މިއަހަރު އިންޓަނޭޝަނަލް މެޗުތަކަށް އިންސާފު ކުރަން ރާއްޖެއިން ނޮމިނޭޓްވި ފަސް ރެފްރީންނަށްވެސް ފީފާއިން ބެޖު ދީފި އެވެ.
ފީފާއިން ވަނީ، ފީފާގެ ބެޖު ލިބުނު ރެފްރީންގެ ނަންތައް އާންމު ކޮށްފަ އެވެ. ބެޖު ދިނުމުގައި ފީފާއިން ވަނީ ފަސް ދާއިރާއެއް ކަނޑައަޅާފަ އެވެ. އެއީ ރެފްރީން، އެސިސްޓެންޓް ރެފްރީން، ވީއޭއާރް އެސިސްޓެންޓް، ބީޗް ސޮކާ ރެފްރީ އަދި ފުޓްސަލް ރެފްރީންނެވެ.
ރެފްރީންގެ ގޮތުގައި ނޮމިނޭޓް ކޮށް ފީފާގެ ބެޖު ލިބުނު ދިވެހި ރެފްރީންނަކީ، އާދަމް ފަޒީލް، މުހައްމަދު ޖާވިޒް އަދި ހުސައިން ސިނާން އެވެ. ފީފާގެ ބެޖު ލިބުނު ދިވެހި އެސިސްޓެންޓް ރެފްރީންނަކީ، އަހްމަދު އަބްދުﷲ އަދި ޖައުފަރު ރަޝީދެވެ.
ރެފްރީ އާދަމް ފަޒީލަށް ފީފާގެ ބެޖު އެންމެ ފުރަތަމަ ލިބުނީ 2016 ގަ އެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާ ވަނީ އޭޝިއާގެ އުމުރު ފުރާގެ މުބާރާތްތަކުގައި ރެފްރީކަން ކޮށްފަ އެވެ. އެގޮތުން އޭނާގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗަކީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގުލަދޭޝް ކުޅުނު މެޗެވެ. އޭނާގެ އެންމެ ހާއްސަ މެޗަކީ އިންޓަނޭޝަނަލް ޔުނިވަސިޓީ ގޭމްސްގެ އޯޕަނިން މެޗުގައި ރެފްރީކަން ކުރި މެޗެވެ. މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލުގައި މޮރިޝަސް އާއި ރީޔޫނިއަން ކުޅުނު މެޗުގައިވެސް އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ.
ޖާވިޒް ވަނީ އިންޑިއާގައި 2016 ވަަނަ އަހަރު ބޭއްވި އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ރެފްރީކަން ކޮށްފަ އެވެ. އެ އަހަރަކީ އޭނާ އަށް ފީފާގެ ބެޖު ލިބުނު ފުރަތަމަ އަހަރެވެ. އޭޝިއާގެ ފުޓްބޯޅައިގައި ވާދަވެރި ދެ ގައުމު ކަމަށްވާ އިރާން އާއި އިރާގް ބައްދަލު ކުރި ފައިނަލު މެޗުގައި އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ.
ރެފްރީ ހުސައިން ސިނާން އަށް ފީފާގެ ބެޖު އެންމެ ފުރަތަމަ ލިބުނީ މިދިިޔަ އަހަރު އެވެ. އެހެންނަމަވެސް އޭގެ ކުރިންވެސް އޭއެފްސީ އުމުރުފުރާގެ ލެވަލްގައިި އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ. އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗަކީ އިރާންގައި 2014 ގައި ބޭއްވި އޭއެފްސީ 14 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަންގައި ޕާކިސްތާނާ ތަޖަކިސްތާން ކުޅުނު މެޗެވެ.
އޭނާގެ އެންމެ ހާއްސަ މެޗަކީ ސާފް ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ މުބާރާތުގައި 2017 ގައި ބޫޓާން އާއި ނޭޕާލްގެ ކުރިމަތިލުމުގައި މެޗަށް އިންސާފު ކުރަން ނުކުތް މެޗެވެ.
