަގާފައިވާ ފޮޓޯތައް ވެސް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ.

"މި ހެދުމަކީ ވަރަށް އަރާމު އަދި ލައިގެން އުޅެން ފަސޭހަ، ރޫ ނާރާ ހެދުމެއް. މި ޗެލެންޖްގައި ބައިވެރިވުމުން އަހަންނަށް އިހްސާސްވި ކުނިގޮނޑަށް ކޮންމެ ދުވަހަކު ހާދަ ބައިވަރު އަންނައުނެއް އުކާލާނޭ. އަންނައުނު ދޮންނަން ކޮންމެ ދުވަހަކު ހާދަ ފެނެއް ބޭކާރު ކުރެވިގެން ދާނޭ،" ސާރާ ބުންޏެވެ.