ވެމްކޯ

މާދަމާއިން ފެށިގެން ކުނި ނަގާނީ ރޭގަނޑު

މާދަމާ އިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި ނަގަމުންދާނީ ރޭގަނޑު ދިހައަކުން ފެށިގެންނެވެ.

ކޮވިޑް ގެ ހާލަތާ އެކު ވެމްކޯގެ "ޑޯ ސްޓެޕް" ހިދުމަތް މުޅީން މެދުކަނޑައިލާ، ކުނި ނަގަމުން އަންނަނީ ކޮންމެ ގެއެއްގެ ވެސް ދޮރާށި ކައިރިން ކަމަށްވާއިރު، މިހާރު ކުނި ނަގަމުން އަންނަ ގަޑީގެެ ސަބަބުން މަގު މައްޗަށް ލޯޑު ބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިދިޔަ ހަފްތާ ރާއްޖެ ޓިވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމީ އެ ކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލް އަދި އެހެެނިހެން ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރުމަށް ފަހު އެފަރާތްތަކުގެ ލަފާއާއި އެކުގައި ކަމަށެވެ.

ކުނި ނަގާ ގަޑި އާއި ބެހޭގޮތުން ވެމްކޯއިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ގަޑި ބަދަލު ވުމާއި އެކު އެ ކޯޕަރޭޝަނުން ކުނި ނަގަމުން އަންނާނީ ރޭގަނޑު 10:00 އިން 12:00 އަށް ކަމަށެެވެ.

ވެމްކޯގެ ކުނި ނަގާ ގަޑި މާދަމާ އިން ފެށިގެން ބަދަލު ގެންނައިރު މާދަމާ އަކީ ސްކޫލު ކުދިންގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށޭ ދުވަހެވެ.