އެސިސްޓެންޓް ރެފްރީ ޖައުފަރަށް އެންމެ ފުރަތަމަ ފީފާގެ ބެޖު ލިބުނީ 2012 ގަ އެވެ. އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި އޭނާ ރެފްރީކަން ކުރި އެންމެ ފުރތަމަ މެޗަކީ ސެންޓްރަލް އީސްޓް އޭޝިއަން ގޭމްސްގައި މެލޭޝިއާ އާއި އޮސްޓްރޭލިއާ ކުޅުނު މެޗެވެ. އިންޓަނޭޝަނަލް ރެފްރީއެއްގެ ގޮތުގައި އޭނާގެ އެންމެ ހާއްސަ މެޗަކީ އާސިއާން ސަރަހައްދުގެ 16 އަހަރުން ދަށުގެ ގޭމްސްގެ ފުޓްބޯޅަ މުބާރާތެވެ.
އެސިސްޓެންޓް ރެފްރީ އަހްމަދު އަބްދުﷲ އަށް ފީފާގެ ބެޖު އެންމެ ފުރަތަމަ ލިބުނީ 2015 ގަ އެވެ. އޭނާގެ ފުރަތަމަ މެޗަކީ ކެމްބޯޑިއާ އާއި މިޔަންމާ ކުޅުނު މެޗެވެ. އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި އޭނާގެ އެންމެ ހާއްސަ ހަނދާނަކީ 2018 ވަނަ އަހަރު އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމެވެ.
ރާއްޖޭގައި ފުޓްސަލް ކުޅުނަސް އިންޓަނޭޝަނަލް ސްޓޭންޑަޑްގެ މުބާރާތްތަކެއް ރާއްޖޭގައި ނުބާއްވަ އެވެ. ފީފާގެ ބެޖު ލިބުނު ފުޓްސަލް ރެފްރީއެއްވެސް ރާއްޖެ އަކު ނެތެވެ. ފުޓްސަލް އަކީ އިންޑޯ ސްޕޯޓްސް އެކެވެ. ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ ހަވާލު ކޮށްގެން އެފްއޭމުން ވަނީ މާލޭގެ ކުޅިވަރު އެކުވެނީގައި އިންޑޯ ފުޓްސަލް އެރީނާއެއް ހަދަން އެއްބަސް ވެފަ އެވެ.
އެ މަސައްކަތް ފަށާނީ އެފްއޭއެމުގެ ކުރީގެ އިމާރާތް ހުރި ތަނުގައި ހަދާ 20 ބުރީގެ އޮފިސް އިމާރާތް ނިމުމަށް ފަހު އެވެ. އޮފިސް އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީވެސް ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ އެވެ.
ފީފާ ބެޖު ހޯދުމަށް ރެފްރީން ނޮމިނޭޓް ކުރިއިރު ރާއްޖޭގެ އަންހެން ރެފްރީ އަކު ނެތެވެ. އެހެންނަމަވެސް ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ މަސައްކަތްތަކެއް މި ސީޒަންގައި ފަށާފަ އެވެ. ސީޒަން ހުޅުވި މެޗަށް އެފްއޭއެމުން ގެނައި ރެފްރީ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލު މެޗުގައި ރެފްރީކަން ކޮށްފައިވާ ހަންގޭރީގެ ވިކްޓާ ކަސާއީ އެވެ.
އޭނާ ވަނީ ދިވެހި ރެފްރީންނަށް ހާއްސަ ޓްރޭނިން ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ދިވެހި ޕްރިމިއާ ލީގްގައި ރާއްޖެއިން ބޭރުގެ ރެފްރީން މިހާރު ދަނީ ރެފްރީކަން ކުރަމުންނެވެ. އެފްއޭއުމުން ބުނީ ލީގަށް ބޭރުގެ ރެފްރީން ގެނައީ، އެ ރެފްރީންނާއެކު މަސައްކަތް ކޮށް ދިވެހި ރެފްރީންނަށް ކުރިއެރުން ހޯދައި ދިނުމުގެ މަގްސަދުގައި ކަމަށެވެ.